ބޮލީވުޑްގެ މެގަ ސްޓާ އަމިތާބު ބައްޗަން ރާއްޖެ އައުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ފަށައިފި އެވެ.
އަމީތާބަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހެޕަޓައިޓިސް އަށް މި ސަރަހައްދުން ކަނޑައަޅާފައިވާ ގުޑްވިލް އެމްބެސެޑަރެވެ. އޭނާ ރާއްޖެ އަންނަނީ އެ ޖަމިއްޔާއިން ބާއްވާ ހަރަކާތެއްގައި ބައިވެރިވުމަށެވެ.
ސޯޝަލް މީޑިއާގައި ފުރަތަމަ މި ކެމްޕެއިން ފެށީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ. މަހުލޫފު ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލަށް ލައި، ގާނޫނު އަސާސީން ދީފައިވާ ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާތީ އަމީތާބު ރާއްޖެ އަށް ކުރާ ދަތުރު ބޮއިކޮޓް ކުރަން އެދޭ ކަމަށެވެ.
މަހުލޫފަށް ތާއީދުކޮށް ގިނަ ބަޔަކު ދަނީ އަމީތާބުގެ ދަތުރު ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ. އަދި އޭނާ ކުޅެފައިވާ "އަންދާގާނޫން" ގެ ޕޯސްޓަރާއެކު ބައެއް ޓުވީޓްތަކުގައި އަމީތާބު ޓެގްކޮށްފައި ވެސްވެ އެވެ.
ރާއްޖޭގައި ބާއްވާ އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް