ލަންކާ މަސްރަހު: ވަކި ކުރި މިނިސްޓަރަކު އޮފީހަށް ވަންނަން އުޅުމުގެ ތެރޭގައި އެއް މަރު

އަވަށްޓެރި ސްރީ ލަންކާގެ ސިޔާސީ މަސްރަހަށް އައި ކުއްލި ބަދަލާއެކު ކުރީގެ ރައީސް މަހިންދު ރާޖަޕަކްޝްޔަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައިވާއިރު އެ ގައުމުގައި މިހާރު ވަނީ ސިޔާސީ ހަލަބޮލިކަން އިތުރުވެ ހ...

29 Oct 2018 | 03:06

އަވަށްޓެރި ސްރީ ލަންކާގެ ސިޔާސީ މަސްރަހަށް އައި ކުއްލި ބަދަލާއެކު ކުރީގެ ރައީސް މަހިންދު ރާޖަޕަކްޝްޔަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައިވާއިރު އެ ގައުމުގައި މިހާރު ވަނީ ސިޔާސީ ހަލަބޮލިކަން އިތުރުވެ ހަމަނުޖެހުންތަކަކާއި ހަމައަށް ގޮސްފައެވެ.

އެގޮތުން އިއްޔެގެ ހަމަނުޖެހުންތަކުގައި އެކަކު ވަނީ މަރުވެފައެވެ. އެކަކު މަރުވެފައިވަނީ ރާޖަޕަކްޝްޔަ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށްފަހު މަގާމުން ވަކިކޮށްފައިވާ މިނިސްޓަރަކު އޮފީހަށް ވަންނަން އުޅުމުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކެއްގައެވެ.

ލަންކާގެ މަސްރަހު މިދިޔަ ހުކުރު ދުވަހުން ފެށިގެން ހޫނުވެފައިވާއިރު ރައީސް މަތުރިޕާލަ ސިރިސޭނަ ބުނެފައިވަނީ ކުއްލި ގޮތަކަށް ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް ބޮޑުވަޒީރުކަމުގެ މަގާމަށް ރާޖަޕްކްޝްޔަ އައްޔަން ކުރަންޖެހުނީ ރައީސް އަވަހާރަކޮށްލަން ސިރިސޭނަ ރޭވުމުން ކަމަށެވެ.

ބޮޑުވަޒީރު ކަމަށް އައްޔަން ރާޖަޕަކްޝްޔަ އައްޔަން ކުރެއްވުމަށްފަހު ސިރިސޭނަ ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އަންނަ މަހުގެ 16 އާއި ހަމައަށް ހުއްޓުމަކަށް ގެނެސްފައެވެ. އެގޮތަށް އެކަން ކޮށްފައިވަނީ ރަނިލްއަށް ތާއީދު އޮތްތޯ ބަލަން ރަނިލް މަޖިލީހަށް ހުށަހެޅުމުންނެވެ.

މި ދަނޑިވަޅުގައި ރާޖަޕަކްޝްޔައަށް ތާއީދު ކުރުމަށް މަޖިލިސް މެމްބަރުންނަށް އޭނާ ގޮވާލައްފައިވާއިރު ބައެއް މުރާސިލުން ތުހުމަތުކުރާގޮތުގައި ލަންކާގެ ސިޔާސީ މަސްރަހަށް މި އައި ކުއްލި ބަދަލަކީ ޗައިނާ އަޑީގައި އޮވެ ކުޅޭ ޖިއޯ ޕޮލިޓިކްސްގެ ކުޅިގަނޑެކެވެ.

ހަމަނުޖެހުން އިތުރުވެ އިއްޔެ މީހަކު މަރުވެފައިވަނީ މަގާމުން ވަކިކޮށްފައިވާ ޕެޓްރޯލިއަމް މިނިސްޓަރު އަރްޖުނަ ރަނަތުންގަ މިނިސްޓްރީއަށް ވަންނަން އުޅުމުގެ ތެރޭގައިއެވެ. ލަންކާ ފުލުހުން ބުނެފައިވަނީ ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށް ބަޑި ޖަހަން ޖެހުނު ކަމަށާއި ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެ ދެ މީހަކު ޒަހަމްވެފައިވާކަމަށެވެ.

މިހާތަނަށް ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން، އައު ބޮޑުވަޒީރުގެ ގޮތުގައި ރާޖަޕަކްޝްޔަ ބަލައިގެންފައިވާއިރު އދ އިން ވަނީ ގާނޫނު އަސާސީގެ މަގުން ދިމިގްރާތީ ހަމަތަކަށް ބޯލަނބައި ގައުމު ހަމަމަގަށް އެޅުވުމަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް