ޒީޝާން ފިހާރައަކުން ވިޔަފާރިކޮށްގެން ނިކުތް އިރު އެފިހާރައިގެ ދޮރުމަތީގައި ދެވަންފުރައިގެ އަންހެނަކު ހުއްޓެވެ. ޒީޝާނު ފިހާރައިން ނިކުތް ވަގުތުން ފެށިގެން އެއަންހެންމީހާގެ ބެލުމުގެ އަމާޒުފަތްގަނޑަކީ ޒީޝާނެވެ. ވުމާއެކު އޭނާގެ ބެލުމުން އެއްކިބާވުމަށްޓަކައި އޭނާ ދެފައިކުރިއަށް ބާރުލާފައި ގެއާއި ދިމާއަށް ހިނގައިގަތެވެ.
''ކޮއްކޯ. މަޑުކޮށްލަ ދީފާނަށްތަ؟'' އަންހެންމީހާ ޒީޝާނުގެ ކިބައިން މަޑުކޮށްލަދިނުމަށް އެދުނެވެ. ޒީޝާނު ޖެހިލުންވި ނަމަވެސް ނުހުއްޓި ކުރިއަށް ދާކަށް ނުކެރުނެވެ. ''ތީ ނަސީމުބޭގެ ޝާހިދާ ގެންގުޅޭ ހައްދުންމަތީ ކުއްޖާދޯ.'' އެމީހާ ޒީޝާންގެ މޫނަށް ބަލާލަމުން ބުއްޏެވެ. ޒީޝާނު އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ''ކޮއިފުޅާ. ތިގޭގަ އުޅެންވާނީ ވަރަށް ވިސްނައިގެން އިނގޭ. ދައްތައަށް އިނގޭ ޝާހިލް އާއި އެކޮއި އުޅެނީ ރައްޓެހިވެގެން ކަންވެސް.''
''ކިހިނެއް ދައްތައަށް އެނގުނީ.'' ޒީޝާން ހައިރާންވެފައި ބުނެލިއެވެ. ''ވަރަށް ހައިރާން ވެއްޖެދޯ ދައްތައަށް އެނގުނީމަ. އެއީ ހައިރާންވާވަރުގެ ކަމެއް ނޫނޭ. ދައްތަ އުޅެނީ ތިގެއާއި ޖެހިގެން އެހެރަ ގޭގައޭ. ވަރަށް ގިނައިން ދައްތައަށް ފެނޭ ރޭގަނޑު ތިދެކުދިން އެކުގަ އަންނަ ތަން. އެހެންވެ ދައްތައަށް އެހެން ހީވާތާ ކުޑަދުވަސް ކޮޅެއް ވެއްޖެ. އަނެއްކާ ދައްތަ މިބުނީ ދޮގެއްތަ؟''
''ތެދު ވާހަކައެއް ތިބުނީ. އެކަމަކު މަށެއް ދުވަހަކުވެސް ދައްތައެއް އެހިސާބުގަނޑަކުން ނުދެކެން.'' ޒީޝާންގެ ހައިރާންކަން ދިޔައީ އިތުރު ވެގެންނެވެ.
''ކޮއްކޮ ތިއުޅޭ ގޭގެ މީހުންނާއި އަހަރެން ވަރަށް ތިމާގެ ވާނެ. ކުރިން ވަރަށް ގިނައިން ތިގެއަށް ވަދެއުޅެން. އެކަމަކު ލޯމަތީގަ މީހަކު ހަލާކު ކޮށްލި މަންޒަރު ފެނުނީމަ ނުވަދެ ހުއްޓާލީ.'' އަންހެންމީހާ މަޑުމަޑުން ބުއްޏެވެ. ''ތިބުނީ ކާކުގެ ވާހަކައެއް.'' ޒީޝާނު އަވަސް އަވަހަށް އަހާލިއެވެ. ''މިބުނީ ނަވީލް ރައްޓެހިވި ތޫނާގެ ވާހަކަ.''
''ތޫނާއޭ. އޭނާ ހަލާކުކޮށްލީ ނަވީލްގެ މަންމައެއް ނޫންތަ؟'' ޒީޝާން ހައިރާންވެފައި ބުނެލިއެވެ. ''ތީއޭ އެންމެން ވެސް ޤަބޫލުކުރާ ގޮތަކީ. އެކަމަކު އަސްލު ހަޤީޤަތަކީ ތީއެއް ނޫން.''
''ކޮބާ ދެން ހަޤީޤަތަކީ.'' ޒީޝާން އަހާލިއެވެ. ''އެއީ މަގުމަތީގައި ދެއްކޭ ކަހަލަ ވާހަކައެއް ނޫން. ކޮންމެވެސް އެހެން ވަގުތަކުން އެވާހަކަ ދައްކާނީ ދޯ. ދައްތައަށް ކިޔަނީ އައިމިނަތު. މީހުން ކިޔާ އުޅޭނީ ދަނބުގޭ ދޮންއައިމިނަ. ކޮއްކޮއަށް ކިޔަނީ ކޮންނަމެއްތަ؟'' އައިމިނަ ދައިތަ އަހާލިއެވެ. ''އަހަންނަށް ކިޔަނީ ޒީޝާން.......'' ޒީޝާން މަޑުމަޑުން ބުނެލިއެވެ. ''ދެން އަވަހަށް ގެއަށްދޭ. މިހާރު ގޭމީހުން އުޅޭނެ ލަސްވެގެން. އުއްމީދުކުރަން ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް.'' އައިމިނަދައިތަ ހިނގައިގަތީ އައިކޮޅަށެވެ. ޒީޝާންވެސް އައިމިނަދައިތަ ދެއްކި ވާހަކަ އާއި މެދު ވިސްނަމުން ހިނގައިގަތީ ގެއާއި ދިމާއަށްށެވެ.
ލީޒާ ބޭރުގައި އުޅެލާފައި އައިސް ގެއަށްވަނީ މެންދުރުން އަނބުރާ ދޭއްޖަހާ ދިޔަތަނާއެވެ. އޭރު ގޭ އެންމެންވެސް ކައި ނިމިގެން ތަށިތައް ސުފުރާމަތިން ނަގައިފިއެވެ. ޒީޝާން އިނީ ޓީވީން އަންނަ ޕޮރުގުރާމަކަށް ގެއްލި ހުސްވެފައެވެ. ޝާހިދާވެސް އޮފީސް މަސައްކަތެއްގައި އިނެވެ. ބޮޑުދައިތަވެސް ސިޓިންރޫމުގެ ސޯފާތަކުން ސޯފާއެއްގައި އިނެވެ.
''ރަޒިއްތާ. ވަރަށް ބަނޑުހައިވެއްޖެ. ނެތްތަ ކާއެއްޗެށް.'' ލީޒާ ކުޑަކުއްޖަކު ފަދައިން ބަނޑުގައި އަތްކާތާލަމުން ބުއްޏެވެ. ''ހެނދުނުން ސުރެ ކޮންތާކު އުޅެފަތަ ތިއައީ. މެންދުރު ކާންވެގެން ވެސް ރަޒިއްތަ ހާދަ ވަރަކަށް ހޯދީމޭ.'' ބޮޑުދައިތަ ލީޒާއަށް ބަލާލަމުން ލޯތްބާއެކު ބުނެލިއެވެ. ''ރައްޓެހި ކުދިންތަކަކާއި އެކު ދުއްވާލަން ދިޔައީ.'' ލީޒާ ބުނެލިއެވެ. ''ޒީޝާން. ދޭބަލަ ލީޒާއަށް ކާންހަދާލަދޭން.'' ބޮޑުދައިތަ ބުނެލިއެވެ.
''ބޮޑުދައިތާ. ލީޒާވެސް އެއީ ޒީޝާން ކަހަލަ އަންހެންކުއްޖެކޭ. ކައްކާފައޭ ހުންނާނީ .ހަމަ ކާން ހަދާލައިގެން ކާންވީނު. ފަހީމައްތަ އެވަރުވެސް ހަމަ އޭނާ ލައްވާ ނުކުރުވަނީތަ؟'' ޝާހިދާއަށް މަޑަކުން ނީދެވުނެވެ. ''ކީއްތަވާނީ ޒީޝާން ލީޒާއަށް ކާން ހަދައިދިނިއްޔާ. އަނެއްކާ ޝާހިދާކޮއްކޮގެ މައްސަލައެއް އޮތީތަ؟'' ބޮޑުދައިތަ ނުރުހުންވާގޮތް ވިއެވެ.
''އަހަރެންގެ މައްސަލައެއް ނެތޭ. އެކަމަކު ލީޒާއަކީވެސް އަންހެންކުއްޖަކަށް ވީމަ.........................އޭނާވެސް މާދަމާ ދިރިއުޅުމެއް ފެށީމަ އަމިއްލައަށް ކަންތައްތައް ކުރަން މަޖުބޫރު ވާނެ.'' ޝާހިދާ އިނީ ބޮޑުދައިތަ ޒީޝާނު ގާތު ލީޒާއަށް ކާން ހަދައިދޭން އެދުމުން ހިތްހަމަ ނުޖެހޭގޮތްވެފައެވެ.
''ޝާހިދައްތާ. ބޮޑުދައިތަ އާއި ޒުވާބުކުރުން ހުއްޓާލަބަލަ. އަހަރެން ލީޒާއަށް ކާން ހަދައިދީފާނަމޭ.'' ޒީޝާން ތެދުވަމުން ބުއްޏެވެ. ''ޒީޝާން ދާނެ ކަމެއްނެތް. އަހަރެން ހިނގައިދާނަށް ލީޒާއަށް ކާން ހަދައިދޭން.'' ބޮޑުދައިތަ ހިނގައިގަންނަމުން ބުއްޏެވެ. ބޮޑުދައިތަގެ އަޑުގައި އެކުލެވިގެންވަނީ ރުޅިވެރިކަމެވެ.
''ޝާހިދައްތަ ތިކުރީކީ ރަނގަޅު ކަމެއް ނޫން. ބޮޑުދައިތަ އެދިޔައީ ރުޅިއައިސް ގެން.'' ޒީޝާން އައިސް ޝާހިދާ ގާތަށް ހުއްޓެމުން ބުނެލިއެވެ. ''ޒީ. އަހަރެން ކަންތައް ކުރާނެގޮތް އެންމެ ރަނގަޅަށް އިނގޭނީ އަހަންނަށް. ތިލީޒާއެއް މިގެއަށް އައިފަހުން ޒީއަކީ ބޮޑުދައިތަގެ ނޯކަރެއް ހެން އަހަންނަށް ހީވަންފަށައިފި. ޒީ ގެންގުޅެނީ ބޮޑުދައިތައެއް ނޫނޭ. އަހަރެން ޒީ ގެންގުޅެނީ. އެގޮތަށް ބޮޑުދައިތަ ޒީ އާއި މެދު މިފަހަކަށް އައިސް ކަންތައް ކުރާތީ އަހަރެން ވަރަށް ދެރަވޭ. ބައެއް ފަހަރު ހިތަށް އަރާ..................................'' ޝާހިދާއަށް ރުޅިއައިސް ގެން ގޮސް ދަތްކުނޑި ވިކާ ލެވުނެވެ.
''ޝާހިދައްތާ. ބޮޑުދައިތަ އެގޮތަށް އަހަންނާއި މެދު ކަންތައްތައް ކުރިޔަސް އަހަރެން ހިތުގައި ބޮޑުދައިތަ އާއި މެދު ހަމަ އެކައްޗެއް ވެސް ނެތޭ.'' ޒީޝާނު މަޑުމަޑުން ބުއްޏެވެ. ''ނަވީލްކޮއްކޮ ވެސް އެގޯސްކުރަނީ ހަމަ ބޮޑުދައިތަ. މިހާރު ނަވީލްކޮއްކޮވެސް އަހަންނަކާ އަނގައިން ވެސް ނުބުނޭ. އަހަރެން ފެނުނަސް އޭނާ މޫނު އަނެއް ފަރާތަށް އަބުރާލަނީ. ކީއްވެގެން ކަމެއް ނޭނގެ.'' ޝާހިދާ ދެރަވެލާފައި ބުއްޏެވެ. ''އެހެންތަ.'' ޒީޝާނަށް ބުނެވުނީ ހަމައެކަނި އެވަރަށްށެވެ. އޭނާއަށް ފެނުނީ ގެއަށް އައިސް ވަން ނަވީލެވެ.
''ކޮންތާކުން ތިއައީ.'' ޒީޝާން ނަވީލަށް ބަލާލަމުން އަހާލިއެވެ. ''ޒީޝާން ޖެހޭތަ އަހަރެން އައިތަނެއް ހަމަ ބަލަން.'' ނަވީލްގެ އަޑުގައި އެކުލެވިގެންވަނީ ރުޅިވެރިކަމެވެ. ''ނަވީލްކޮއްކޯ. ތީތަ މީހުންނާއި ވާހަކަ ދައްކަންޖެހޭ ގޮތަކީ. ކިހިނެއްތަ މިހާރު ތިވަނީ.'' ޝާހިދާ ނަވީލަށް ބަލާލަމުން ބުއްޏެވެ. ''އަހަންނަށް ކަމެއް އެބަވޭތަ. ތިއްތައަކަށް ނުފެންނާނެ މިގޭތެރޭގައި ހިނގާކަންތައްތަކެއް. ފެންނަ ނަމަ ތިއްތަވެސް ތިގޮތަކަށް ވާހަކައެއް ނުދައްކާނެ.'' ނަވީލް ދެފަޔަށް ބާރުލާފައި ހިނގައިގަތީ ކާގެ އާއި ދިމާއަށެވެ. ޝާހިދާއަށް އިނދެވުނީ ބުނާނެ އެއްޗެށް ނޭނގިފައެވެ. ޒީޝާނަށް ނަވީލް އެންމެ ފަހުން އެބުނީ ކޮންކަންތައްތަކެއްގެ ވާހަކަކަން ރަނގަޅަށް އިނގޭތީ އިތުރު އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ. ވުމާއެކު އޭނާ ހިމޭނުން ހުރީއެވެ.
މިއަދަކީ ޗުއްޓީ ދުވަހެކެވެ. ޝާހިލްވެސް ގޭގައި އުޅޭ ދުވަހެކެވެ. ހެނދުނު ސައިބޮއިމުގެ ކަންތަކުން ނިމިގެން ޝާހިލް އާއި ހިޝާމު ގޭތެރެ ފޮޅާސާފުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ. ޝާހިދާ އާއި ނޫރާ ބަދިގެތެރޭގައި ތަރުކާރީ ކޮށަން ތިއްބެވެ. އާދައިގެ މަތިން މިއަދުވެސް އިރުއެރުމާއެކު ޒީޝާން އެއްޗެހި ދޮވުމުގެ މަސައްކަތް ފަށައިފިއެވެ. ބޮޑުދައިތަ އާއި ލީޒާ ހެނދުނު ހެނދުނާވީ މަރަދުއަށް ގޮހެވެ. ނަވީލްވީ ބައްޕަ އާއި އެކު ބޭރަށް ގޮހެވެ. ޔޫހާވެސް ހިޝާމުމެން ގާތު ހުއްޓެވެ.
ކުއްލިއަކަށް އިވުނީ ބޭރުން މީހަކު ސަލާމް ގޮވާލިއަޑެވެ. ވައަލައިކުމް ސަލާމޭ ބުނަމުން ސިޓިންރޫމަށް ނިކުތީ ޝާހިދާއެވެ. އެވަގުތު ދޮރުމަތީގައި ހުރި ފަހީމާ ފެނުމުން ޝާހިދާ ހައިރާންވިއެވެ.
''ކޮބާ މަގޭ ލީޒާ.'' ފަހީމާ އަހާލިއެވެ. ''ގެއަކު ނޫޅޭ. ހީވަނީ ބޮޑުދައިތަ އާއި އެކު މަރަދުއަށް ދިޔައީހެން. ސައިބޯން އިނދެ އެކަހަލަ ވާހަކައެއް ދެއްކި.'' ޝާހިދާ ފޫހިރާގަކަށް ބުއްޏެވެ. ''އެހެންތަ. އެހެންވީރު އޭނަ އައިމަ ބުނާތި މަންމަ އައިސްފިޔޭ. ގުޅާލާށޭ. ދެން މިވަގުތު ގޮސްލަނީ.'' ފަހީމާ މާގިނަ ވަގުތު މަޑުކުރާކަށް ނަހަދައެވެ. ޝާހިދާގެ ޖަވާބަކަށް ވެސް އިންތިޒާރު ކުރުމެއް ނެތި އޭނާ ހިނގައިގަތެވެ.
''ތިއްތާ.ކާކުތަ؟'' ޝާހިދާ ލަސްވެގެން ބަދިގޭން ނިކުތް ނޫރާ އަހާލިއެވެ. ''ލީޒާގެ މަންމަ.''
''ލީޒާގެ މަންމަ އޭ. ކީއްކުރަން އޭނަ މިރަށަށް އައީ. މިއީ މާލޭ މީހުން ދިރިއުޅޭ ކަހަލަ ތަނެއް ނޫނެއްނު.'' ނޫރާ އަނގައަށް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ. ''ކީއްވެ ނޫރާކޮއްކޮ ތިހެން ތިބުނީ.'' ޝާހިދާ އަހާލިއެވެ. ''ލީޒާ ބުނި މީހަކު ދިރިއުޅޭ ކަހަލަ ރަށެއްހޭ މީ. އެހެންވެ އެހެން މިބުނީ.'' ނޫރާ ބުނެލިއެވެ. ''ލީޒާއަށް ހުންނަނީ ލީޒާ ފެނިފައޭ. ބޮޑުދައިތަ އޭނާ އާއި ހެދި އެއުޅޭ ވަރުން މިހާރު އަހަންނަށް ހީވަނީ ނޫރާއަށް ވުރެވެސް ބޮޑަށް ބޮޑުދައިތަ އެލީޒާ ދެކެ ލޯބިވާހެން.'' ޝާހިދާ ކުދިކިޔަމުން ގޮސްވަނީ ބަދިގެއަށްށެވެ.
ޒީޝާން ހުރީ ޝާހިލް ކޮޓަރީގައި ފެންފޮތިލާށެވެ. ޔޫހާވެސް ކޮޓަރިތެރޭގައި އޮތެވެ.އެވަގުތު އައިސް ކޮޓަރިއަށް ވަނީ ޝާހިލެވެ. ''ބަލައިގެން ވަންނަށްޗޭ.'' ޒީޝާން ޝާހިލަށް ބަލާލަމުން ބުއްޏެވެ. ''ކާކަށްތަ ބަލަންވީ.'' ޝާހިލް ހިނިތުން ވެލަމުން ބުއްޏެވެ. ''ދޮންބޭ. މީހަކަށް ނޫނޭ ބަލަންވީކީ. ބިންމައްޗަށް ބަލަންވީ ދޯ ޒީދައްތާ. އެހެން ނޫނީ ވެއްޓިދާނެ.'' ޔޫހާ ހީގަންނަމުން ބުއްޏެވެ. ''ޔުހާއްކޮވެސް އެބަ އިނިންތަ؟'' ޝާހިލް ޔޫހާއަށް ބަލާލަމުން ބުއްޏެވެ. ޔޫހާ ޝާހިލަށް ބަލާލާފައި ހިނިތުންވެލިއެވެ.
''ކޮން އިރަކު ޑިއުޓީ އޮންނަނީ.'' ޝާހިލް ޒީޝާން ގާތަށް ޖެހިލާފައި މަޑުމަޑުން އަހާލިއެވެ. ''ފަހެއް ޖަހާއިރު.'' ''މަށަކަށް ވަގުތުކޮޅެއް ނުދޭނަންތަ. ވަރަށް ބޭނުން ޒީ އާއި ވާހަކަދައްކާލަން.'' ޝާހިލް އާދޭހުގެ ރާގަކަށް ބުނެލިއެވެ. ޖަވާބުގައި ޒީޝާން ވަކި އެއްޗެކޭ ނުބުނެއެވެ. ހަމައެކަނި ހިނިތުންވެލުމަށް ފަހު މޮޕުހިފައިން ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. ޝާހިލް ހުރީ ޒީޝާން ދާމަންޒަރު ބަލާށެވެ.
****** ނުނިމޭ ********
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް