ރަސްމާލެ މަޝްރޫއުގައި ސަމާލުވާންޖެހޭ އަށް ނުކުތާއެއް ޖަމްއިއްޔަތުއްސަލަފުން ހުށަހަޅައިފި

ރަސްމާލެ މަޝްރޫއުގައި އިސްލާމީ ޝަހްސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުމާއި، އިޒްރޭލު ރައްޔިތުންނަށް ޖާގަ ނުދިނުމާއި، ދެފުށް ފެންނަ ސިޔާސަތެއް ގާއިމުކުރުން ހިމެނޭ ގޮތަށް ޖަމްއިއްޔަތުއްސަލަފުން ސަރުކާރަށް އިލްތިމާސެއް ހުށަހަޅައިފިއެވެ.

29 Oct 2026 | 03:35
ރަސްމާލެ މަޝްރޫއުގައި ސަމާލުވާންޖެހޭ އަށް ނުކުތާއެއް ޖަމްއިއްޔަތުއްސަލަފުން ހުށަހަޅައިފި

ރަސްމާލެ މަޝްރޫއު ހިމެނޭހެން ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއުތަކުގެ ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް ތައްޔާރުކުރާއިރު ކަށަވަރުކުރަންޖެހޭ އަށް ކަމެއް ފާހަގަކޮށް ޖަމްއިއްޔަތުއްސަލަފުން މިއަދު ސަރުކާރަށް އިލްތިމާސެއް ހުށަހަޅައިފިއެވެ.

އެ ޖަމްއިއްޔާއިން ބުނީ، ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކޮށް އަދި އެހެނިހެން ގޮތްގޮތުން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި، ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން، ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ރިއަލް އެސްޓޭޓް އުސޫލުން ތަރައްގީކުރުމަށް ދޫކުރާ ގޮތަށް ރޭވިފައިވާ ކަމަށެވެ.

ޖަމްއިއްޔަތުއްސަލަފުގެ އިލްތިމާސްގައި ހިމެނޭ އަށް ނުކުތާގެ ތެރޭގައި އިސްލާމީ ޝަހްސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުމާއި، އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާ ދިރާސާކުރުމާއި، ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭ ގޮތަށް އިގްތިސާދީ ތަރައްގީ ބައްޓަންކުރުމާއި، ދެފުށް ފެންނަ ސިޔާސަތެއް ގާއިމުކުރުން ހިމެނެއެވެ. އޭގެ އިތުރުން ހުޅުވާލެވިފައިވާ އިގްތިސާދާއި ގައުމީ އަސާސްތަކާ ދެމެދު ހަމަހަމަކަން ގެނައުމާއި، ދާއިމީ މޮނިޓަރިން ނިޒާމެއް ހެދުމާއި، އިޖްތިމާއީ އަސަރުތައް ވަޒަންކުރުން ވެސް އެ ލިސްޓުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މުގައްދަސް ބިންތައް ފޭރިގެންފައިވާ އިސްތިއމާރީ އިޒްރޭލުގެ ރައްޔިތަކަށް މި މަޝްރޫއުން ޖާގަ ނުދިނުމަށް ވެސް އެ ޖަމްއިއްޔާއިން ގޮވާލާފައިވެއެވެ. އެއްބަސްވުންތައް ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާ އެކު، އިސްލާމީ އަދި އިޖްތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާކަން ބެލޭނެ ނިޒާމެއް ހެދުމަށް ވެސް އެ ޖަމްއިއްޔާއިން ބާރުއަޅާފައިވެއެވެ.

ޖަމްއިއްޔަތުއްސަލަފުން ރަސްމާލެ މަޝްރޫއު ދިރާސާކުރަން ފެށިކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ. އެ ޖަމްއިއްޔާއިން ބުނާ ގޮތުގައި މި މަޝްރޫއުގެ ހަގީގީ ތަސައްވުރު ޔަގީންވާނީ އެއްބަސްވުން އެކުލަވާލެވި، ކަމާ ގުޅޭ ގާނޫނު ވުޖޫދަށް އައުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް