އައިއެސް އާ ހަނގުރާމަ ކުރުމަށް އިރާގުގެ ކުރުދީން ސޫރިޔާއަށް

ސޫރިޔާގެ ކޮބާނީގެ ބޮޑު ބައެއް އައިއެސްގެ ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުން އަންނައިރު ކޮބާނީގެ ކޮންޓްރޯލް އަތުލުމަށް ހަރަކާތްތެރިވަމުން އަންނަ ސޫރިޔާގެ ސިފައިންނަށް އެހީތެރިވުމަށް އިރާގުގެ ކުރުދީން ...

29 Oct 2014 | 08:56

ސޫރިޔާގެ ކޮބާނީގެ ބޮޑު ބައެއް އައިއެސްގެ ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުން އަންނައިރު ކޮބާނީގެ ކޮންޓްރޯލް އަތުލުމަށް ހަރަކާތްތެރިވަމުން އަންނަ ސޫރިޔާގެ ސިފައިންނަށް އެހީތެރިވުމަށް އިރާގުގެ ކުރުދީން ސޫރިޔާއަށް ދާން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކުރުދީން 150 އަށް ވުރެ ގިނަ ހަނގުރާމަވެރިއަކު މިހާރު ވަނީ ސޫރިޔާގެ ކޮބާނީއާ ދިމާލަށް މިސްރާބު ޖަހާފަ އެވެ. ކުރުދީންގެ ހަނގުރާމަވެރިންނާއެކު ތުރުކީގެ ޕޭޝްމަގާ ހަނގުރާމަވެރިންވެސް ސޫރިޔާގެ ފައުޖާ ގުޅުމަށް ދަތުރު ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އައިއެސްއިން ކޮބާނީގެ ބޮޑު ބައެއް ހިފާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ މެދު ތެރޭގައެވެ. ކޮބާނީގެ ބޮޑު ބައެއް ހިފުމަށް އައިއެސްއިން ދިން ހަމަލާތަކުގައި 800 އަށް ވުރެ ގިނަ މީހުން މަރާލާފައިވެއެވެ. އަދި އެތައް ބަޔަކު ރަހީނު ކޮށްފައިވާއިރު ކޮބާނީގެ ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ ސަލާމަތް ހޯދުމަށް ތުރުކީއަށް ހިޖުރަ ކޮށްފަ އެވެ.

އައިއެސް ނައްތާލުމަށް ކަމަށް ބުނެ އެމެރިކާއިން 20 އަށް ވުރެ ގިނަ ގައުމުގެ އެއްބާރުލުމާއެކު މަސައްކަތް ފެށީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އެ ހަނގުރާގައިގާ އެހީތެރިވެ ކޮބާނީގައި ތިބި އައިއެސް ހަނގުރާމަވެރިންނާ ހަނގުރާމަކުރުމަށް ތުރުކީން ފައުޖެއް ފޮނުވަން އެއްބަސްވީ ދާދި ފަހުންނެވެ. އެމެރިކާއިން ބުނަނީ ތުރުކީން އެއްބަސްވެފައިވާގޮތަށް ތުރުކީގެ އަސްކަރީ ފައުޖެއް ކޮބާނީއަށް ދިއުމަށް ދަތުރު ފަށާފައިވާކަމަށެވެ.

އައިއެސް ނައްތާލުމަށް އެމެރިކާއިން އިސްވެ އޮވެ ފަށައިގެން އުޅޭ ހަނގުރާމައިގާ އެމެރިކާއަށް އަދި މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް މެދުއިރުމަތީގެ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް