ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓު ކޮށްފައިވާ މިންވަރު މިދިޔަ މަހު އަނެއްކާވެސް އިތުރުވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 126 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. ޖޫން މަހު ރިޕޯޓު ކޮށްފައިވަނީ 83 މައްސަލަ އެކެވެ. ޖުލައި މަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ އަދަދަށް ބަލާއި އިރު އެއީ މިނިސްޓްރިީއަށް މިދިޔަ މަހު ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ 48 ޕަސެންޓެވެ.
މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާގެ ކުރުމުގެ މައްސަލަތަކެވެ. އެފަދަ 44 މައްސަލައެއް ހުށަހަޅާފައިވާއިރު ޖިންސީ އަނިޔާކުރުމުގެ 31 މައްސަަލަ ހުށަހަޅާފައިވެ އެވެ.
ކުޑަކުދިންނަށް އިހުމާލުވުމުގެ 11 މައްސަލައެއް ހުށަހަޅާފައިވާއިރު ކުށްކުރާ ކުޑަކުދިންގެ 11 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ އަށް މައްސަލަ ހުށަހަޅާފައިވާއިރު ކުޑަކުދިންގެ އަހުލާގާއި ގުޅުންހުރި 18 މައްސަލައެއް ހުށަހެޅިފައިވެ އެވެ.
ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކޮށްފައިވަނީ ޖޫން މަހާ އަޅާ ބަލާއިރު ދާދި އެއްވަރަކަށެވެ. އެގޮތުން ޖޫން މަހު ގެވެށި އަނިޔާގެ 31 މައްސަލަ ހުށަހެޅުނު އިރު މިދިޔަ މަހު ހުށަހެޅިފައިވަނީ 37 މައްސަލައެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާ ނުލައިގެން 11 މައްސަލައެއް ހުށަހެޅުނު އިރު އުމުރުން ދުވަސްވީ މީހުންނަށް އަޅާ ނުލައިގެން ނުވަ މައްސަލައެއް މިދިޔަ މަހު ހުށަހެޅިފަ ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް