N/A
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއެއް 21 ރުފިޔާއަށް މިއަދު ބޮޑުކޮށްފިއެވެ.
މި ބަދަލާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން އެ ކުންފުނިން ބުނީ މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަސްވެރިކަން ދަށްވެ ބާނާ މަހުގެ ނިސްބަތް މަދުވެފައިވާތީ މަހަށް އޮންނަ ޑިމާންޑު އިތުރުވެފައިވާ ކަމަށެވެ. މި ދުވަސްވަރު މަސް ގަންނަ އަގުތައް ހެޔޮ ބަދަލަކާ ދިމާއަށް މިސްރާބު ޖެހޭނެ ކަމަށް ވެސް މިފްކޯއިން ބުނެފައިވެއެވެ.
މިއަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން ކަޅުބިލަމަސް ކިލޯއެއް ގަނެފައި ވަނީ 20 ރުފިޔާގެ ރޭޓުގައެވެ. މިއަދު ގެނައި ބަދަލާ އެކު ކިލޯއެއްގެ އަގަށް ރުފިޔާއެއް ވަނީ އިތުރުވެފައެވެ. މިފްކޯއިން ބުނާ ގޮތުގައި މަސް ގަންނަ ރޭޓު ކަނޑައެޅުމުގައި ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކާއި ކުންފުނީގެ އޮޕަރޭޝަނަލް ހާލަތަށް ބެލެއެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިންނަށް އެންމެ ރަނގަޅު އަގު ހޯދައިދިނުމަށް މަސައްކަތްކުރާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ބުނީ އާ އަގުގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ޖެޓީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ޖެޓީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ޖެޓީގެ އިތުރުން ރަންދި 20 ރަންދި 23 ރަންދި 25 ރަންދި 29 އަދި ކޭއޭއެލް 401 ބޯޓުން މިއަދު މަސް ގަންނާނެ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން ވެލިއު އެޑެޑް ބާވަތްތައް އުފެއްދުމާއި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމާއި ބޭރަށް މަސް ވިއްކޭ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް