އައްޑޫ ސިޓީގެ ދެ ސަރަހައްދެއް ހިމާޔަތް ކުރަން އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.
އީޕީއޭ އިން ހިމާޔަތް ކުރަން ނިންމާފައި ވަނީ އައްޑޫ ސިޓީގެ އެތެރެވަރިއަށް ފެތިފައިވާ "ބްރިޓިޝް ލޯޔަލްޓީ" ނައު އޮތް ސަރަހައްދާއި، ކަނޑިހެރަ މާކަނޑު ކަނޑުއޮޅި އާއި އެތަން ވަށައިގެންވާ ކަނޑާއި ފަރާއި ފަޅާއި އެއްގަމުގެ ސަރަހައްދެވެ.
އީޕީއޭއިން ބުނެފައިވާ ގޮތުގައި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެ ދެ ސަރަހައްދު ހިމާޔަތް ކުރަން ނިންމާފައިވަނީ އެ ސަރަހައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމާއި ބެލެހެއްޓުމާއި އެ ސަރަހައްދުގެ ގުދުރަތީ މާޙައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ލިއްބައިދިނުމަށް ޓަކައި ކަމަށެވެ.
އެ ސަރަހައްދުގައި ފީނުމާއި އަދި އެހެނިހެން މޫދުގެ ހަރަކާތްތައް ހިންގުމުގައި، އެ ސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކުން އެތަނުގެ މާހައުލަށާއި ދިރުންތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކުރުމަށް އެ ސަރަހައްދު ހިމާޔަތް ކުރުމަށް ހަދާފައިވާ ގަވާއިދުގެ ދަށުން އީޕީއޭ އިން ވަނީ އަންގާފައެވެ.
ހަމައެއާއެކު އެފަދަ ހަރަކާތްތައް ހިންގުމަށް ހަ މަސް ދުވަހުގެ ފަހުން ވިޒިޓާ ފީއެއް ނަގަން ފަށާނެ ކަމަށާއި، އެ ފީ ޖަމާ ކުރެވޭނީ އެސަރަހައްދު ބެލެހެއްޓުމަށާއި ސިޓީގެ ތިމާވެށި ހިމާޔަތްކުރުމަށާއި އިޖްތިމާޢީ އެކިއެކި ހަރަކާތްތައް ހިންގުމަށް ބޭނުން ކުރެވޭނެ ޓްރަސްޓް ފަންޑަކަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް