ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުންތަކާއިމެދު ސުޕްރީމް ކޯޓުން ބަލަމުން އަންނަ މައްސަލަތަކުގައި ގޮތެއް ނުނިންމި ތިބި ހަތަރު މެމްބަރުންގެ މައްސަލައިގެ ހުކުމް އިއްވުން މާދަމައަށް ތާވަލުކޮށްފިއެވެ.
އެގޮތުން ތާވަލުކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލައިގެ ހުކުމް އިއްވުމެވެ.
އެ 12 މެމްބަރުންގެ ތެރެއިން އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ވަނީ ހުކުމް ކޮށްފައެވެ. އެގޮތުން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް މިއަދުވެސް ހުކުމް ކުރިއެވެ.
މާދަމާ ހުކުމް އިއްވަން ތާވަލުކޮށްފައިވާ ހަތަރު ބޭފުޅުންގެ މައްސަލަ ވެސް ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް