ބޭނުންވީމަ އޮޑިޓާ ޖެނެރަލް ބަދަލު ކުރެވޭގޮތަށް ގާނޫނު ފާސްކޮށްފި

މުއްދަތު ހަމަވުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭ ގޮތަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި...

29 Oct 2014 | 10:33

މުއްދަތު ހަމަވުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭ ގޮތަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާހު ފާސްވީ 36 މެންބަރުން އެކަމަށް ތާއީދުކޮށް ވޯޓު ދެއްވުމުން ނެވެ. ދެކޮޅަށް 22 މެންބަރުން ވޯޓުދެއްވާފައި ވެއެވެ.

ތޯރިގު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ މި ބިލް ތަސްދީގުކޮށް އަމަލު ކުރަން ފަށާތާ 30 ދުވަސްތެރޭ ރައީސުލްޖުމްހޫރިއްޔާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަމެއް ފޮނުވަން ވާނެކަމަށެވެ.

މި ގާނޫނަށް އިސްލާހު ހުށަހެޅީ އޮޑިޓް ގާނޫނުގައި ހުރި ގާނޫނު އަސާސީއާއި ތާރަޒްވާ މާއްދާތައް އިސްލާހުކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް އިގްތިސާދީ ކޮމިޓީން ރިޕޯޓް ހުށަހެޅުމުންނެވެ.

މި އިސްލާހު މިގޮތަށް ފާސްވުމުން މިހާރު އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ނިޔާޒު އިބްރާހީމަށް މަގާމު ގެއްލުމުގެ ބިރު ބޮޑެވެ. މިކަން ފާހަގަކޮށް މިއަދުގެ ޖަލްސާގައި އެމްޑީޕީއަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ވާހަކަފުޅު ދައްކަވާފައި އެވެ. އެގޮތުން ބައެއް މެންބަރުން ވަނީ މި އިސްލާހަކީ ޕީޕީއެމްއިން މަކަރުވެރި ރޭވުމެއްގެ ދަށުން ނިޔާޒު މަގާމުން ދުރުކުރުމަށް ހުށަހެޅި އިސްލާހެއްކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް