ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި، މަޝްހޫރު ފުޓްބޯޅަ ކްލަބް ލެސްޓަރ ސިޓީގެ ވެރިޔާ ވިޗައި ސްރިވައްދަނަޕްރަބާ މަރުވެއްޖެއެވެ. ހެލިކޮޕްޓަރުގައި ތިބި އިތުރު ހަތަރު މީހަކުވެސް އެ ހާދިސާގައި މަރުވެފައިވެއެވެ.
މި ހާދިސާގައި ތައި ވިޔަފާރިވެރިޔާ ވިޗައި މަރުވެފައިވާކަން ލެސްޓަރގެ ފުލުހުންނާއ ލެސްޓަރ ސިޓީ ކްލަބުން ކަށަވަރުކޮށްދީފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާގެ ހެލިކޮޕްޓަރު ވެއްޓި ގޮވާފައިވަނީ ޕްރިމިއަރ ލީގުގެ މެޗެއް ބެލުމަށްފަހު ދިޔަ މަގުމަތީގައި ހޮނިހިރު ދުވަހުއެވެ.
ވިޗައި މަރުވެފައިވާކަން ހާމަކޮށް އެ ކްލަބުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްލަބްގެ ޗެއަރމަން މަރުވެފައިވާކަން ހާމަކުރަނީ ފުން ހިތާމަޔާއި އެކުގައި ކަމަށާއި، އިތުރު ހަތަރު މީހަކު މަރުވި ހާދިސާގައި ވިޗައި މަރުވިކަން ކަށަވަރުކޮށްދޭ ކަމަށެވެ.
ލެސްޓަރގެ ފުލުހުން ބުނެފައިވާގޮތުގައި ލެސްޓަރ ގެ ކިންގް ޕަވަރ ސްޓޭޑިއަމް ކައިރީގައި އޮންނަ ކާރު ޕާކު ކުރާ ސަރަހައްދަކަށް ހެލިކޮޕްޓަރު ވެއްޓުނީ، މެޗު ބެލުމަށްފަހު ނައްޓާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ޖީއެމްޓީ ގަޑިން އޭރު ވާނީ ރޭގަނޑު 07:30 ކަމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް