ގާސިމްގެ ފަރުވާ އާއި ގުޅޭގޮތުން ޖޭޕީން ހޯމް މިނިސްޓަރާ ބައްދަލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމްތައް ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް އެދި އެ ޕާޓީގެ ކައުންސިލް މެންބަރުން ހޯމް މިނިސްޓަރު އަޒް...

29 Aug 2017 | 10:30

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމްތައް ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް އެދި އެ ޕާޓީގެ ކައުންސިލް މެންބަރުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ބައްދަލު ކޮށްފި އެވެ.

ގާސިމް ހިތުގެ އާލާސްކަންފުޅަށް ފަރުވާހޯދުމަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮއްވަ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުވަނީ އޭނާ ގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ތިން އަހަަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އެހެންވެ ގާސިމް ރާއްޖޭން ބޭރަށް ފަރުވާއަށް ގެންދެވެން އޮތީ ކަރެކްޝަންސް ގެ ހުއްދަ ލިބިގެންނެވެ.

މި ބައްދަލުވުން އޮތީ މިއަދު ހޯމް މިނިސްޓްރީގަ އެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގުދެމިގެން ދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމުތައް ވީހާވެސް އަވަހަކަށް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި ސަރުކާޜުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަޒްލީނާއި ރާއްޖެ އިން ސްރީލަންކާއަށް އަލަށް ކަނޑައަޅަން ނިންމާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވެސް ވަނީ ރޭ ގާސިމާ ބައްދަލުކުރައްވައިފަ އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް