ކުރުވާހަކަ: އަހަރެން ސަލާމަތް ނުކުރީ ކީއްވެހެއްޔެވެ؟

މިއަދުވެސް އަހަރެންނަށް އެ އަޑު ތަކުރާރުކޮށް އިވޭ ކަހަލައެވެ. އެކަހެރި ކަމާއިއެކު މަސައްކަތެއްގައި މަސްޣޫލުވެ އުޅޭނަމަ ކުއްލިއަކަށް ހަމަ އެ އަޑު އިސާހިތަކު އަހަރެންގެ ކަންފަތަށް އިވިގެން ދެއެވެ. ތަކުރ...

29 Oct 2019 | 05:06

މިއަދުވެސް އަހަރެންނަށް އެ އަޑު ތަކުރާރުކޮށް އިވޭ ކަހަލައެވެ. އެކަހެރި ކަމާއިއެކު މަސައްކަތެއްގައި މަސްޣޫލުވެ އުޅޭނަމަ ކުއްލިއަކަށް ހަމަ އެ އަޑު އިސާހިތަކު އަހަރެންގެ ކަންފަތަށް އިވިގެން ދެއެވެ. ތަކުރާރުކޮށެވެ. ރޮއެ އާދޭސް ކުރަމުންނެވެ. "އަހަރެން ސަލާމަތްނުކުރީ ކީއްވެ ހެއްޔެވެ؟" މި އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއިއެކު މުޅި މީހާ ފިނިވެ، ތުރުތުރު އަޅައިގެން ދެއެވެ. އަދި ބައެއް ފަހަރަށް ހޭ ނެތި، ފަރުވާ ކުރާ ހިސާބަށްވެސް ކަންތައްތައް ދެއެވެ. އެހެނަސް އަދިވެސް އަހަރެންނަށް އެ އަޑު ތަކުރާރުކޮށް އިވެއެވެ. ހުއްޓުމެއްނެތިއެވެ. ފަރުވާކުރަން ދަތި ނަފްސާނީ ކަމަކަށް ވެއްޖެއެވެ.

އަހަރެން އެތައް ފަހަރެއްގެ މަތިން މި ވާހަކަތައް ޢާއިލާ މީހުންނާއި ރައްޓެހިންނާއި ޙިއްޞާކުރެވޭތޯ މަސައްކަތް ކުރީމެވެ. އެހެނަސް އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރާ މީހުންނަށްވުރެ ގިނައީ މި ވާހަކަތަކުގައި ފަސް އަޅައި ފޮރުވާލާ މީހުންނެވެ. އަހަރެންވެސް އެ ވާހަކަތަކަށް އޭރު ފަސްއަޅައި ފޮރުވާލި ފަދައިންނެވެ. އަހަރެންގެ ވާހަކަތައް ޤަބޫލުކުރަން ބޭނުންނުވާ މީހުން ބުނެއެވެ. އެއީ އަހަރެން މާބޮޑަށް އަދިވެސް އެކަމާ ވިސްނާތީ ވާގޮތެއް ކަމެވެ. ނޫންނަމަ، އަހަރެންނަށް މާ ބުރަކޮށް އުޅެވޭތީ އިވޭ އަޑުތަކެއް ކަމެވެ. މިކަހަލަ ކޮންމެވެސް ވާހަކައަކުން އަހަރެންގެ އުދާސްތަކުގައި މަތި އަޅައި ބަންދުކޮށްލާނެއެވެ. އަދި އަހަރެންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދޭނެތެވެ. އެހެނަސް އަހަރެން އެ އަޑުތަކަށް ބީރު ކަންފަތެއް ދޭނީ ކިހިނެއް ހެއްޔެވެ؟ އެ އަޑުގައި މަތިއަޅައި ބަންދު ކުރާނީ ކިހިނެއް ހެއްޔެވެ؟ ޚުދު އަހަރެންގެ ދަރިފުޅުގެ އަޑަށް ބީރު ކަންފަތެއް ދޭނީ ކިހިނެއް ހެއްޔެވެ؟

އެއީ މީގެ ދެތިން އަހަރު ކުރިއެވެ. އަހަރެންނާއި އަހަރެންގެ ޢާއިލާ ދިރިއުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. އެ އުފާވެރި ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމަކާއި އުޖާލާކަމެއް ގެނުވައިދިނީ އަހަރެމެންގެ ލޯބިވާ ދަރިފުޅު ޝިޔާންއެވެ. ޝިޔާންއަކީ ވިސްނުންތޫނު ކިޔެވުމަށް މޮޅު ކުއްޖެކެވެ. އެހެނަސް ބަސްމަދު ކުއްޖެކެވެ. އެހެން ކުދިންހެން ސަކަރާތް ޖެހުމާއި ހީނ ސަމާސާކުރުން ފަދަ ކަންކަން ޝިޔާންގެ ފަރާތުން ފެނިގެންދާނީ މަދު ފަހަރެއްގައެވެ. ޝިޔާންގެ އެކުވެރިންނާއިއެކު ހޭދަކުރާ ވަގުތުތަކަށްވުރެ ޝިޔާން އެކަނިމާއެކަނި ކޮމްޕިއުޓަރު ދަށުގައި އިންނަ ވަގުތުތައް ގިނަވާނެއެވެ. އަހަރެންނަށް ޝިޔާން ކީއްކުރަނީތޯ ބަލައި ނުލެވުނަސް އަހާލާ ކޮންމެ ފަހަރަކު، ކޮންމެވެސް ޕްރޮޖެކްޓެއް ނުވަތަ ސްކޫލަށް ގެންދަންޖެހޭ މުހިންމު އެއްޗެއް ހަދަނީ ކަމަށް ބުނެ ނިންމާލާނެއެވެ.

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އާދައިގެ މަތީން އެދުވަހުވެސް ޝިޔާން ސްކޫލް ނިންމާލުމަށްފަހު، ގެއަށް އައިސް ކޮމްޕިއުޓަރު ދަށުގައި އިށީންދެއްޖެއެވެ. އެހެނަސް އެހެން ދުވަސްތަކާއި ޚިލާފަށް އެ ދުވަހު، ކޮމްޕިއުޓަރާއި އެކު ޝިޔާން ހޭދަކުރި ވަގުތު ގިނައެވެ. ކާން ގޮވުމުންވެސް ކާހިތެއް ނެތް ކަމަށްބުނެ ފަރުޖައްސާލީ އެއްވެސް ހާސްކަމެއް ދެއްކުމެއް ނެތިއެވެ. އެހެންވެ އަހަރެންވެސް ޝިޔާންއަށް މާ ބޮޑު ސަމާލުކަމެއް ނުދީ، ޖޫސް ތައްޓެއް ޝިޔާންގެ ކޮޓަރިއަށް ގެންގޮސް ދިނުމަށްފަހު އައިސް ނިދީމެވެ.

އާދައިގެ ގޮތަކަށް ދުވަސްތައް ވޭތުވަމުން ދިޔައެވެ. ޝިޔާން ކޮމްޕިއުޓަރާއި އެކު ހޭދަކުރާ ވަގުތުތައް އެތައް ގުނައަކަށް ގިނަ ވެއްޖެއެވެ. އަދި ޝިޔާން އޭނާގެ ކިޔެވުމަށްދޭ ސަމާލުކަން ކުޑަވެ، މުދައްރިސުންގެ ފަރާތުން އަންނަ ޝަކުވާތައް ގިނަވަން ފަށައިފިއެވެ. ވަކި މުދައްރިސެއް ނޫނެވެ. ގާތް ގަނޑަކަށް ބުނާނަމަ، ހުރިހާ މުދައްރިސުން ވެސް ބުނަމުން ގެންދިޔައީ އެއް ވާހަކައެކެވެ. ޝިޔާންގެ ފަރާތުން މިހާރު ކިޔެވުމަށް ކުރާ މަސައްކަތްތައް ނުފެންނަ ވާހަކައެވެ. ފިލާވަޅު ނުހަދާ ތަކުރާރުކޮށް ކްލާހަށް ޙާޒިރުވާ ވާހަކައެވެ. ފޮތް ނުގެނެސް، ކްލާސް ގަޑިތަކުގައި އަބަދުވެސް ބޮލަށް ތަދުވާ ވާހަކަ ބުނުމެވެ. މިފަދަ އެތައް ކަމެކެވެ.

އަހަރެން ޝިޔާން ގާތުގައި މި ވާހަކަތައް ތަކުރާރުކޮށް އެހީމެވެ. ބައެއް ފަހަރު ކިޔަވާ ހިތް ނުވާ ވާހަކަ ބުނެއެވެ. އަދި ސްކޫލަށް ދާން ބޭނުން ނުވާ ވާހަކަވެސް މެއެވެ. އެހެނަސް، ކޮންމެވެސް އެއްޗެކޭ ކިޔައިގެން ގަދަކަމުން ނަމަވެސް އަހަރެން ޝިޔާން ސްކޫލަށް ފޮނުވަމެވެ. އެއީ އަހަރެންނަށް ޝިޔާންގެ ތަޢުލީމު މުހިންމު ކަމަށް ދެކެވުމުންނެވެ. ޓީޗަރުންގެ ކުރިމަތީގައި އަހަރެންގެ އަގު ވެއްޓިގެން ނުދިއުމަށެވެ. އަދި އަހަރެންގެ ދަރިފުޅަކީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް ހެދުމަށެވެ.

ސްކޫލަށް ދާން އިންކާރު ކުރުމާއި ބޮލަށް ތަދުވާ ވާހަކައާއި ކިޔެވުން މަތިން ފޫހިވާ ވާހަކައަކީ ޝިޔާންގެ ފަރާތުން އަބަދު އިވެމުންދިޔަ ވާހަކަ ތަކެކެވެ. އެހެނަސް އަހަރެން އެ ވާހަކަތަކަށް ދިނީ ބީރު ކަންފަތެކެވެ. އަހަރެން ހީކުރީ ގްރޭޑް 10 ގެ އަހަރު ބުރަކަމުން، ސްކޫލަށް ނުދާންވެގެން ޝިޔާން ދައްކާ ބަހަނާތަކެއް ކަމަށެވެ. އެހެންކަމުން ޝިޔާންގެ ނަތީޖާ ދުވަހެއް ދުވަހަކަށް ދަށްވަމުން ދިޔައެވެ. ކުރީގައި ކްލާހުން ރަން ވަނަތައް ހޯދި ޝިޔާން ގްރޭޑް 10 ގެ އަހަރުގައި ފާސްވީ ހަމަ ކިރިޔާއެވެ. އެއީ ސްކޫލް ޓެސްޓް ތަކެވެ. ސާނަވީ އިމްތިޙާންގެ ދުވަސްތައް ކުރިއަށް އޮތުމާއި ގުޅިގެން އަހަރެން ޝިޔާންއަށް ނަޞޭޙަތް ދޭން ފެށީމެވެ. ޝިޔާން އެގޮތަށް އުޅުމުން އަހަރެން ދެރަވާ ވާހަކައާއި ޝިޔާންގެ ސަބަބުން އިވޭ ވާހަކަތަކުން އަހަރެން ލަދުގަންނަ ވާހަކައެވެ. އަދި ކުދިންގެ ފަރާތުން ޝިޔާން އަށް މަލާމާތްތައް ރައްދުވަނީ ނުކިޔަވާ އުޅުމުގެ ސަބަބުން ކަމަށްވެސް ޝިޔާންގެ ޅަ ސިކުނޑިއަށް އަހަރެން ވިސްނަ ދިނީމެވެ. އެއީ ޝިޔާންގެ އިމްތިޙާނަށް ހަފްތާއަކަށް ވެފައިވަނިކޮށް އަހަރެން ޝިޔާންއަށް ދިން އެންމެ ފަހު ނަޞޭޙަތެވެ.

އަހަރެން އަދިވެސް އެކަން ވަރަށް ރަނގަޅަށް ހަނދާން އެބަ ހުއްޓެވެ. އިއްޔެ ހިނގައިދިޔަ ކަމެއް ފަދައިންނެވެ. އެ ދުވަސް ވެގެން ދިޔައީ ޝިޔާންގެ ޙަޔާތުގައި ނުހަނު ބޮޑު ދުވަހަކަށެވެ. އަދި އަހަރެންނަށް ހިތުން ފިލުވާލަން ދަތި ދުވަހަކަށެވެ. ޝިޔާންގެ އިމްތިޙާންތައް ފެށުނު ދުވަހެވެ. އަހަރެން އެ ދުވަހު އޮފީހަށް ސަލާމްބުނެފައި ގޭގައިވެސް މަޑުކުރީ ޝިޔާންއަށްޓަކައެވެ. ޝިޔާން އެންމެ ގަޔާވާ ނާސްތާ ތައްޔާރު ކުރުމަށްފަހު، ޝިޔާންއަށް ގޮވުމަށްޓަކައި ދިޔައީމެވެ. ދެތިން ފަހަރަކު ދޮރުގައި ޓަކި ދިނުމަށްފަހު ދިޔައީމެވެ. ހޭލާނެ ކަމަށެވެ. އެހެނަސް ޝިޔާންގެ ޚަބަރެއް ނުވެއެވެ. އިމްތިޙާންއަށް ދާން ގަޑިޖެހޭތީ އަނެއްކާވެސް ގޮސް ދޮރުގައި ޓަކި ދިނީމެވެ. އެތައް ފަހަރެއްގެ މަތިންނެވެ. ޝިޔާންގެ ހިލަމެއްވެސް ނުވެއެވެ. އިމްތިޙާން އޮތްކަން އެނގޭތީ ބިރުން ދޮރު ނުހުޅުވާންވެސް އޮވެދާނެއެވެ. އެހެންވެ ވަރަށް އަވަސް އަރުވާލާފައި ގޮސް އަހަރެން ޝިޔާންގެ ބައްޕަ ހޭލައްވައިގެން އެ ކޮޓަރީގެ ތަޅުދަނޑި ހޯދައިގެންގޮސް ޝިޔާންގެ ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. ދޮރު ހުޅުވާލެވުމާއިއެކު، އަހަރެން ހުރިތަނަށް ގަނޑުވެގެން ދިޔައެވެ. އަނގައިން ބަހެއްވެސް ނުބުނެވުނެވެ. އެވަގުތު، މީހަކު އައިސް އަހަރެންގެ ހަށިގަނޑުން އަހަރެންގެ ފުރާނަ ވަކިކޮށްލައިގެން ގެންދިޔަ ފަދައެވެ. އަހަރެންގެ ލޯ ކުރިމަތީގައި ހުރީ އަހަރެންގެ ދަރިފުޅުގެ ފުރާނަނެތް މަސްގަނޑެވެ. ފަންކާގައި އެލިފާއޮތް ބެޑްޝީޓްގައި ކަރުގައި އޮޅައިގެން ދަންޖެހި މަރުވެފައި ހުރީ ހަމަ އަހަރެންގެ ޝިޔާންއެވެ. އެ ދުވަހު އަހަރެންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ގެއްލިގެން ދިޔައެވެ. އުންމީދުކުރަމުން ފެންދެމުން އައި ފަސްމީރު ރުކުގެ ކުރި އެއްކޮށް މަރުވެ ދިޔައީއެވެ.

އެކި މީހުން ތަފާތު ވާހަކަތައް ފަތުރަމުން ދިޔައެވެ. އެކި ނޫސްތަކުގައި އެކި ގޮތަށް ލިޔެފައި ވެއެވެ. ރައްޓެހިންނާއި ގާތް ތިމާގެ މީހުންނާއި ޝިޔާންގެ މުދައްރިސުންނާއި އެކުވެރިން ކުރަމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. " ޝިޔާން އަމިއްލައަށް ދަންޖެހި މަރުވީ ކީއްވެހެއްޔެވެ؟" އޭރު އަހަރެން އެ ސުވާލަށް ޖަވާބުދޭނީ ކޮން ޙައިޞިއްޔަތަކުންކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގުނެވެ. އަހަރެންވެސް އެ ސުވާލުގެ ޖަވާބު ނުހަނު ބޭނުންވިއެވެ. އެހެންމީހުނަށްވުރެ ބޮޑަށް އަހަރެން އެ ސުވާލުގެ ޖަވާބު ހޯދަން މަސައްކަތްކުރީމެވެ. އެހެނަސް އޭރު އަހަރެންނަށް އެ ސުވާލުގެ ޖަވާބު ލިބުންވީ އިންތިހާއަށް ދަތި ކަމަކަށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންނަށް އެ ގޭގައި ދިރިއުޅުމަކީ ބޮޑު ވޭނަކަށް ވެގެން ދިޔައެވެ. އަހަރެންނަށް ޝިޔާން ފެންނަ ކަހަލައެވެ. ޝިޔާން އައިސް އަހަރެންނާއި އެތައް ފަހަރަކު ވާހަކަދައްކައެވެ. އަހަރެންނަށްވެސް ބޭއިޚްތިޔާރުގައި ވާހަކަދެއްކެއެވެ. އެހެނަސް އާޚިރުގައި އެއްވެސް މީހެއް ފެންނާކަށް ނުހުރެއެވެ. މިފަދަ އެތައް ސަބަބުތަކަކާއި ހުރެ އަހަރެމެން އެހެން ގެއަކަށް ބަދަލުވާން ނިންމީމެވެ. އެހެން ގެއަކަށް ބަދަލުވުމުގެ ކުރިން، ޝިޔާންގެ ކޮޓަރީގައި ހުރި ބައެއް ސާމާނުތައް އެކުގައި ގެންދިއުމަށް އަހަރެން ބޭނުންވިއެވެ.

އެ ކޮޓަރިއަށް ވަނުމާއިއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ޝިޔާން ރެޔާއި ދުވާލު ޕްރޮޖެކްޓްތައް ހަދަމުން އައި ކޮމްޕިއުޓަރެވެ. އަހަރެންގެ އަތުން، ޕާރސްވާރޑެއްވެސް ނެތް އެ ކޮންޕިއުޓަރު ހުޅުވާލި އެއީ ފުރަތަމަ ފަހަރެވެ. ކޮންޕިއުޓަރު ހުޅުވާލުމާއިއެކު ހިތް ކުދިކުދި ވެގެން ދިޔަ ކަހަލައެވެ. ކޮންޕިއުޓަރުގެ ބޭރުގައި ފެންނަން އިން ތަސްވީރުގައި ސާފުކޮށް ލިޔެފައި ވެއެވެ. " އައި އޭމް ސޮރީ " އެވެ. އަދި އެ ކޮންޕިއުޓަރުގައި ވަނީ ހަމަ އެންމެ ފައިލެކެވެ. އަހަރެން އެ ފައިލް ހުޅުވާލީމެވެ. އޭގައި ތަފްޞީލުކޮށް ކޮންމެ ދުވަހެއްގައި ޝިޔާން ކުރިމަތިލަމުން ގެންދިޔަ ކަންކަން ލިޔެފައިވެއެވެ. ވަކިވަކީންނެވެ.

ކިޔަވަން ފޫހިވާ ވާހަކައާއި، ކުދިން ދިމާކުރާ ވާހަކައެވެ. ޓީޗަރުން ހަޅޭލަވާ ވާހަކައާއި އަބަދު މަންމައަށް ގުޅާނެ ކަމުގެ އިންޒާރުތަކުގެ ވާހަކައެވެ. އަދި ފިލާވަޅު ހެދިޔަސް ކުދިން އޭނަގެ ފޮތް އަތުލައި އެ ގަނޑުތައް ކަނޑާލާ ވާހަކައެވެ. ޓީޗަރު ގާތު މިވާހަކަތައް ބުނުމުން ޝިޔާން ކުށްވެރި ކުރާ ވާހަކައެވެ. އަދިވެސް ލިޔެފައިވެއެވެ. މަންމަ އާއި ބައްޕަ ދެކެ ޝިޔާން ނުހަނު ލޯބިވާ ވާހަކައެވެ. މަންމައާއި ބައްޕަ އުންމީދުކުރިފަދަ ކުއްޖަކަށް ނުވެވުނީތީ މާފަށް އެދޭ ވާހަކަތަކެވެ. އަދި ޝިޔާންގެ ސަބަބުން މަންމައާއި ބައްޕަ މީގެ ފަހުން ލަދުގަންނަން ނުޖެހޭނެކަމާއި ދެރަވެސް ނުވާނެ ވާހަކަ އޭގައި ލިޔެފައި ވެއެވެ. އަދި އެންމެ ފަހު ޞަޕްޙާގައި ލިޔެފައި ވެއެވެ. " މަންމާއެވެ. ޝިޔާންއަށް މާފްކޮށްދޭށެވެ. ޝިޔާންއަކީ މަންމަ އެދުނުފަދަ މޮޅު ކުއްޖަކަށް ނުވެވުނީތީއެވެ. މަންމަ ދެރަކޮށް ލަދުގަންނަވަން ދެން ޝިޔާން އިތުރަށް ބޭނުމެއް ނުވެއެވެ. ޝިޔާން މަންމަ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންވެ ޝިޔާން މިދަނީ މަންމައާއި ބައްޕައާއި ދުރަށެވެ. މަންމަ ލަދު ނުގަންނާށެވެ. މަންމަ ދެރަވެސް ނުވާށެވެ. ޝިޔާން މި ދަނީ އެވެ. މަންމަ ލަދު ނުގަންނާށެވެ. ޝިޔާން މި ދަނީއެވެ.މަންމަ ލަދު ނުގަންނާށެވެ."

އަހަރެންނަކީ ކޮންފަދަ ފަރުވާކުޑަ މައެއް ހެއްޔެވެ؟ ޚުދު އަހަރެންގެ ދަރިފުޅު އަހަރެންގެ އަޅާލުމާއި އޯގާތެރިކަމަށް ސަލާންޖެހި އިރުވެސް އަހަރެންނަށް ބީރު ކަންފަތެއް ދެވުނީ ކީއްވެ ހެއްޔެވެ؟ އެ ދަރިފުޅަށް އެއީ އަހަރެންގެ އުފާވެރި ކަމުގެ ހިނިތުންވުން ކަމުގައި ބުނެ ނުދެވި އެއީ އަހަރެންގެ ހިތާމައިގެ ސަބަބެއްކަމަށް ބުނެދެވުނީ ކީއްވެހެއްޔެވެ؟ އަހަރެންނަކީ ކޮންފަދަ ދެރަ ނިކަމެތި ބަދުނަސީބު މަންމައެއް ތޯއެވެ؟ އަހަރެންގެ ދަރިފުޅު އަހަރެންނާއި ވަކިވެގެން އެ ދިޔައީ އަހަރެންގެ ފަރުވާކުޑަކަމުންނެވެ.

މިއަދުވެސް މިފަދަ އެތައް ސުވާލެއް އަހަރެންގެ ހިތައް އަރައެވެ. އަދި އެ ސުވާލުތައް އަހަރެންގެ ޒަމީރު ނިކަމެތިކޮށްލައެވެ. އަހަރެންނަކީ ޤާތިލެއްކަމަށް ބުނެ އިޝާރާތްކުރެއެވެ. ރެޔާއި ދުވާލު ތަކުރާރުކޮށް ގޮވައެވެ. " މަންމާއެވެ! އަހަރެން ސަލާމަތްނުކުރީ ކީއްވެގެން ހެއްޔެވެ؟ "

-ނިމުނީ-

ލިޔުނީ: އާމިނަތު ޝާނާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް