ވާހަކަ: މަންޒިލް ތިޔޭ – ސާޅީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "އާނ!! ޔާނިޝް.. އެއީ ކީއްވެގެންކަން އަހަރެންނަށް އެނގޭ އެކަމަކު ނުބުނާނަން.. ޔާނިޝް ގޮސް ރަފާ ކައިރީ އަހާ.. " ޒުހާ ބުންޏެވެ. އެއަށްފަހު ހުޝާމްގެ އަތުގައި ހިފައިގެން އޭނާ އެތަނު...

25 Sep 2022 | 18:31

ކުރީގެ އަދަދާއި ގުޅޭ...

"އާނ!! ޔާނިޝް.. އެއީ ކީއްވެގެންކަން އަހަރެންނަށް އެނގޭ އެކަމަކު ނުބުނާނަން.. ޔާނިޝް ގޮސް ރަފާ ކައިރީ އަހާ.. " ޒުހާ ބުންޏެވެ. އެއަށްފަހު ހުޝާމްގެ އަތުގައި ހިފައިގެން އޭނާ އެތަނުން ދިއުމަށް ހިނގައިގަތެވެ. ހައިރާންވެ އަންތަރީސްވެފައި ޒުހާ އެބުނި އެއްޗަކާ މެދު ވިސްނަން ޔާނިޝްއަށް ހުރެވުނެވެ.

**************

ނުނިދިފައި ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ނީޒާ ހުއްޓެވެ. މީގެ އިރުކޮޅެއް ކުރިން ފެނުނު މަންޒަރު އޭނާގެ ނިދި ޙަރާބުވެއްޖެއެވެ. ގޭދޮރު ތަޅުލެވުނުތޯ ޔަގީން ކުރަން ނިކުތް ވަގުތު ގޭޓު ކައިރީގައި ފިރިހެނެއްގެ އަތު ތެރޭގައި ހުރި ރާނީ ފެނިފައި އޭނާގެ ތަބީއަތް ގޯސްވެއްޖެއެވެ. މިވީހާ ދުވަހު އޭނާއަށް ހީވަމުން ދިޔަ ބިރު ހަޤީޤަތަކަށްވުމުން އޭނާއަށް ލިބިފައިވަނީ ނުތަނަވަސްކަމެކެވެ. މިހާރު އޭނާ ވިސްނަމުން އެދަނީ ރާނީ ޔާނިޝްއާ އިންނަން ޤަބޫލުވާނެ ފަދަ ގޮތަކަށް ދައްކާނެ ވާހަކައަކާ މެދުގައެވެ. ރާނީ އެގޭގައި އުޅޭހާ ދުވަހަކު، އޭނާގެ ހަށީގައި ނޭވާހުރިހާ ހިނދަކީ ރާނީ އެހެން މީހެއްގެ ހައްޤަކަށް ވާން ލާހިކެއް ނޫނެވެ. ރާނީ ޔާނިޝްއާ އިންނަން ނުޤަބޫލުވެއްޖެނަމަ އޭނާއަށް ވެވުނު ވަރަކުން އެގޭގައި އުޅުމަށް ރާނީއަށް ދަތިކުރާނެއެވެ.

**************

ޔާނިޝް ގެއަށް އައި ގޮތަށް ފުރަތަމަވެސް މިސްރާބު ޖެހީ ރަފާގެ ކޮޓަރިއާ ދިމާލަށެވެ. ރަފާ އެހާ ބޮޑު ދޮގެއް ހެދުމުގެ ފަހަތުގައިވާ ސަބަބަކީ އޭނާއޭ ޒުހާ ބުނީ ކީއްވެތޯ ނުބަލާ އޭނާއަށް ހަމަ ނޭވާ ވެސް ނުލެވޭނެއެވެ. ލައިގެން ހުރި އަޅި ކުލައިގެން އަތް ދިގު ޓީޝާޓުގެ އަތްކުރި އޮޅާލަމުން އޭނާ ފުންނޭވައެއް ދޫކޮށްލީ ރަފާއާ ވާޙަކަ ދައްކާއިރު ވީހާވެސް ހަމަޖެހިގެން ހުރެވޭތޯއެވެ. އެއަށްފަހު އެކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލިއެވެ. ތިން ފަހަރަކު ޓަކި ޖެހިފަހުން އެތެރެއިން ކާކުތޯ ރަފާ އަހައިލި އަޑު އިވުނެވެ.

" އަހަރެން.... ހުޅުވަބަލަ.. " ޔާނިޝް ބުނެލިއެވެ. އެހެން ބުނިތާ މާ ގިނައިރެއް ނުވެ ރަފާ އައިސް ދޮރު ހުޅުވައިފިއެވެ. އިސްތަށިގަނޑު ތެމިފައި ހުރުމުން އެނިކުތީ ފެންވަރައިގެންކަން އެނގުނެވެ. މަތިން ލައިގެން ހުރި ޖެކެޓުގައި ހިފަހައްޓާލައިގެން ހުރެ ކިހިނެއްވީތޯ ރަފާ ސުވާލުކުރިއެވެ. ބަހެއް ނުބުނެ ރަފާގެ ކޮޓަރިތެރެއަށް ޔާނިޝް ވަދެއްޖެއެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުއްޓެމުން ރަފާއަށް ބަލައިލިއެވެ.

" ކިހިނެއްވީތަ؟ ރުޅި އައިސްފަތަ؟ " ޔާނިޝް ބަލަހައްޓައިގެން ހުރި ގޮތުން ރަފާ އެހިއެވެ.

" ކީއްވެ އަހަރެން ކައިރީ ދޮގު ހެދީ؟ " ޔާނިޝް އެހިއެވެ.

" ތިބުނީ..؟ " ދެބުމަ ކައިރިކޮށްލަމުން ރަފާ އެހިއެވެ. އަނެއްކާ ޔާނިޝްއަށް ހުރިހާ އެއްޗެއް އެނގުނީބާއޭ ހިތަށް އެރިއެވެ.

" މިރޭ އަހަރެންނަށް ހުޝާމްއާއި ޒުހާ ފެނިއްޖެ.. " ޔާނިޝް އެހެން ބުނުމާއެކު ރަފާއަށް ލިބުނީ ސިހުމެކެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ޒުހާގެ ނަން ކިޔާލީމައެވެ. ހީކުރެވުނު ގޮތަށް ޔާނިޝް އެއުޅެނީ އޭނާ ހުޝާމްއޭ ކިޔައިގެން ހެދި ދޮގު ފަޅާ އަރައިގެންނެވެ.

" އެމީހުން އެއީ ދެރަޙުމަތްތ....... " ރަފާ ބުނަން އުޅުނެވެ.

" ޕްލީޒް ރަފާ!! ދެން އިތުރަށް ދޮގު ހަދަން ނޫޅޭ.. އަހަރެން ކައިރީ ރަފާ އެހާ ބޮޑު ދޮގެއް ހެދީތީ އަހަރެން ހަމަ ހައިރާން ވެއްޖެ.. އެނގޭތަ މިރޭ ރަފާގެ ސަބަބުން ހިނގައިދިޔަ ހަމަނުޖެހުން.. ރަފާއަށް އޭނަ ބޭވަފާތެރިވަނީ ކަމަށް ހީކޮށް އަހަރެން އެދެމީހުން އެންމެން ތެރޭ ލަދުގަންނަވާލީ.. ހުޝާމް ގައިގައި ވިހެލީ.. " ޔާނިޝް ހިތްހަމަނުޖެހިފައި ބުންޏެވެ. ޔާނިޝްގެ ފަހު ޖުމްލަ އިވިފައި ރަފާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެކަމުންވެސް އޭނާއަށް ދޭހަވީ ޔާނިޝް އޭނާއާ މެދު ވިސްނާ ފިކުރު ކުރާ ވަރެވެ.

" އަދިވެސް ހެނީތަ؟ ކީއްވެހޭ ދޮގު ހެދީ؟ " ކުރިއަށްވުރެ ބާރަށް ޔާނިޝް ބުނެލިއެވެ. " އަދި އެންމެ ހައިރާންވީ ޒުހާ ރަފާ ދޮގު ހެދީ އަހަރެންގެ ސަބަބުންނޭ ބުނީމަ.. އަހަރެން ކޮންގޮތަކަށް ރަފާއަށް ދޮގު ހަދަން މަޖުބޫރުކުރީ.. ބުނެބަލަ.. "

" ޒުހާ އެހެން ބުނީތަ؟ ޝިޓް!!! " ރަފާއަށް ބުނެވުނެވެ.

" މިރޭ ރަފާ ދޮގު ހެދީ ކީއްވެގެން ކަން ތެދު ތެދަށް ނުބުނާހާ ހިނދަކު އަހަރެން މިތަނަކު ނުދާނަން.. ބުނޭ ކީއްވެ ދޮގު ހެދީ.. " ޔާނިޝް ބުންޏެވެ. ރަފާގެ މޫނުމަތިން ނުތަނަވަސްކަން ފެނިލިއެވެ. ހިންދިރުވައިލެވުނު ހިނދު އިސްޖަހާލެވިއްޖެއެވެ. ޔާނިޝް ކެތްތެރިކަން ކޮޅުންލާފައިވާ ހާލު އެއައި ގޮތަށް ރަފާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

" ދޮގު ހެދީ ކީއްވެހޭ... "

" ލޯބިވާތީ..! " ހިތްވަރުކޮށްލާފައި ރަފާ އިއްވާލިއެވެ. އެހިނދު ޔާނިޝްގެ ދެބުމަ ގޮށްޖެހިގެން ދިޔައީ އެބުނީ ކީކޭކަން ދޭހަ ނުވެގެންނެވެ.

" ކީކޭ؟؟؟ " ޔާނިޝްއަށް ބުނެވުނެވެ.

" ލޯބިވާތީއޭ.. އާނ އަހަރެން ޔާން ދެކެ ވަރަށް ލޯބިވޭ!! ރަހުމަތްތެރިއެއް ގޮތަކަށް ނޫން ދެބެންގެ ދެދަރި ކުއްޖެއްގެ ހައިސިއްޔަތަކުންވެސް ނޫން. ލޯތްބަކީ ކޯންޗެއްކަން އެނގެން ފެށީންސުރެ އަހަރެން ޔާން ދެކެ ލޯބިވޭ! ހުޝާމްއާ ރައްޓެހިވެގެންނޭ އަހަރެން ބުނެ ދޮގު ހެދީ ޔާން އަހަރެން ދެކެ ލޯބިވޭތޯ ބަލަން ވެގެން.. ޔާން ދުލުން އެހެން ބުނޭތޯ.. " ރަފާ އެއްނޭވައިން ކިޔައިލިއެވެ. ހައިރާންވެ އަންތަރީސްވެފައި ހުރި ޔާނިޝްއަށް ކިޔާނެ ބަހެއް ނޭނގުނެވެ. ރަފާއަށް ޔާނިޝްއާ ހަތަރުކަޅި ހަމަކޮށްލެވުނީ ހިނދުކޮޅަކަށެވެ. އަނެއްކާވެސް އިސްޖަހައިލވިއްޖެއެވެ.

" ދެމީހުންގެ ދޭތެރޭ އޮތް ގުޅުމަށް ބުރޫ އަރާފާނެތީ އަހަރެންނަށް ބުނަން ނުކެރުނީ.. އެކަމަކު މިހާރު ބުނެވުނީމަ ވަރަށް ހިތްހަމަޖެހިއްޖެ. ބުނެބަލަ! ޔާން އަހަރެން ދެކެ ލޯބިވޭތަ؟ " އަނެއްކާވެސް ޔާނިޝްއާ ނަޒަރު ސީދާ ކޮށްލަމުން ރަފާ އެހިއެވެ. ޔާނިޝްއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

" އަހަރެން އެފަދަ ގޮތަކަށް ރަފާއާ މެދު ދުވަހަކުވެސް ނުދެކެން.. އަބަދުވެސް ދެކުނީ ގާތް ރަޙުމަތްތެރިއެއް ގޮތުގައި.. " ޔާނިޝް ބުނެލިއެވެ. ރަފާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. އެހެނަސް އޭނާ އެވާޙަކަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

" ވެދާނެ ޔާން އަށް އަދި އެކަން އިހުސާސް ނުވަނީ ކަމަށް.. އެކަމަކު ފާއިތުވި ދުވަސްތަކުގައި އަހަރެންނަށް އިހުސާސްވި ޔާން އަހަރެން ދެކެ ލޯބިވާކަން.. އަހަރެން ހުޝާމްގެ ވާހަކަ ދެއްކުމުން ޔާން ކައިރިއަށް އަންނަ ރުޅި އެކަމުގެ ހެއްކަކަށް ފުދޭ.. ނޫންތަ ޔާން.. ބުނެބަލަ އަޅެ.. " ރަފާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެމަންޒަރު ފެނި ޔާނިޝް ދެރަވިއެވެ. ރަފާއާ އެއްބަސް ވެވެން ނެތީމައެވެ. ރަފާ ދެކެ އެފަދަ ނަޒަރަކުން ލޯބިވާ ކަމަށް އޭނާއަށް ޤަބޫލެއް ނުކުރެވެއެވެ.

" ލުކް ރަފް.. ތީ އަހަރެންނަށް ވަރަށް ޙާއްސަ ކުއްޖެއް.. އަހަރެން ވަރަށް ލޯބިވެޔޭ ރަފް ދެކެ.. އެކަމަކު ތިބުނާ ފަދަ ނަޒަރަކުން ނޫން. އަހަރެން ލޯބިވާ އެހެން ކުއްޖަކު ހުރޭ.. އަހަރެން ބޭނުމެއް ނޫން އެއްވެސް ހާލެއްގަ ރަފް ދެރަކޮށްލާކަށް.. އެކަމަކު ހަޤީޤަތް ހާމަކުރުން މަޖުބޫރު.. އެހެންނޫނީ އަހަރެންނަށްވެސް އަދި ރަފާއަށްވެސް އުފަލެއް ނުލިބޭނެ.. " ޔާނިޝް ރަފާ ކައިރިއަށް ޖެހިލާ އޭނާގެ ކަރުނަތައް ފޮހެދެން އުޅުނެވެ. ނަމަވެސް ރަފާ ފަހަތަށް ޖެހިލިއެވެ. ޔާނިޝް ލޯބިވާ އެހެން ކުއްޖަކު ވާހަކަ ބުނި ހިސާބުން ފެށިގެން އޭނާގެ ސިކުނޑީގައި ވަރުގަދަ ތޫފާނެއް އުފެދިފައި ވާކަހަލައެވެ.

" ޔާން އިހަށް މިތަނުން ދޭ.. ޕްލީޒް.. " ޔާނިޝްއަށް ފުރަގަސް ދެމުން ރަފާ ބުންޏެވެ. ހިތްދަތިވެ ލޮލުން ކަރުނަ އޮހޭ މަންޒަރު ޔާނިޝްއަށް ދައްކަން ބޭނުން ނުވާތީއެވެ. އެހެނަސް ރަފާ ރޮނީކަން އެނގޭ ހާލު ޔާނިޝްގެ މޭގައި ރިއްސާލިއެވެ. ރަފާއަށް ގޮވާލާ އޭނާގެ ކޮނޑުގައި އަތް އަޅާލަން އަތް އުފާލާލާފައިވެސް ތިރިކޮށްލިއެވެ. އެހިތަށް ހަމަޖެހުމެއް ހޯދައިދޭން އޭނާއަށް ބުނެވޭނެ ނޫނީ ދެއްކޭނެ އެއްވެސް ވާހަކައެއް ނެތެވެ. ރަނގަޅުވާނީ ރަފާ ބުނިހެން އިހަށް އޭނާ އެތަނުން ދިޔުމެވެ. ޔާނިޝް އެތަނުން ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު ފަސް އެނބުރި ރަފާއަށް ބަލައިލިއެވެ. އޭނާއާ މެދު ހަމްދަރުދީ ވާ ހާލުގައެވެ.

ޔާނިޝް ހިނގައްޖެކަން ޔަގީންވުމާއެކު ރަފާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ދޮރު ލައްޕާ ތަންޑު އެޅުވިއެވެ. ހިތަށް ކުރި ފުން އަސަރަކާއެކު އަނގަމަތީގައި އަތް އަޅާ ރޯން ފެށިއެވެ. ދޮރުގައި ލެގިލީ ހަށިގަނޑުން ވަރުދޫވާ ކަހަލަ އިހުސާސެއް ކުރެވެމުންނެވެ.

***************

ވަޒީފާ ނިންމާފައި ރާނީ އައިސް ވަނުމާއެކު ނީޒާ ގޮވާލައިފިއެވެ. އަތުގައި ހުރި ސައިތަބަށް ކުޑަ މޭޒު މަތީގައި ބަހައްޓަމުން ރާނީ ކައިރީގައި ސޯފާގައި އިށީނުމަށް އޭނާ އެދުނެވެ. ވާހަކައެއް ދައްކަން ބޭނުންވާ ކަމަށް ބުނަމުންނެވެ. އޭރު ސާރާ އާއި ބަދޫރާވެސް އެތަނުގައި ވާހަކައެއްގައި ތިއްބެވެ. ސާރާ އާ ޖެހިގެން ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަން އިން ރަފާއަށް ރާނީ ބަލައިލީ އަނެއްކާ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ. ރަފާވެސް އަނގަ ހަދާލަމުން ދެކޮނޑު އަރުވައިލިއިރު ނީޒާ ދައްކަން އެއުޅެނީ ކޮން ވާޙަކައެއްބާއޭ ހިތަށް އެރިއެވެ. ރާނީ އިށީންތަނުން ގެއަށް ވަދެގެން އައި ޔާނިޝްއަށް ވެސް ނީޒާ ގޮވާލާފައި އެތަނުގައި އައިސް އިށީނުމަށް އެދުނެވެ. ޔާނިޝް ފެނުމާއެކު ރަފާ އިސް ޖަހާލައި ލެޕްޓޮޕަށް ނަޒަރު ހުއްޓާލިއެވެ. ރަފާއަށް ނަޒަރެއް ދެމުން ޔާނިޝްވެސް އައިސް އޭނާ އާ މާ ދުރު ނޫން ހިސާބެއްގައި އިށީނެވެ. ނީޒާ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން އެނގި ބަދޫރާއަށް ނުތަނަވަސްކަމެއް ލިބިފައިވާ ކަހަލައެވެ.

އެންމެންނަށް ސައި ޖޯޑުތައް ދިނުމަށްފަހު އެންމެ ފަހުން ރާނީއަށް ސައި ޖޯޑެއް ނީޒާ ދިއްކޮށްލިއެވެ. ރާނީ އޭގައި ހިފަމުން ނީޒާއަށް ޝުކުރު އަދާކުރިއެވެ. ރާނީ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި ނީޒާވެސް ހަމަޖެހިލައިގެން އިށީނެވެ.

" އެންމެ ފުރަތަމަ ކަމަކަށް ކުރިން ދުވަހު ހިނގައިދިޔަ ކަންތަކަށް އަހަރެން ރާނީގެ ކިބައިން މައާފަށް އެދެން.. އެހެން ކަންތައް ކުރެވުނީ ބޭއިޙްތިޔާރުގައި.. " ނީޒާ ދެރަވެފައި ބުންޏެވެ.

" އަހަރެން ނީޒާއްތަދެކެ ރުޅި އައިސްފައި ނެތިން.. " ހީނލަމުން ރާނީ ބުންޏެވެ.

" އަސްލު ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން މިއުޅެނީ.. ރާނީ އަކީ ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ރަނގަޅު ކުއްޖެއް.. އާއިލީ މުއްސަނދިކަމަށްފަހުވެސް ރަނގަޅު ވަޒީފާއެއް އަދާކޮށް އާމްދަނީ ހޯދަން މަސައްކަތް ކުރާ ހީވާގި މަސައްކަތްތެރި ކުއްޖެއް.. ސިފަޔާ އެއްވަރަށް އަހުލާޤުވެސް އެހާ ރަނގަޅު ކުއްޖެއް.. އަހަރެންގެ ޔާނިޝްއަށް އަހަރެން މިހޯދަނީ ހަމަ ތިފަދަ ކުއްޖެއް.. " ނީޒާގެ ފަހު ޖުމްލައާ އެކު އެންމެ ބޮޑު ސިހުމެއް ލިބުނީ ރަފާ އަށެވެ. އޭނާ އަތުން ލެޕްޓޮޕުވެސް ދޫނުވީ ކިރިޔާއެވެ. ޔާނިޝްއަށް ބަލައިލެވުނު ހިނދު އޭނާ ހިނިތުންވެލިތަން ފެނިފައި ޔާނިޝް ލޯބިވާ ކުއްޖާއަކީ ކާކުކަން ދެނެގެންނަން އޭނާއަށް އުނދަގުލެއް ނުވިއެވެ. ހިތުގައި ޖެހުނު ވަރުން އިސާހިތަކުން ލޮލުން ކަރުނަ ފާއްދާލައިފިއެވެ. ސާރާވެސް އިނީ ހައިރާންވެ އަންތަރީސްވެފައެވެ. ނީޒާއަށް އެވަރުގެ ވާހަކައެއް ބުނަން ކެރުނު ކަމޭ ހިތަށް އަރާފައެވެ. ބަދޫރާ ޝައުޤުވެރިކަމާއެކު ރާނީގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

" ތިބުނީ..؟؟ ނުވިސްނުނު.. " ރާނީގެ އަތްފައި ފިނިވި ހިނދު ބުނެވުނެވެ.

" މިބުނީ އަހަރެންގެ ޔާނިޝްއާ ރާނީ އިންނަންވީ ނޫންހޭ.. އަހަރެންގެ ޔާނިޝްއަކީވެސް ރާނީއާ އެއް ފަންތީގެ ކުއްޖެކޭ ބުނެވިދާނެ.. " ޖެހިލުމެއް ނެތި ނީޒާ ބުންޏެވެ. ލިބުނު ހިތްހަމަނުޖެހުމުގައި ރާނީ އިންތަނުން ތެދުވިއެވެ.

" މާފުކުރޭ ދައްތާ.. އެކަމަކު ޔާނިޝް އަހަރެން ދެކެނީ ބޭބެއެއްގެ ގޮތުގައި.. އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ.. އަދި އަހަރެން މިއުޅެނީ ވަރަށް އަވަހަށް އޭނައާ ކައިވެނި ކުރަން.. " ރާނީ ބުނެލިއެވެ. ޔާނިޝް ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނީޒާ ކައިރިއަށް އައީ ރުޅިއެވެ. އިންތަނުން ތެދުވެ ރާނީގެ އަތުގައި ހިފައި ލުއްކެއް ޖެހުމާއެކު އޭނާއާ ވީކޮޅަށް އަނބުރުވައިލިއެވެ.

" ތިހެން ނުބުނެގެންނޭ އަހަރެން މިއުޅެނީ.. ކަލޭގެ އަނގައިން ބުނުއްވަން ބޭނުންވީ.. ހީކުރީތަ ކަލޭ ގަންނަ ގަނޑު އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް.. " ނީޒާ ބާރަށް ހަޅޭއްލަވައިގަތެވެ.

" ނީޒާ.. " ސާރާ އިންތަނުން ތެދުވަމުން ހަޅޭއްލަވައިގަތެވެ.

" ހަޅޭއްލަވާނެ ކަމެއް ނެތް.. މީ ސާރާ މިގެއަށް ވެއްދި ވިޔާނުދާ ކުއްޖެއް.. މަންމައަށް އެނގޭތަ ކޮންމެ ރެއަކު މިގެއަށް ފާޑެއްގެ ފިރިހެނަކު ވައްދާ އެންމެން ނިދީމަ.. އެކަމަށް ޝައްކުވެގެން އަހަރެން ރޭ ހުރީ ފާރަޔަށް.. ފެނުނު މަންޒަރުން އަހަރެން ހިތަށް ބިން ފަޅާފަ އަޑިއަށް ދާނެ ނަމައޭ.. އެހާވެސް ލަދުކުޑަ ގޮތަކަށް ތިބީ.. އަހަރެމެންގެ ދަރިންނަށް މީނަގެ ނޭދެވޭ އަސަރު ކުރުމުގެ ކުރިން މިގެއިން މީނަ ނެރޭ.. " ނީޒާ ބުންޏެވެ.

" ނޫން.. ނޫން އެއީ ދޮގު މާމާ.. " ދެލޯ ފެންކަޅިވުމާއެކު ރާނީއަށް ބުނެވުނެވެ. ޔާނިޝްވެސް ރާނީ އާ ދިމާލަށް ބަލަހައްޓައިގެން އިން ގޮތުން އޭނާ އެވާހަކަތައް ޤަބޫލުކުރާ ކަހަލައެވެ. މައްސަލަ ގޯސްވާން އުޅޭހެން ހީވެ ރަފާ އަވަހަށް ރާނީ ކައިރިއަށް ޖެހިލިއެވެ. ނީޒާ އެދައްކަނީ ބުހުތާނު ދޮގު ވާހަކަތަކެއް ކަން އޭނާ އެނގެއެވެ. ނޭނގެނީ ނީޒާ އެފަދަ ވާހަކަތަކެއް ދައްކަންވީ ސަބަބެވެ.

" ނީޒާ!! އެބަ އެނގޭތަ ތިކިޔޭ އެއްޗެއް.. " ބަދޫރާ ބުންޏެވެ.

" އަދިވެސް ދޮގު ހަދަނީތަ ރާނީ؟ ތިދެމީހުން ރޭގައި ގައިގޯޅިކޮށް ތިއްބަ ނަގާފައި ހުރި ފޮޓޯ އަހަރެން އަތުގަ އެބަހުއްޓޭ.. އަހަރެން ކީއްވެތަ ދޮގު ހަދަންވީ މަންމާ..!! ކުރިން އަހަރެންވެސް ބޭނުންވީ ރާނީއާއި ޔާނިޝް ކައިވެނިކުރުވަން.. އެކަމަކު އޭނަގެ ހަޤީޤަތް އެނގުމަށްފަހު އަހަރެން މުޅިން ފޫހިވެއްޖެ.. ދެރެއަކު ދެފިރިހެނެއް އަހަރެންނަށް ފެނިއްޖެ.. މިކަހަލަ ރަންޑިން މިގޭގައި ބަހައްޓަން ވެދާނެތަ؟ " ނީޒާ ފަތިވަރު ގޮވައިގަތެވެ. ހިތަށް ކުރި އަސަރުން ރާނީގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަގަތެވެ. ބަދޫރާއަށް ފޯނު ދައްކަން އުޅުމުން ބަދޫރާ އެނުބަލަން ވެގެން މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ.

" އަސްތަޣްފިރުﷲ.،. ތިފަދަ މަންޒަރުތައް ބަލާކަށް އަހަރެން ނޫޅެން..  ރާނީ ކޮންމެ މީހަކާ ރައްޓެހިވިޔަސް މިގޭ ހަތަރު ފާރުން އެތެރޭގައި މިކަހަލަ ކަންތައްތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.. " ބަދޫރާ ހިތްހަމަނުޖެހިފައި ބުންޏެވެ.

" މަންމަވެސް ޤަބޫލުކުރީތަ؟ " ސާރާ ބުނެލިއެވެ. ރާނީ ރޯންފެށުމާއެކު ރަފާ އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.

"ހަމަ އަސްލުވެސް މާމާ އަހަރެން އެފަދަ ކަމެއް ނުކުރަން.. ޤަބޫލުކޮށްބަލަ.. " ރާނީ ރޮމުން ބުންޏެވެ.

"ކަލޭގެ ތިމައުސޫމު މޫނު ބަލަން ހުންނަން އަހަރެމެނެއް ނޫޅެން.. ހަމަ މިހާރު މިގެއިން ނިކުމޭ.. ކަލޭ ކަހަލަ އަންހެނުން މިގެއިން ނެރޭނީ އަހަރެންގެ ދެއަތުން.. " މިހެން ބުނެ ނީޒާ ގޮސް ރާނީ އަތުގައި ހިފައިފިއެވެ. ރާނީގެ އަތުގައި ހިފައިގެން ހުރި ރަފާގެ އަތް ނައްޓުވާލުމަށްފަހު ރަފާ ކޮއްޕާލި ހިނދު ގޮސް ޖެހުނީ ކައިރީގައި ހުރި ސާރާ ގައިގައެވެ. ނީޒާގެ ރާނީގެ އަތުގައި ހިފައި ދަމަމުން ގެންދަން ފެށުމުން ރާނީ ރޮމުން އޭނާ އެފަދަ ކަމެއް ނުކުރާކަމަށް ބުނެ ބަދޫރާއަށް ގޮވަމުން ދިޔައެވެ. އެމަންޒަރު ފެނި ބަދޫރާގެ ހިތުގައި ރިއްސާލީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނާގެ މޫނު އަނެއްފަރާތަށް އަނބުރާލީ ހިތާ ދެކޮޅަށެވެ. ދޮރާ ހަމަވުމަށްފަހު ނީޒާ ރާނީ ދޮރާ ދިމާލަށް ހޫރުވާލިއެވެ. ވެއްޓެން ދިޔަ ރާނީއާ ދިމާލަށް ދުއްވައިގަނެވުނީ ރަފާއާއި ސާރާ އެކުއެކީގައެވެ. ނަމަވެސް ރާނީ ބިންމަތީގައި ޖެހުމުގެ ކުރިން ބާރުގަދަ އަތަކުން ރާނީ ގައިގާ ހިފަހައްޓައިފިއެވެ. އެމީހާގެ މޫނު ރާނީއަށް ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނެވެ.


ނުނިމޭ. ވާހަކައިގެ އާ ބައެއް، އިންޝާﷲ، 27 ސެޕްޓެމްބަރ ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް