އަލީ ރަމީޒް -
ޤައުމުގައި ކޮރަޕްޝަންގެ އަޑު ގުގުމާލާފައިވާ މި
ދަނޑިވަޅުގައި މަންފާ ޖަމުޢިއްޔާގެ ވެރިޔާ އަލީ ރަމީޒް އެކަމާއި ގުޅޭ ޕޯސްޓެއް ކުރައްވައިފިއެވެ.
އަލީ ރަމީޒްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ
ފައިސާއަށް ޚިޔާނަތްތެރިވަމުން، ދުނިޔެމަތީ އެ ޖަރީމާ މީސްތަކުންނަށް ކިތަންމެ ރީތިކޮށް
ދައްކައިދިނަސް، ޤިޔާމަތް ދުވަހުން އެކަމުގެ ގަދަފަދަ އަޒާބާ ތިބާއަށް ކުރިމަތިލާން
ޖެހޭނެކަން ހަނދާންކުރަންވާނެ ކަމަށެވެ.
"އެ ދުވަހުން ހަމަ ހިލާ ސަލާމަތެއް
ނުވާނެ" އަލީގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އަލީގެ އެ ޕޯސްޓް ކުރައްވާފައިވާ މި ދަނޑިވަޅަކީ
ޤައުމުގައި ކޮރަޕްޝަންގެ ވާހަކަ ވަރަށް ގަދައަށް ދެކެވެމުން އަންނަ ދަނޑިވަޅެކެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވެ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު
އަހްމަދު ސައީދު މުހައްމަދު ހަތަރު އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް
ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާއިރު އަދީބު ފައިލްސްގެ އަޑުވެސް އަދިވެސް
ކެނޑިގެން ނުދެއެވެ.
އަދި ހަމަ އެހެން އަލީ ރަމީޒްގެ މި ޕޯސްޓާއި ގުޅުވާލެވޭ
އެހެން ކަމެއްވެސް އެބަ އޮތެވެ. އެ ކަމަކީ ޖަމުޢިއްޔަތުއް ސަލަފު އުފެއްދި އެއް
މުއައްސިސު ކަމުގައިވާ އަދި 19 އަހަރު މެދުކެނޑުމެއްނެތި ޖަމުޢިއްޔަތުއްސަލަފު
ހިންގުމުގައި އިސް ސަފުން ފެނިގެންދިޔަ އަލީ ރަމީޒް ކުއްލި ގޮތަކަށް އެ ޖަމުޢިއްޔާއިން
ވަކިވާން ނިންމި ސަބަބު އަދި އަދާ ހަމައަށް ދާންވެސް ހާމަކޮށްފައި ނުވުމެވެ.
އަލީ ރަމީޒްގެ ކުއްލި އެ ވަކިވުމަކީ އެ ޖަމުޢިއްޔާގެ
ތެރޭގައި ފައިސާގެ މައްސަލަތައް ބޮޑުވެގެން ނިންމި ނިންމުމެއްކަމަށް ބައެއް
ފަރާތްތަކުން ބައެއް މީޑިއަމްތަކުގައި ވާހަކަ ދެއްކި ނަމަވެސް އެކަމާއި މެދު
ޖަމުޢިއްޔަތުއް ސަލަފުންވެސް އަދި އަލީ ރަމީޒްވެސް ވަކި އެއްޗެއް ބުނެފައެއް
ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް