ޗައިނާއިން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޒަންގް ލިޒޯންގް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީނަށް އަރުއްވައިފި އެވެ. މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ވަނީ ރަސްމި...

29 Aug 2017 | 10:13

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޒަންގް ލިޒޯންގް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީނަށް އަރުއްވައިފި އެވެ.

މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ޒަންގް ލިޒޯންގް އާއި ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ޗައިނާއިން ގެންގުޅޭ ވަން-ޗައިނާ ސިޔާސަތަށް ރާއްޖެއިން ތާއީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ޗައިނާ ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވި އެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި މާލެ ހުޅުލޭ ބްރިޖުގެ މަސައްކަތްތަކާއި ގުޅޭގޮތުން އާ ސަފީރަށް މައުލޫމާތު ދެއްވި އެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ޒަންގް ލިޒޯންގް ގެ ސަފީރު ކަމުގައިވެސް ކުރިއެކޭ އެއްގޮތަށް ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ބައްދަލުވުމުގައި ޗައިނާ އިން ކަނޑައެޅި އާ ސަފީރު ޒަންގް ލިޒޯންގް ވިދާޅުވީ ރާއްޖޭގައި ޗައިނާގެ ކުންފުނިތަކުން ކުރިޔަށް ގެންދާ މަޝްރޫއުތަކާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށާ ވިޔަފާރީގެ ދާއިރާގައި ދެ ގައުމުގެ ގުޅުން ތަރައްގީ ކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް