ރަސްމާލޭގައި ރާ ވިއްކުމާއި އޫރުމަސް ވިއްކުމާއި ކެސީނޯ ހިންގުން ފަދަ އިސްލާމީ އުސޫލުތަކާ ފުށުއަރާ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ ވޯޓަރފްރަންޓާއި މެރީނާ މަޝްރޫއުގެ މަސައްކަތް ނިމި ހިދުމަތް ފެށި ނަމަވެސް، ދީނީ ހަމަތަކާ ހިލާފު އެއްވެސް އަމަލެއް ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެ މަޝްރޫއަކީ ރައްޔިތުންނަށް ސިއްރު އެއްވެސް ކަމެއް ނެތް، ހާމަކަން ބޮޑު މަޝްރޫއެއް ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ރަސްމާލެ ބިނާކުރުމަށް ރާވާފައި އޮތީ ޒަމާނީ އިމާރާތްތަކާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ވަސީލަތްތައް ހިމެނޭ، ތިމާވެށްޓާ ރައްޓެހި އިކޯ ސިޓީއެއްގެ ގޮތުގައެވެ. ސަރުކާރުން ބުނީ މި މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުސަތުތައް ފަހިވެ، ދިވެހި ރައްޔިތުންނަށް އިގްތިސާދީ ގޮތުން ގިނަ މަންފާތައް ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް