ހިތް އެދޭވަރުން... 24 ވަނަ ބައި ....

ކުރީގެ އަދަދާއި ގުޅޭ... ޒީޝާނާއި ނީލާ އަދި ދިމްނާ ތިބީ ރޯޔަލްޕާމް ރެސްޓޯރެންޓުގެ ވަރަށް އެކަހެރި ހިސާބެއްގައި ހުރި މޭޒެއްގެ ދޮށުގައެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ތިންތަށި ފުރެޝް އޮރެންޖާއި އެއާ ވ...

19 Oct 2017 | 04:19

ކުރީގެ އަދަދާއި ގުޅޭ...

ޒީޝާނާއި ނީލާ އަދި ދިމްނާ ތިބީ ރޯޔަލްޕާމް ރެސްޓޯރެންޓުގެ ވަރަށް އެކަހެރި ހިސާބެއްގައި ހުރި މޭޒެއްގެ ދޮށުގައެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ތިންތަށި ފުރެޝް އޮރެންޖާއި އެއާ ވާނެ ކާއެއްޗެހި ހުއްޓެވެ. ނީލާ އާއި ދިމްނާ މޭޒުމަތީގައި ހުރި ކާތަކެއްޗަށް އިންސާފުކުރަމުން ދިޔަ ނަމަވެސް ޒީޝާން އިނީ ކޮންމެވެސް ޚިޔާލަކަށް ގެއްލި ހުސްވެފައެވެ. ދަތްދޮޅީގައި އަތް ވިދެލައިގެން އިން ގޮތުންވެސް އެކަން ސާބިތުކޮށްދެއެވެ.

''އޭތް. ކޮންކަމަކާއި މާބޮޑަށް ތިވިސްނަނީ.'' ޒީޝާން މަޑުމަޑުން އިނީތީ އެންމެ ފަހުން ނީލާއަށް އުނދަގޫ ވާގޮތްވިއެވެ. ''ނުވިސްނަށް.'' ޒީޝާން ސިހިފައި ބުނެލިއެވެ. ''ނީލް ބުނިހެން މަށަށް ވެސް އެބަ ހީވޭ ޒީ ކޮންމެވެސް ކަމަކާއި މެދު ވަރަށް ވިސްނާހެން. އަނެއްކާ ޝާހިލް އެއްޗެކޭ ބުނީތަ؟'' ދިމްނާ އަހާލިއެވެ. ''ދިމްއަށް ހީވޭތަ ޝާހިލް މަށާއި ދިމާއަށް އެއްޗެކޭ ބުނެފާނެހެން.'' ޒީޝާން ބުނެލިއެވެ. ''ކިހިނެއް މީހެއްގެ ގޮތެއް އިނގޭނީ ދޯ ނީލް.'' ދިމްނާ ނީލާއަށް ދޯދެމުން ބުނެލިއެވެ.

''މަށަށް ހީވާ އެއްޗެށް ބުނަށްތަ؟'' ނީލާ ޖޫސްތަށިން ޖޫސްފޮދެއް ބޯލަމުން ބުއްޏެވެ. ''ކޯއްޗެއް ހީވެގެން ތިއުޅެނީ.'' ޒީޝާން އަވަސް އަވަހަށް އަހާލިއެވެ. ''މަށަށް ހީވަނީ ޝާހިލް ޒީޝާން ދެކެ ވަރަށް ލޯބިވާ ހެން.'' ''ކިހިނެއް ނީލްއަށް އިނގެނީ.'' ދިމްނާ އަހާލިއެވެ. ''ޝާހިލް އަހަރެން ތިއްތަ އާއި ވަރަށް ރައްޓެހި ވާނެ.'' ''ތިބުނީ ތާތުއާންޓީގެ ވާހަކަތަ؟'' ޒީޝާން އަހާލިއެވެ.

''ހޫނ. ތިއްތަ ބުނި ޝާހިލް ބުއްޏޭ ޒީދެކެ ވަރަށް ލޯބިވެޔޯ.'' ނީލާ ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''ނީލް. ޝާހިލް އަހަރެން ދެކެ ކިތަށްމެ ވަރަކަށް ލޯބިވިޔަސް އަހަންނަކަށް ހިއެއް ނުވޭ މިލޯބި މާގިނަ ދުވަހަކު ދެމިއޮންނާނެހެނެއް.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''ކީއްވެ ތިހެން ތިބުނީ. އަނެއްކާ ޒީ ޝާހިލް ދެކެ ލޯތްބެއް ނުވޭތަ؟'' ދިމްނާ ޒީޝާނާއި ދިމާއަށް ބަލާލަމުން ބުއްޏެވެ.

''ނޫން. އަހަރެން ޝާހިލް ދެކެ ވަރަށް ލޯބިވޭ. އެކަމަކު...................'' ޒީޝާންގެ އެބޮޑު ދެލޮލުން ކަރުނު ފާއްދާލިއެވެ. ''ޒީ. ޕުލީޒު........... އަހަރެމެންނަށް ކިޔައިދީބަލަ. އޭރުންނެއްނު އަހަރެމެންނަށް ވެސް އެހީއެއް ވެދެވޭނީ.'' ނީލާ ޒީޝާނާއި ދިމާއަށް ބަލާލަމުން ބުއްޏެވެ.

''އަހަންނަށް އިނގެއޭ ނީލް އާއި ދިމް އަހަރެންނަށްޓަކައި ތިބިކަން. އެކަމަކު މިފަހަރު އަހަރެން އެކަނި މިކަން ހައްލު ކުރެވޭތޯ ބަލަން ބޭނުންވަނީ. ނީލްމެންނަށް އިނގޭތަ؟ އަހަރެން ޝާހިލް އާއި ރައްޓެހިވީފަހުން ނަވީލް އާއި ބޮޑުދައިތަ އަހަންނާއި ވާހަކަ ދައްކަގޮތާއި ރާގު ވަރަށް ބަދަލު ވެއްޖެ. ނަވީލް ކޮންމެ އެއްޗެށް ވެސް ބުނެލާނީ ޖެއްސުމަށް. އަސްލު ވަރަށް ދެރަވޭ އޭނާ އެގޮތަށް ކަންތައް ކުރާތީ.'' ޒީޝާންގެ އަޑުގައި ރިހުން އެކުލެވެއެވެ.

''އެހެންތަ. މަށަށް ހީވަނީ ނަވީލްވެސް ޒީ ދެކެ ލޯބިވަނީ ކަންނޭނގެ.'' ދިމްނާ ބޭނުންވީ މާހައުލު ބަދަލުކޮށްލާށެވެ. ''ދެން ދިމްވެސް ދައްކާ ވާހަކަދޯ. އެންމެން ލޯބިވަން އަހަރެން ދެންމީ ކާކުތަ؟ ރީތި ސިފައެއް ޖަހާމީހެއް ވެސް ނޫނިއްޔާ.'' ޒީޝާންގެ މިލާފައިވާ މޫނު މައްޗަށް ފަޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ''ހަމަ އެހެންވެސް ވެދާނެއެއްނު ދޯ ދިމް.'' ނީލާ ވެސް ދިމްނާގެ ވާހަކައިގައި ބައިވެރިވިއެވެ. ''ދެން އެންމެ ރަނގަޅޭ. ހޫދު ބުނި ދިމްގެ ޑިއުޓީ މިއަންނަ ހަފުތާގަ ދަންވަރަށް ބަދަލުވާނެޔޯ. އިނގޭތަ އެކަން.'' ޒީޝާން ވާހަކައިގެ މަޢުޟޫ ބަދަލުކޮށްލަމުން ބުނެލިއެވެ. ''ހޫނ...........ޝާފީ ބުއްޏޭ ތިވާހަކަ.'' ދިމްނާ ޖޫސްތަށިން ޖޫސްފޮދެއް ބޯލަމުން ބުއްޏެވެ.

އެމީހުން އެތާގައި ވަރަށް ގިނައިރު ވާހަކައިގައި ތިއްބެވެ. އެންމެފަހުން ގެއަށް ދާން ނިކުތީ ނީލާގެ މަންމަ ގުޅާފައި މަންމަ އާއި އެކު ކޮންމެވެސް ދާކަށް ދާން އައިސް ބަލާށޭ ބުނުމުންނެވެ.

ލީޒާ ހީކުރިގޮތާއި ޚިލާފަށް އޭނާ ބަލާ އެއަރޕޯޓަށް އައީ ހަމަ އެކަނި ޝާހިލްގެ ބޮޑުދައިތަ ރަޒީނާއެވެ. ލީޒާ ގެނައި ފޮށިތައްމަތިތައް ހިފައިގެން ޓާމިނަލުން ނިކުތް އިރު ޓާމިނަލްގެ ދޮރުމަތީގައި ރަޒީނާ ހުއްޓިލައިގެން ހުއްޓެވެ. ލީޒާ ފެނުމުން ރަޒީނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ.

''ރަޒިއްތާ. ކޮބާ އެހެން މީހުން.'' ލީޒާ ވަށައިގެން ހޯދާލަމުން ބުއްޏެވެ. ''ކޮން ބައެއްގެ ވާހަކައެއް ތިބުނީ.'' ރަޒީނާ ލީޒާ އެބުނީ ކޮންބައެއްގެ ވާހަކައެއް ކަން އެނގުނު ނަމަވެސް ނޭނގޭ ކަމަށް ހަދާލަމުން ބުނެލިއެވެ. ''ދެން އެހެން ބުނީމަ ރަޒިއްތައަށް އެނގޭނެ.'' ލީޒާ ލޮލުގައި އަޅާފައިވާ އަވިއައިނު ރަނގަޅުކޮށްލަމުން ބުއްޏެވެ

.''ހޫނ ހޫނ. ތިދައްކަނީ ޝާހިލްގެ ވާހަކަދޯ.'' ރަޒީނާ ބޯޖަހާލަމުން ބުނެލިއެވެ. ލީޒާ އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ''އެސޮރުވީ ޑިއުޓީގައޭ. އެހެން ނޫންނަމަ އަންނާނެ. ދެން ހިނގާ ގެއަށް ދެވޭތޯ ބަލަމާ.'' ރަޒީނާ ތަންކޮޅެއް ދުރުގައި އޮތް އަޅިކުލައިގެ ކާރަކަށް އަތުން ހަނާއަޅާލިއެވެ. ރަޒީނާ ހަމަ ހަނާއަޅާ ލުމާއެކު ކާރު އައިސް އެމީހުންގެ ދާދިގާތަށް މަޑުކޮށްލައިފިއެވެ.

ޝާހިލާއި ޒީޝާނާ ދެމީހުން ޑިއުޓީ ނިމިގެން ގެއައީ ދާދި އެކުއެކީގައެވެ. ގޭގެ ދޮރުން އެތެރެއަށް ފައިއަޅާލި ވަގުތު ޒީޝާންގެ ލޮލުގައި އަޅައިގަތީ ސިޓިންގރޫމުގެ ސޯފާއެއްގައި އިށީއްދެލައިގެން އިން އަންހެންކުއްޖެކެވެ. އެއީ މީގެކުރިން ދުވަހަކުވެސް ޒީޝާން އެގެއިން ދުށް މީހެއް ނޫނެވެ. ވުމާއެކު އޭނާ ކުޑަކޮށް ހުއްޓުން އަރާގޮތްވިއެވެ. އޭނާގާތުގައި ބޮޑުދައިތަވެސް އިނެވެ. ޒީޝާނުގެ ފަސްފަހަތުން ޝާހިލްވެސް ގެއަށް ވަނެވެ.

''ޝާހިލް. ކިހިނެއްތަ؟'' ސޯފާގައި އިން އަންހެންކުއްޖާ ޝާހިލް ފެނުމުން ބުނެލިއެވެ. ''ރަނގަޅު. ނޭނގުނު ތީ ކާކުކަމެއް؟'' ޝާހިލް ހައިރާންވެފައި ބުނެލިއެވެ. ''ހަމަ ނޭނގުތަ ޝާހިލް ކޮއްކޯ. މީ ފަހީމައްތަގެ ލީޒާއޭ.'' ބޮޑުދައިތަ ކާކުކަން ބުނެދިނެވެ. ''އެހެންތަ؟'' ޝާހިލް ބުނީ ހަމައެކަނި އެވަރަށްށެވެ. އޭނާ ޒީޝާނާއި ދިމާއަށް ބަލާލާފައި ހިނިތުންވެލަމުން ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ.

''ދަނީތަ؟ އާދެ ބަލަ މިތަނަށް ވާހަކަދައްކާލަން.'' ޝާހިލް ހިނގައިގަތުމުން ލީޒާ ބުނެލިއެވެ. ''ސޮރީ. ނެތޭ ވާހަކަދައްކަން އިނދެވޭކަށް. ހަގަޑިބައިގަ އެބަޖެހޭ ހޮސްޕިޓަލުގައި އޮންނަ ނިއުސްބުރީފިންނަކަށް ދާން.'' ޝާހިލް ފޫހިރާގަކަށް ބުނެލިއެވެ. ''އޯހް. ހަނދާން ނެތުނީ ތީ ޑޮކުޓަރެއްކަން." ލީޒާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ ވާހަކަދެއްކުމުގައި ވެސް ބޮޑާގޮތެއް އެކުލެވިގެން ވެއެވެ.

ޒީޝާން ވެސް އަމިއްލަ ނަފުސަށް ހިނިތުންވެލަމުން ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ. ''އެއީ ކާކު؟'' ލީޒާ ޒީޝާނަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ''އެއީދޯ. އެއީ ޝާހިދާ ގެންގުޅޭ ލާމުއަތޮޅު ކުއްޖެއް.'' ބޮޑުދައިތަ ބުނެލިއެވެ. ''އެހެންތަ. އެކަމަކު ހީވަނީ މިގޭ މީހެއް. ނާސިންގ ހަދާކުއްޖެއްތަ؟'' ލީޒާ އަހާލިއެވެ. ''ހޫނ............'' ބޮޑުދައިތަ ފޫހިރާގަކަށް ބުއްޏެވެ .ޒީޝާން އެމީހުން ދައްކާ ވާހަކައަކަށް މާބޮޑު ސަމާލުމަކެއް ނުދީ ގޮސްވަނީ ކޮޓަރިއަށެވެ.

ލީޒާ އައުމަކީ ބޮޑުދައިތައަށް ލިބުނު އުފަލަކަށް ވީނަމަވެސް އެއީ އެގޭގައި ދިރިއުޅޭ ގިނަމީހުންނަށް ލިބުނު އެހާ ބޮޑު އުފަލަކަށް ނުވިއެވެ. ޚުދު ނޫރާއަށް ވެސް އެކަންވީ ބޮޑު ބޮލުގަ ރިއްސުމަކަށްށެވެ. އެކަމުގައި މަންމަ އާއި އޭނާ ޒުވާބު ކުރަންވެސް ޖެހުނެވެ. ލީޒާގެ އާއިލާގެ ގިނަ ބަޔަކު ހިތަދޫގައި ދިރިއުޅެމުން ދަނިކޮށް އެމީހުން ގާތަށް ނުގޮސް އޭނާ އެގެއަށް އެއައީ ކޮންމެވެސް ނުބައި މަޤުޞަދެއް އޮވެގެން ކަމުގައި ނޫރާ ބުނި ނަމަވެސް މަންމަ އެކަމާއި ކަނޑައެޅިގެން ދެކޮޅު ހެދިއެވެ. އެންމެ ފަހުން ނޫރާއަށް ޖެހުނީ މަންމަ އާއި ޒުވާބުކުރުން ހުއްޓާލާ ހިމޭނުން ހުންނާށެވެ.

''ޝާހިދާކޮއްކޯ. ލީޒާއަކީ ވަރަށް ރަނގަޅު ކުއްޖެއް. އަދި ސިފައަށް ބަލާއިރުވެސް ނުލާހިކު ރީތި މުއްސަދި މަންމަ އަކާއި ބައްޕައެއްގެ ހުރި ހަމަ އެކަނި އަންހެންދަރިފުޅު. ކިޔަވައިގެން ހުރި ހުރިހާ ގޮތަކުން ވެސް ޒަމާނާ ގުޅޭކުއްޖެއް.'' ބޮޑުދައިތަ ވާހަކަދެއްކީ ޝާހިދާ އާއިއެވެ. ޝާހިދާ އިނީ ޔޫހާގެ ހެދުމެއްގައި ގޮށް އަޅާށެވެ.

''ބޮޑުދައިތާ. ލީޒާއަކީ ބަލާލަން ރީތިސިފައެއް ޖަހާ ކުއްޖަކަށް ވިޔަވެސް އެއްވެސް އުޅުމެއް ހުރި ކުއްޖެއް ނޫން އެއީކީ. ކީއްކުރަންތަ ބޮޑުދައިތަ އޭނާ މިގެއަށް ތި ގެނައީ. މިރަށުގައި އޭނާގެ ތިމާގެ މީހުން ވެސް ނުލާހިކު ގިނައެއްނު.'' ޝާހިދާ އިނީ ބޮޑުދައިތަ ލީޒާ އެގެއަށް ގެނައުމުން ކުޑަކޮށް ނުރުހޭގޮތްވެފައެވެ. ''ފަހީމާއަކީ ބޮޑުދައިތަގެ ވަރަށް ގާތް ރައްޓެއްސެއް. އޭނާ ގުޅާފަ ލީޒާ އެބައުޅެއޭ ރަށަށް ދާހިތުން އޭނާ ތިގޭގަ ބަހައްޓާލަ ދޭށޭ ބުނީމަ ދެކޮޅު ހަދަން ނުކެރުނީ ހަމަ. ނޫރާ މާލޭގައި ކިޔަވަން ހުރިއިރުވެސް ފަހީމާ ވަރަށް އެހީވިއޭ. ޝާހިދާކޮއްކޮ ހިތްހަމަ ނުޖެހެންޏާ އަހަރެން އޭނާ ސައީދުގޭގަ ވެސް ބަހައްޓަފާނަމޭ. އެކަމަކު އޭރުން އެކުއްޖާ އުޅޭގޮތެއް ނޫޅޭގޮތެއް ވެސް ބަލައެއް ނުލެވޭނެ.'' ބޮޑުދައިތަ ބުނެލިއެވެ.

''ބޮޑުދައިތައަށް ވެސް ތިލީޒާގެ އަސްލު ސިފަ އިނގެންޏާ ނުބަހައްޓާނެ މިގެއަކު.'' ޝާހިދާ ބުއްޏެވެ. ''ހީވަނީ ޝާހިދާއަށް ލީޒާ ވަރަށް ރަނގަޅަށް އިނގޭހެން.'' ބޮޑުދައިތަ ޝާހިދާގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''އާނ. އަހަރެން ވަރަށް ރަނގަޅަށް ދަންނަކުއްޖެއް އެއީ. އެކަމަކު ހިއެއްނުވޭ އޭނާއަށް އަހަރެން އެހާރަނގަޅަށް އިނގޭނެ ހެނެއް.'' ޝާހިދާ ބުނެލިއެވެ.

''އެކަމަކު ފަހީމާމެންނަކީ ތިހާ ގޯސް ބައެއް ނޫން. އަހަރެން ފަހީމާ އާއި ޚާމިދުވެސް ރަނގަޅަށް ދަންނަށް.'' ބޮޑުދައިތަ ޝާހިދާގެ ވާހަކަ އާއި ފާޅުގައި ދެކޮޅުހެދިއެވެ. ''ދެން ބޮޑުދައިތަ ކީއްކުރަން ތިހާވަރަށް އެމީހުން އެނގޭ އިރު އަހަރެން ގާތު ލީޒާގެ ވާހަކަ ތިދައްކަނީ.'' ޝާހިދާ ކުޑަކޮށް ރުޅި އަންނަގޮތްވިއެވެ. ''އަހަންނަށް ހީވަނީ އަހަންނަށް ޝާހިދާ ގާތު މިދެއްކުނީ ރަނގަޅު ވާހަކައެއް ނޫންހެން.'' ބޮޑުދައިތަ ތެދުވެގެން ހިނގައިގަންނަމުން ބުއްޏެވެ. ޝާހިދާވެސް އިނީ ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތްވެފައެވެ. ވުމާއެކު އިތުރު އެއްޗެކޭ ނުބުނެއެވެ.

********* ނުނިމޭ ********

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް