ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން '4 އިމާމުންގެ ޢަޤީދާ' ގެ ނަމުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބޭއްވުމަށް ރާވާފައިވާ ދަރުސް ދެން އޮންނާނީ ގދ.ތިނަދޫގައިކަމަށް ސަލަފުން ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުން މިކަން ހާމަކޮށްފައިވަނީ ޖަމްޢިއްޔަތުއްސަލަފާއި އައްޑޫސިޓީގައި ޙަރަކާތްތެރިވާ ނޫރުލް އިސްލާމް ޖަމްޢިއްޔާ އާއިގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި '4 އިމާމުންގެ ޢަޤީދާ' ދަރުސްގައި ވަހަކަފުޅުދައްކަވަމުން އައްޝައިޚް މުޖްތަބާ ޙަމީދު އެވެ.
"އަޅުގަނޑުމެން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރާއްޖޭގެ ބައެއް ބޮޑެތި ސަރަހައްދުތަކުގައި ބޭއްވުމަށް މިހާރު ރާވާފައިވާ މިސިލްސިލާގެ ތެރެއިން ދެން ދަރުސް ދޭން ނިންމާފައިވަނީ ގދ.ތިނަދޫގައި. އަދި އެއަށްފަހު ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް މިދަރުސް އިންޝާﷲ ކުރިއަށްދާނެ." ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި '4 އިމާމުންގެ ޢަޤީދާ' ދަރުސް ގެ ކޯޑިނޭޓަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ. ޝައިޚް މުޖްތަބާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި '4 އިމާމުންގެ ޢަޤީދާ' ދަރުސް ބޭއްވުމަށް ވަރަށްގިނަ ރަށްތަކުން އެދެމުންދާ ކަމަށާއި މިސިލްސިލާއަކީ ޖަމްޢިއްޔާއިން ވަރަށް ބޮޑު ޚަރަދެއްކޮށްގެން ވަރަށް ދުރާލާ ރާވައިގެން ކުރިއަށް ގެންދާ ވަރަށް ޚާއްޞަ ދަރުސްތަކަކަށްވާތީ ރިކުއެސްޓުތައް އަންނަ ރަށްތަކުގެ ތެރެއިން ވީހާވެސް ގިނަ ރަށްތަކެއްގައި ދަރުސް ބޭއްވުމަށް މަައްކަތް ކުރާނެކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި އެޖަމްޢިއްޔާގެ ފަރާތުން މިހާރު ސިލްސިލާކޮށް ދިނުމަށް ފަށާފައިވާ '4 އިމާމުންގެ ޢަޤީދާ' މި ދަރުސްތަކަކީ އިސްލާމީ ޞައްޙަ ޢަޤީދާ ދިވެހިންނަށް ބަޔާންކޮށްދީ ޒަމާނުންސުރެ ދިވެހިން ތަބާވެގެންތިބި ސުންނަތްޖަމާޢަތުގެ ޢަޤީދާ އާއި ޚިލާފަށް ބާޠިލު ޢަޤީދާތައް އޭގެ އަސްލުއޮޅޭފަދަ ގޮތަކަށް ދިވެހި މުޖުތަމަޢުގައި ބައެއްފަރާތްތަކުން ފަތުރަމުންދާތީ އެކަމުން ދިވެހި މުޖުތަމަޢު ރައްކާތެރިކުރުމަށް ހިންގާ ޕްރޮގްރާމުތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް