ނީޒާގެ ރާނީގެ އަތުގައި ހިފައި ދަމަމުން ގެންދަން ފެށުމުން ރާނީ ރޮމުން އޭނާ އެފަދަ ކަމެއް ނުކުރާކަމަށް ބުނެ ބަދޫރާއަށް ގޮވަމުން ދިޔައެވެ. އެމަންޒަރު ފެނި ބަދޫރާގެ ހިތުގައި ރިއްސާލީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނާގެ މޫނު އަނެއްފަރާތަށް އަނބުރާލީ ހިތާ ދެކޮޅަށެވެ. ދޮރާ ހަމަވުމަށްފަހު ނީޒާ ރާނީ ދޮރާ ދިމާލަށް ހޫރުވާލިއެވެ. ވެއްޓެން ދިޔަ ރާނީއާ ދިމާލަށް ދުއްވައިގަނެވުނީ ރަފާއާއި ސާރާ އެކުއެކީގައެވެ. ނަމަވެސް ރާނީ ބިންމަތީގައި ޖެހުމުގެ ކުރިން ބާރުގަދަ އަތަކުން ރާނީ ގައިގާ ހިފަހައްޓައިފިއެވެ. އެމީހާގެ މޫނު ރާނީއަށް ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނެވެ.
" ރަޔަން!!! " ލޮލުން ކަރުނައެއް ވެއްޓުނު ހިނދު ރާނީއަށް ބުނެވުނެވެ. ރަޔަން ރާނީ ސީދާވުމަށް އެހީތެރިވެދިނެވެ. ދޮރު މަތީގައި ހުރި އަމާންއާއި ހާޖަރު ފެނި ރާނީއަށް ތުންފިއްތައިލެވުނެވެ. ހުއްޓުން އަރާފައި އެދިމާލަށް ބަލަހައްޓައިގެން ނީޒާ ހުއްޓެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާ ބަލަބަލާހުއްޓާ ރާނީ ދުވެފައި ގޮސް ހާޖަރު ގައިގައި ބައްދައިފިއެވެ. ގިސްލާ ރޮވޭވަރުން ރާނީއަށް ވާހަކައެއް ނުދެއްކުނެވެ. ހާޖަރު ކައިރީގައި ހުރި އަމާން ރާނީގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
ރަފާ ހައިރާންވެފައި ބަލަހައްޓައިގެން ހުރިއިރު ސާރާގެ ތުންފަތްމަތިން ލުއި ހިނިތުންވުމެއް ފެނިގެން ދިޔައެވެ.
" ހާޖަރު.....! " ސާރާއަށް ބުނެވިއްޖެއެވެ. އަނެއްފަރާތަށް އެނބުރި ހުރި ބަދޫރާގެ ކަންފަތުގައި އެއަޑު ޖެހުމާއެކު ތެޅިގަނެފައި ބަލައިލެވިއްޖެއެވެ. ރާނީ ގައިގާ ބައްދައިގެން ހުރި ހާޖަރު ފެނުމުން ބަދޫރާގެ ހިތަށް ކުރަން ފެށީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. ހައިރާންވެ އަނގަ ހުޅުވިފައި ހުއްޓާ ބަދޫރާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓިގެން އައެވެ.
ސާރާގެ ދުލުން އެނަން އިވުމުން އެއީ ކާކުކަން ރަފާއަށް އެނގިއްޖެއެވެ. އެހިނދު އޭނާ ހިނިތުންވެލިއެވެ. ވާނުވާ ނޭނގިފައި ހުރީ ޔާނިޝްއެވެ. ނީޒާގެ މޫނުމަތިން އިހުނަށްވުރެ ރަތްވާން ނެގީ ކުޑަ ހިނދުކޮޅެކެވެ. ރާނީގެ ހަޤީޤަތް އެނގުމުން އޭނާގެ ރުޅިގަނޑު އެތައް ގުނައެއް އިތުރުވެފައިވީ ކަހަލައެވެ. ހާޖަރު ނީޒާއާ ދިމާލަށް ބަލަން ހުރީ ރުޅި އައިސް ރަތްވެފައެވެ. އެދެލޮލުން ނީޒާ ފިހެލަފާނެ ފަދައެވެ. ހާޖަރު މަޑުމަޑުން ރާނީ ދުރުކޮށްލިއެވެ. އެއާއެކު އަމާން ރާނީގެ ކޮނޑުގައި އަތް އަޅުވާލައިފިއެވެ. ކުރިމަތީގައި ހުރި ރަޔަން ފަހަތަށް ޖައްސާލަމުން ހާޖަރު ކުރިއަށް ޖެހިލިއެވެ. އޭނާ ގޮސް ހުއްޓުނީ ނީޒާގެ ކުރިމަތީގައެވެ.
" ޙަބަރުދާރު!! ބޭނުން ގޮތެއް ރާނީއަކަށް ނުހެދޭނެ.. މިގެއިން ރާނީ ނެރެލަން ކަލޭތީ ކާކު..؟ " ހާޖަރު ބުނެލިއެވެ.
" އޯވްހޯ.. އެހެންވީމަ ކަލޭ ފޮނުވައިގެން ޖާސޫސް ކުރަން ދޯ ރާނީ މިގެއަށް އައީ.. މަންމާ ބަލާ! މީ މިއަންހެނާގެ ފެންވަރަކީ.. " ބަދޫރާއަށް ނަޒަރެއް ދެމުން ނީޒާ ބުންޏެވެ. ހާޖަރަށް ބަލަހައްޓައިގެން ހުރެ ބަދޫރާ އައިސް އޭނާ ކައިރިއަށް ހުއްޓުނެވެ. ހާޖަރަށްވެސް ބަދޫރާއަށް ރަނގަޅަށް ބަލައިލެވުނީ އެވަގުތުއެވެ. ބަދޫރާގެ ފައިން ފެށިގެން ބޮލާ ހަމައަށް ފުން ނަޒަރެއް ދެވުނެވެ. މުސްކުޅިވެފައިވާ މަންމަ ފެނުމުން ބޭނުންވީ އެމަންމައަށް ހިތް ފުރޭ ވަރުވަންދެން ބަލާލާށެވެ. އެންމެ ފަހަރަކުވެސް މަންމާއޭ ކިޔާ ގޮވާލާށެވެ. އެމަންމަގެ ގައިގާ ލޯބިން ފިރުމާލާ ބައްދާލާށެވެ. ކުއްލިއަކަށް ހަނދާންވީ ހާޖަރާ ދެކޮޅަށް ބަދޫރާ ކޯޓުގައި ހެކިބަސް ދިން ހަނދާނެވެ. އެއާއެކު ހާޖަރު ދުރު ބަލަން ފެށިއެވެ.
" ރާނީ އެއީ ހާޖަރުގެ ދަރިއެއްތަ؟ " ބަދޫރާ އަހާލައިފިއެވެ. އެހިނދު އަނެއްކާވެސް ހާޖަރު ބަދޫރާގެ މޫނަށް ބަލައިލިއެވެ.
" އާނ!! ރާނީ އެއީ އަހަރެންގެ ދަރިއެއް.. ރާނީ އެކަންޏެއް ނޫން.. ރަޔަންވެސް އެއީ އަހަރެންގެ ދަރިއެއް.. އެދެމީހުންވެސް މިގެއިން ނެރެވޭނެ މީހަކު މިހާރު މިގެއަކު ނެތް.. " ހާޖަރުގެ އަޑުގައި ހަރުކަށިކަމެއްވިއެވެ.
" ތީގެ މާނައަކީ ރާނީ އަދި އެހެރަ ފިރިހެންކުއްޖާ އެއީ އަހަރެންގެ މާމަ ދަރިންނޭތަ؟ " ބަދޫރާ އެހެން ބުނެލި ވަގުތު އޭނާގެ އަޑު ކުރެހިގެން ދިޔަ ގޮތުން ހާޖަރު ބަލައިލީ ހައިރާންވެފައެވެ. އެހިނދު ހާޖަރު ހަމައެކަނި ބޯޖަހައިލިއެވެ. ބަދޫރާގެ ލޮލަށް ކަރުނަ ޖަމާވާން ނެގީ ހިނދުކޮޅެކެވެ. އޭނާއަށް ރަޔަންއާ ދިމާލަށް ހިނގައިގަނެވިއްޖެއެވެ.
ހަޤީޤަތް ޔާނިޝްއަށް އެނގުނު ހިނދު ހައިރާންވެ އަންތަރީސްވެ އަނގަ ހުޅުވުނެވެ. ރާނީއަކީ ރަފާހެން އޭނާގެ ދެބެންގެ ދެދަރި ކުއްޖެކެވެ. ރާނީ އެވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނީ ކީއްވެ ހެއްޔެވެ؟ އެހިނދު ޔާނިޝްއަށް ބަލައިލެވުނީ ރަފާ އަށެވެ. ރާނީ އެގެއަށް ގެނައި މީހަކީ ރަފާއެވެ. ރާނީ މިގެއަށް އަންނަން ރަފާ އެހީވެދިނީ އެއީ މިގޭ ކުއްޖެއްކަން އެނގިހުރެ ހެއްޔެވެ؟ އެވަރުގެ ބޮޑު ކަމެއް އެހެން މީހަކު ސިއްރުކުރިޔަސް ރަފާ އޭނާއަށް ސިއްރުކޮށްފާނެ ބާއެވެ. ގޭތެރޭ އަޑުގަދަވެގެން އުޅޭހެން ހީވެ ކޮޓަރީގައި އޮވެފައި ނިކުތް އަނޫޝާވެސް ތަނބެއްގައި ލެގިލައިގެން ހުރީ ވާނުވާ ނޭނގޭ ހާލުގައެވެ.
ބަދޫރާ ހިނގަމުން ގޮސް ހުއްޓުނީ ރަޔަންގެ ކުރިމަތީގައެވެ. އެވަގުތު ހަދަންވީ ގޮތެއް ނޭނގި ރަޔަންއަށް ހާޖަރަށް ބަލައިލެވިއްޖެއެވެ. ބަދޫރާ މަޑުމަޑުން އޭނާގެ ދެއަތް އުފުލާލައި ރަޔަންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ.
" މިސޮރު ވައްތަރީ އަހަރެންގެ ބިލާލްއާ.. " ބަދޫރާ ބުނެލިއެވެ. ހާޖަރު ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. މިތަނަށް އައުމުގެ ކުރިން ބަދޫރާގެ އަމަލުތައް ހުންނާނެ ގޮތް ތަސައްވުރު ކުރެވުނު ގޮތާ މިހާރު މިފެންނަމުންދާ މަންޒަރު މުޅިން ތަފާތެވެ. އެފަދަ ވިސްނުމެއްގައި ހުއްޓައި ދެން ފެނުނީ ބަދޫރާ ރާނީއާ ދިމާލަށް އަތް ދިއްކޮށްލިތަނެވެ. އެއާއެކު ރޮއެ ރޮއެ ހުރި ރާނީ ހިނގާފައި ގޮސް ބަދޫރާގެ އަތު ތެރެއަށް ވަދެއްޖެއެވެ. ދެދަރިންގެ ގައިގާ ބަދޫރާ ބައްދައިލިހިނދު އޭނާގެ ލޮލުން ކަރުނަ އޮހެރެން ފެށިއެވެ.
" މާމާ ހަމަ ހުވާކޮށްފަ ބުނަން ނީޒާއްތަ އެބުނާ ވަރުގެ ކަމެއް އަހަރެން ނުކުރަން.. " ބަދޫރާއާ ދުރުވެލަމުން އަނެއްކާވެސް ރާނީ ބުނެލިއެވެ. ބަދޫރާ ރާނީގެ ބޮލުގައި ފިރުމައިލިއެވެ.
" މާމައަށް އެނގޭ ރާނީ އެކަހަލަ ކަމެއް ނުކުރާނެކަން.. ތީ އަހަރެންގެ ލޭ.. އަހަރެން ރާނީއަށް އިތުބާރުކުރަން.. ކުރިންވެސް ހީވި ރާނީއާ އަހަރެންގެ ގުޅުމެއްވެޔޭ.. ރާނީވެސް ރަޔަންވެސް ދެން މީގެ ފަހުން ހުންނަންވާނީ މާމަ ކައިރީގައި.. " ރާނީއާއި ރަޔަންގެ ކޮލުގައި ފިރުމައިލަމުން ބަދޫރާ ބުންޏެވެ. ރަފާއާއި ސާރާ ހިނިތުންވެލަމުން އެކަކު އަނެކަކަށް ބަލައިލިއެވެ. ބަދޫރާ އެހާ ފަސޭހައިން އެދެކުދިން ބަލައިގަންނާނެކަމަކަށް އެމީހުންވެސް ހިޔެއް ނުކުރެއެވެ. ނީޒާ ދަތްކުޑިވިކޭ ހާލު މުށްކެވިފައި ހުއްޓެވެ.
"މިގޭގައި އަހަރެމެން ބަހައްޓަން ބޭނުންނުވި ނަމަވެސް އަހަރެން މިތަން ދޫކޮށް އެހެންތާކަށް ނުދާނަން.. " ދުރުގައި ހުރި ހާޖަރު ބުނެލި އަޑުއިވުނެވެ. " އަހަރެމެން މިގެއިން ނުވެސް ނެރެވޭނެ.. "
" ކީކޭ؟؟ އަދި އެއްފަހަރު ބުނެބަލަ!! ކަލެއަށް މިގެއިން ލިބޭނެ އެކައްޗެއްވެސް ނެތް. މިގެއާ ދެން ހުރި ހުރިހާ މުދަލެއް އެއީ އަހަރެންގެ ފިރިމީހާގެ ހައްޤެއް.. މިވީހާ ދުވަހު މިވިޔަފާރި ކުރިއެރުވީ އަހަރެންގެ ފިރިމީހާ އެކަނިމާއެކަނި.. ކަލެއާ ކަލޭގެ ކުދިން ޖެހޭނީ މިގެއިން ދާން. " ނީޒާ ބުންޏެވެ. އެހިނދު ހާޖަރުގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
"ކަލެއަށް ހަޤީޤަތް ނޭނގުނީތީ ހަމަ ހައިރާންވަން.. މަންމަވެސް ނުބުނޭތަ ކަލޭމެން ކައިރިއަކު.. " ހާޖަރު ދެއަތް އުރާލަމުން ބުންޏެވެ. އޭރު މައްސަލަ ގޯސްވެދާނެތީ އަމާން އައިސް ހާޖަރުގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ބަދޫރާ އެނބުރި ހާޖަރަށް ބަލައިލަމުން އެއްޗެކޭ ބުނަން އުޅުނެވެ.
" ކޯންޗެއް؟؟ އަހަރެންނާ ތިދައްކާ ވާހަކައެއް ދައްކަބަލަ..! " ނީޒާ ހަޅޭއްލަވައިގަތެވެ.
"ތިހާ އަޑު އަހާހިތްވަންޏާ އަޑުއަހާ... މިގެއިން ކަލޭގެ ފިރިމީހާއަށް ވާ ވަރަކަށް އަހަރެންނަށްވެސް އަދި ސާރާއަށްވެސް ވޭ.. މިބުނީ ބައްޕަގެ ވަސިއްޔަތުގެ ވާޙަކަ.. ބައްޕަ މިދުނިޔެ ދޫކުރީ މިގެ އަދި ހުރިހާ މުދަލެއް ދަރިންގެ މެދުގައި ހަމަހަމަޔަށް ބަހާފައި.. މީ ދޮގެއްހެން ހީވަންޏާ އަހާ މަންމަ ކައިރީގައި.. " ހާޖަރު ބުންޏެވެ. ނީޒާ ޤަބޫކުނުކުރެވިފައި ހުރެ ބަދޫރާއަށް ބަލައިލިއެވެ.
"އެއީ ތެދެއް... އެއްފަހަރުވެސް ތި ރުޅިގަނޑު މައިތިރިކޮށްބަލަ ނީޒާ.. ވީކަމެއްވީ މާކުރިން މާޒީގައި.. ހާޖަރު އަހަރެންނާ މެދު ކޮންމެ ގޮތަކަށް ދެކުނަސް އެއީ އަހަރެންގެ ދަރިއެއް.. މުސްކުޅިވެ ގައި ބާރުދެރަވީ ދުވަހު ހުރި އެންމެ އަންހެންދަރިއެއް ދުރުކޮށްލަން އަހަރެން ބޭނުމެއްނޫން.. " ބަދޫރާގެ ބަސްތަކުން ހާޖަރުގެ ހިތަށް އިންތިހާއަށް އަސަރުކުރިވިއެވެ. އެހެނަސް އޭނާ ކެތްކުރިއެވެ. އޭނާއަށް އެންމެ ހާލު ޖެހުނު ދުވަހު ބަދޫރާ ކަންތައް ކުރި ގޮތް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.
"ނުވާނެ އެހެނެއް.. ހާޖަރު ޖެހޭނީ މިގެއިން ދާން.. " ނީޒާ ހަޅޭއްލަވައިގަންނަމުން އައިސް ހާޖަރުގެ އަތުގައި ހިފައިފިއެވެ.
"ނީޒާ!!! ހަމަ މިހާރު ހާޖަރު އަތުން ދޫކޮށްލާ.. " ދޮރުން މަތިން އެއިވުނީ ހާރޫންގެ ބާރު އަޑެވެ. އެހިނދު އެންމެންނަށް އެއްފަހަރާ އެދިމާލަށް ބަލައިލެވިއްޖެއެވެ. އެއައި ގޮތަށް އައިސް ހާރޫން ހާޖަރުގެ އަތުން ނީޒާގެ އަތް ނައްޓުވައިލިއެވެ.
"ވަރަށް ދުވަހު އަހަރެންނަށް ކެތް ކުރެވިއްޖެ.. އެކަމަކު ދެން އަހަރެން އަނގަ މަޑުންލައިގެން ނުހުންނާނަން.. ނީޒާ ތިހާ ފައިސާ ބޭނުންވަންޏާ ބުނިވަރެއް އަހަރެން ދީފާނަން.. އެކަމަކު މިގެއިން ހާޖަރު ނުނެރެވޭނެ.. ބޭނުމިއްޔާ ނީޒާ މިގެއިން ނިކުމެގެން ދިޔަސް އަހަރެންނަށް މައްސަލައެއް ނެތް.. ޔާނިޝް!! މަންމަ ގޮވައިގެން އެތެރެއަށް ދޭ.." ދުރުގައި ހުރި ޔާނިޝްއަށް ބަލައިލަމުން ހާރޫން ބުންޏެވެ. އެހިނދު ޔާނިޝް ބޯޖަހައިލުމަށްފަހު އައިސް ނީޒާގެ އަތުގައި ހިފާ ކޮޓަރިއަށް ދާން ހިނގާށޭ ބުނެލިއެވެ. ދަތްކުޑިވިކައިގެން ހުރި ނީޒާ ޔާނިޝްގެ އަތް ފޮޅުވައިލުމަށްފަހު ހަރުހިނގުމެއްގައި އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެއަށްފަހު ހާރޫން ހާޖަރުއަށް ބަލައިލިއެވެ. ނަމަވެސް ހާޖަރު މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.
"ތީ ހާޖަރުގެ ފިރިމީހާތަ؟ މިކުދިންގެ ބައްޕަތަ؟ " ބަދޫރާ އަމާންއަށް ބަލައިލަމުން އެހިއެވެ. އެހިނދު އަމާން އިތުރު ތަފްސީލަކަށް ނުގޮސް ހަމައެކަނި ބޯޖަހައިލިއެވެ.
"ހާޖަރުގެ ކޮޓަރި ކުރިންވެސް ހުރި ގޮތަށް ހުންނާނެ.. އެތަން ހަޑިއެއްނުވާނެ.. ހަފްތާއަކު އެއްފަހަރު މޫމިނާ ލައްވާ އަހަރެން އެތަން ސާފު ކުރަން.. މިވަގުތަށް ރަޔަންއަށް ޔާނިޝްއާ އެއްކޮޓަރީގައި ހުރެވިދާނެ ދޯ ޔާނިޝް.." ބަދޫރާ ޔާނިޝްއަށް ދޯ ދިން ހިނދު ޔާނިޝް އަވަސް އަވަހަށް ބޯޖަހައިލަމުން ހިނިތުންވެލިއެވެ. އިތުރު ކަޒިންސްތަކެއް ތިބިކަން އެނގުމުން އޭނާވެސް ހުރީ އުފަލުންނެވެ. ރާނީ ބަދޫރާއާ ދިމާލަށް ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. ބަދޫރާއަކީ އޭނާ ހީކުރިފަދަ މީހެއް ނޫންކަން މިއަދު އެނގިއްޖެއެވެ. ބަދޫރާގެ ހިތުގައި ހާޖަރުއަށްޓަކައިވާ ފުންލޯބި އެނގި ހާމަވެއްޖެއެވެ. މޫނުމަތިން ކިތަންމެ ހަރުކަށިކަމެއް ދެއްކިނަމަވެސް އެހިތަކީ މަޑު ކަފަކޮޅެއްފަދަ އެއްޗެކެވެ.
"މާމަ މާދަން އިރާދަކުރެއްވިއްޔާ ރަޔަންގެ ކޮޓަރި ތައްޔާރުކޮށްދޭނަން އިނގޭ! " ރަޔަންގެ ބުރަކަށީގައި ފިރުމައިލަމުން ބަދޫރާ ބުންޏެވެ. އެހިނދު ރަޔަން ހިނިތުންވެލަމުން ބޯޖަހައިލިއެވެ.
******************
އާންމުކޮށް އެމީހުން ބައްދަލުކުރާ ބްލޫ މޫން ހޮޓެލްގެ ޓެރޭސްގައި އާރަވްއާއި ދުއާ ތިއްބެވެ. ތަޅުންގަނޑުގައި އާރަވް އޮށޯވެލައިގެން އޮތް އިރު އާރަވްގެ ބަނޑުމަތީގައި ބޯއަޅާލައިގެން ހުރަހަށް ދުއާ އޮތެވެ. ލައިގެން ހުރި މަޑު ފިޔާތޮށިކުލައިގެން ހެދުން އެހިސާބަށް ފެތުރިފައި އޮތެވެ. ދުއާގެ އަތުތެރޭގައިވަނީ މިރޭ އަންނަމުން އާރަވް ހަދިޔާ ކުރި ރަތްކުލައިގެ ފިނިފެންމަލެކެވެ. އާރަވްގެ އެއް އަތް އޭނާގެ ބޯދަށުގައި އޮތް އިރު އަނެއް އަތުން ދުއާގެ ކަޅުކަން ގަދަ ފަން އިސްތަށީގަނޑާ ކުޅެމުން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ހާމައަށް ފެންނަން އޮތް އުޑުގައި ރަނިކަން ކުރަމުން ދިޔަ ބުރުހަމަ ހަނދަށެވެ.
"ހަނދު މިރޭ ހާދަ ފުރިހަމައޭ ދޯ.. " އާރަވް ބުނެލިއެވެ.
"އޯހް ޕްލީޒް ނުބުނައްޗެ ހަނދަށް ވުރެ ފުރިހަމައޭ ބްލާ ބްލާ.. އައި ހޭޓް ފިލްމީ ޑައިލޮގްސް.. " ދުއާ އެހެން ބުނެލުމާއެކު އާރަވް ހިނިގަނޑެއް ޖަހައިލިއެވެ.
"ހިތަށް އަރާ މިހިނދުކޮޅު އަބަދަށް ދެމިގެންދާނެ ނަމައޭ.. ދުއާ އާ އެކު ހޭދަ ކުރެވޭ ކޮންމެ ވަގުތުކޮޅަކީ އަހަރެންނަށް ވަރަށް ޙާއްސަ ވަގުތުކޮޅެއް.. ބޭނުމެއްނުވޭ މިވަގުތުކޮޅު ނިމޭކަށް.." އާރަވް ބުނެލިއެވެ.
" އަސްލު ކީއްވެ އަހަރެން ދެކެ ތިހާ ލޯބިވަނީ..؟ މިހެން މިއެހީ ރެވް އަހަރެންނަކީ ވަރަށް ޙާއްސަ މީހެއް ގޮތަށް އިހުސާސް ކޮށްދޭތީ.. އަހަރެންނަށް އިހުސާސްވަނީ ރަސްދަރިކަނބަލެއްފަދަ ގޮތަކަށް.. ރެވް އަބަދުވެސް ތިގޮތުގަ ހުރެދެއްޗެ.. ދުވަހަކުވެސް ބަދަލުނުވައްޗެ.. " ދުއާ ބުނެލިއެވެ.
" އަހަރެން ދުއާ ދެކެ އެހާ ލޯބިވާ ސަބަބެއް ބުނެދޭކަށް ނޭނގެ.. އެނގެނީ ވަރަށް ވަރަށް ލޯބިވާކަން.. އިރާދަކުރެވިއްޔާ އަހަރެން ދުއާ ދެކެ މިވާ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ.. ބަދަލުވިޔަސް ވާނީ ދުއާ ކަންނޭނގެ.. " އާރަވް ބުންޏެވެ.
" ތިހެން ނުބުނޭ ރެވް!! އަހަރެންނަށް ރެވް ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ.. ދުވަހަކުވެސް ބޭނުމެއްނޫން ރެވްއާ ވަކި ވާކަށް.. ދެން އަހަރެންނަށް ރެވްއާ ނުލަން އުޅެން ވަރަށް އުނދަގޫވާނެ.. އަހަރެންގެ މިހިތް ރެވްއަށް އާދަވެއްޖެ.. " ދުއާ ބުންޏެވެ.
" އެކަމަކު............ އަހަރެމެންގެ މުސްތަޤުބަލާ ދޭތެރޭ އަހަރެންގެ ހިތް ނުތަނަވަސްވޭ.. ލޫކްއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއްނޫން.. އެކަމަކު ދުއާ ދޫކޮށްލާނެހާ ހިތްވަރެއްވެސް އަހަރެންގެ ކިބަޔަކުންނެތް.. " އާރަވް ބުންޏެވެ. ލޫކަންގެ ނަން އިވުމާއެކު ދުއާގެ ހިތްވެސް ނުތަނަވަސް ވެއްޖެއެވެ. ދުއާ ތެދުވެ ދެފައި ކުރުކޮށްލައިގެން އިށީނެވެ. އެއާއެކު އާރަވްވެސް ތެދުވެ ފަހަތުން ދުއާ ކައިރިއަށް ޖެހިލަމުން އެއްފައި ވަށްކޮށްލުމަށްފަހު އަނެއްފައި ކުރުކޮށްލައި އެފައި މަތީގައި އަތް ބޭއްވިއެވެ. އަނެއްއަތުން އޭނާ ދުއާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.
"ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް އެނގެނީ ރެވްއާ ވަކިވާން ބޭނުންނުވާކަން.. ކާފަ ހޭއެރި ދުވަހަކުން އަހަރެން ބުނާނަން އަހަރެން ލޯބިވަނީ ރެވް ދެކެއޭ.. ދެން އޭގެ ފަހުން ވާކޮންމެ ކަމަކަށް އަހަރެން ކުރިމަތިލާނަން.. ލޯތްބަށްޓަކައި އެވަރުކަމެއް އަހަރެންނަށް ކުރެވޭނެ.. " ދުއާ ބުންޏެވެ.
"އެއްވެސް ކަމަކާ ދުއާ އެކަނިން ކުރިމަތިލާކަށް ނުޖެހޭނެ.. އަހަރެން އަބަދުވެސް ދުއާ އާ އެކުގައި ހުންނާނަން.." ދުއާގެ ކޮނޑަށް ފިތައިލަމުން އާރަވް ބުންޏެވެ. ދުއާ ހިނިތުންވެލަމުން ކޮނޑުމަތީގައި އޮތް އާރަވްގެ އަތުގައި އޭނާގެ ކޯ ޖައްސައިލިއެވެ. ދަބަހުގައި އޮތް ދުއާގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ތަންކޮޅެއް ދުރުގައި ހުރި ދުއާގެ ދަބަސް ކައިރިކޮށްލަ ދިނީ އާރަވް އެވެ. ދަބަހުން ފޯނު ނަގާ ބަލައިލިއިރު ގުޅަނީ ޒިލާލްއެވެ.
"ބައްޕަ!! " ދުއާ އަށް ބުނެވުނެވެ.
"ނަގާބަލަ!! " އާރަވް ބުންޏެވެ. އެހިނދު ދުއާ ފޯނު ނެގުމަށްފަހު ސްޕީކަރަށްލިއެވެ. ދުއާއަށް ހަލޯއޭ ނުބުނެވިގެން އުޅެނިކޮށް އެކޮޅުން ޒިލާލް ބުނި ވާހަކައިން ދުއާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ.
ނުނިމޭ. ވާހަކައިގެ އާ ބައެއް، އިންޝާﷲ، 02 އޮކްޓޯބަރ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް