އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

2027 ވަނަ އަހަރަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެ 4.5 ބިލިއަން ކުޑަ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ލިބޭނެ ކަމަށް ލަފާކުރާއިރު، ޑެފިސިޓް 9.4 ބިލިއަނަށް އަރާނެއެވެ. އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ ކަމަށާއި ޖީއެސްޓީ ތްރެޝްހޯލްޑް 1.5 މިލިއަނަށް ބޮޑުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވިއެވެ.

29 Oct 2026 | 08:09
ހަސަން ޒަރީރު -- ފޮޓޯ: މަޖިލީސް

ހަސަން ޒަރީރު -- ފޮޓޯ: މަޖިލީސް

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިއީ މި އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ ޖުމްލައަކީ 59,704,440,795 ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާއެވެ. އެއީ ހިންގުމުގެ ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަދި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތަކަށް އެކަނި 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. މިއީ މި އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އެއީ ޖީޑީޕީގެ ނިސްބަތުން 7.3 އިންސައްތައެވެ. މި އަހަރު ނިމޭއިރު ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 7.6 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ 6.2 އިންސައްތައިގައެވެ.

މިނިސްޓަރު ވިދާޅުވީ، އާމްދަނީ އިތުރުކުރުމުގެ ގޮތުން އަންނަ އަހަރު ދައުލަތުން ނަގާ އެއްވެސް ޓެކުހެއް ބޮޑު ނުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ޓެކްސް ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދައި، އީ-އިންވޮއިސިންގ ނިޒާމެއް ތަޢާރަފުކޮށް، ޓެކުހުގެ ޤާނޫނުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން، ޖީއެސްޓީއަށް ރަޖިސްޓަރީކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރާނެއެވެ.

ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ ދާއިރާތަކުގެ ތެރޭގައި ޞިއްޙީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ، ބޯހިޔާވަހިކަމަށް 3 ބިލިއަން ރުފިޔާ، ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތަޢުލީމުގެ ލޯނަށް 651 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ. ތިލަފުށީ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ހުޅުވުމާއި، ތިލަމާލެ ބްރިޖު އަންނަ އަހަރުގެ ނިޔަލަށް ނިންމުމާއި، 250 މެގަވޮޓުގެ ސޯލާ ހަކަތައިގެ މަޝްރޫޢެއް ފެށުން ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

މި އަހަރުގެ ނިޔަލަށް ދައުލަތުން 11.7 ބިލިއަން ރުފިޔާގެ ދަރަނި އަނބުރާ ދައްކާނެ ކަމަށް ބެލެވޭތީ، އަންނަ އަހަރު ދަރަނި ދެއްކުމަށް ހޭދަވާނީ 4.5 ބިލިއަން ރުފިޔާ ކަމަށް ޒަރީރު ވިދާޅުވިއެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުނު ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އައި މިންވަރު ދަށްވެ، މި އަހަރުގެ އިޤްތިޞާދީ ދުވެލި 0.6 އިންސައްތައާއި 1.8 އިންސައްތައާ ދެމެދުގައި ހުންނާނެ ކަމަށް މިހާރު ލަފާކުރެވެއެވެ. އަންނަ އަހަރު އިޤްތިޞާދީ ދުވެލި 3.9 އިންސައްތައާއި 6.8 އިންސައްތައާ ދެމެދަށް އަރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް