ފަރުދުންނާއި ވިޔަފާރިތަކަށްވެސް ހުށަހެޅޭ ފައިނޭންސިން ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކުން ތައާރަފް ކޮށްފި

ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް މިއަދު ޖެނެރަލް ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ. ބޭންކުން ހާމަކޮށްފައިވާގޮތުގައި މި ފެސިލިޓީގެ ދަށުން ޝަރީޢާ ހު...

29 Oct 2018 | 13:00

ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް މިއަދު ޖެނެރަލް ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ.

ބޭންކުން ހާމަކޮށްފައިވާގޮތުގައި މި ފެސިލިޓީގެ ދަށުން ޝަރީޢާ ހުއްދަކުރާ ކޮންމެ ބޭނުމަކަށްވެސް 50،000 ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ ފައިނޭންސް ހަމަޖެހޭނެއެވެ. ޕްރޮޖެކްޓުގެ ނުވަތަ ގަންނަން ބޭނުންވާ ތަކެތީގެ ޖުމްލަ އަގުގެ 70 އިންސައްތަ އާ ހަމަޔަށް ބޭންކުން ފައިނޭންސް ހަމަޖައްސައިދޭއިރު މަހުންމަހަށް ފައިސާ ދައްކާ ޚަލާސްކުރުމަށް  12 މަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ " އިސްލާމީ އުސޫލުތަކުގެ މަތިން ތަފާތު އެކި ކަންކަމަށް ބޭނުންވާ ފައިނޭންސް ފެސިލިޓީއެއް ތައާރަފްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.  މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހަރުމުދާ ގަތުމާއި، އާ ވިޔަފާރި އެއް ފެށުމަށާ އަދި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސަށްވެސް އެދި ހުށަހެޅޭނެއެވެ. މިއާއެކު ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ."

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންކަމުގައި ބޭންކުން ހާމަކުރެއެވެ.

ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުންނާއި އަދި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޖެނެރަލް ފައިނޭންސް އަށް އެދި ހުށަހެޅޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް