މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގެ ދަރިވަރަކަށް ފުލް ސްކޮލަޝިޕެއް ދީފި

29 Oct 2026 | 08:29
މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގެ ދަރިވަރަކަށް ފުލް ސްކޮލަޝިޕެއް ދީފި

މައުމޫން ފައުންޑޭޝަނުން ހަރަދުކޮށްގެން އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި މާސްޓާސް ފެންވަރުގެ ކޯހެއް ފުރިހަމަކުރުމަށް އެ ޔުނިވަރސިޓީގެ ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަޝިޕެއް ހަމަޖައްސައިފިއެވެ.

މި ސްކޮލަޝިޕް ލިބުނީ އައިޔޫއެމްގެ ދަރިވަރު މުޙައްމަދު ޝާން އަޙުމަދަށެވެ. ޝާން ކިޔަވާނީ އެ ޔުނިވަރސިޓީގެ "މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން" ކޯހުގައެވެ. ސްކޮލަޝިޕް ހަވާލުކޮށްދެއްވީ މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަޙުމަދު ފާރިސް މައުމޫނެވެ.

މި ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ އާއި ފޮތްތަކުގެ ޚަރަދާއި އެކެޑެމިކް ކޮންފަރެންސްތަކުގެ އެލަވަންސް އަދި މަހުން މަހަށް ދެވޭ ސްޓައިޕެންޑު ހިމެނޭ ގޮތަށް ހުރިހާ ޚަރަދެއް ބަލަހައްޓާނީ ފައުންޑޭޝަނުންނެވެ. ދަރިވަރު ހޮވުމުގެ މުޅި މަރުޙަލާ ކުރިއަށް ގެންގޮސްފައި ވަނީ އައިޔޫއެމްގެ ފަރާތުން މިނިވަންކަމާ އެކުގައި ކަމަށް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

ސްކޮލަޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފާރިސް މައުމޫން ވިދާޅުވީ "އައިޔޫއެމް ފަދަ ޢާންމުންގެ އިތުބާރު ލިބިފައިވާ މުހިންމު މުއައްސަސާއަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ފައުންޑޭޝަނަށް ލިބޭ ނުހަނު ބޮޑު އުފަލެއް" ކަމަށެވެ. އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. ޢަލީ ޒާހިރު ވިދާޅުވީ ދަރިވަރު ހޮވުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ފުރިހަމަ އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. އަދި މައުމޫން ފައުންޑޭޝަންގެ މަސައްކަތްތަކަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

މިދިޔަ އަހަރު ވެސް "މާސްޓާސް އޮފް އާޓްސް އިން ޤުރުއާނިކް ސްޓަޑީޒް" ކޯހުގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ފައުންޑޭޝަނުން ސްކޮލަޝިޕެއް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް