ރަހުމަތްތެރިކަމުގެ ދަތުރެއްގައި މިހާރު ރާއްޖެ އައިސްއުޅޭ ޗައިނާގެ ޕީޕަލްސް ލިބަރޭޝަން ނޭވީގެ ތިން މަނަވަރުގެ ކޮމާންޑަރ، ރެއާ އެޑްމިރަލް ޝެން ހާއޯ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީން ވިދާޅުވީ މިއަދު މެންދުރު ޑިފެންސް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހި އަސްކަރިއްޔާ އާއި ޗައިނާގެ އަސްކަރިއްޔާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޗައިނާ އަސްކަރިއްޔާގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި ކަމަށެވެ.
މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ޑިފެންސް މިނިސްޓަރުގެ އަރިހުގައި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރެއާ އެޑްމިރަލް ޝެން ހާއޯގެ އަރިހުގައި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާސަފީރު، މިސްޓަރު ޒަންގް ލިޒޯންގް، ބައިވެރިވެވަޑައިގެންފައިވާކަމުގައި އެ މިނިސްޓްރީން ހާމަކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް