ރޭގަނޑުގެ ފިނި ރޯޅިތަކުން ޖައްވު ވަނީ ފުރާލާފައެވެ. އުޑުމަތީގައިވާ ކުދި ކުދި ތަރިތަކުން ޖައްވު އޮތީ ޖަރީވެފައެވެ.
އެ ރީތި ހިތްގައިމު މަންޒަރަކީ ބަލާ ފޫހި ނުވާނޭ މަންޒަރެކެވެ. ސާރާ އެކަނިމާއެކަނި ޖޯލީގައި އޮތީ އެ މަންޒަރަށް ގެއްލި ހުސްވެފައެވެ. "ހާދަ ފުން ހިޔާލެއްގަ؟"އަފްޒަލް ސައިކަލުގައި އައިސް މަޑުކޮށްލަމުން ބުނެލިއެވެ.
"ނޫނޭ...ކަމަކުތަ ތި އައީ؟"
ސާރާ އެދިމާލަށް ބަލާލަމުން ހިނިތުން ވެލަމުން ބުންޏެވެ.
"ކަމަކު އެކަނިތަ އަހަންނަށް ސާރާ ކައިރިއަށް އާދެވެނީ؟" އަފްޒަލް ރަކި ގޮތަކަށް ހީލަމުން ބުންޏެވެ.
އަފްޒަލް ސާރާއާ ޖެހިގެން އިން ޖޯލި ދޫކޮށްފަ އިށީދެލިއެވެ.
"އަސްލު ސާރާ ބަލާލީމަ އަހަންނަށް އިނގޭ ސާރާގެ ހިތުގައި ފޮރުވައިގެން އެބައުޅޭކަން ބައިވަރު ކަންކަން...ތި ލޮލުން އެބަ ބުނޭ އެހީއަކަށް ބޭނުންވާ ވާހަކަ" އަފްޒަލް ސާރާގެ ލޮލާ ލޯ ސީދާކޮށްލާފައި ބުންޏެވެ.
ސާރާ މަތި ބަލާލުމަށް ފުން ނޭވާއެއް ލިއެވެ.
"އަފްޒަލް އަދިވެސް ހަމަ އެހާ ޑްރާމާ ބޮޑޭދޯ..." ސާރާ ލުއި ލުއި ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
"ނޫނޭ ޑްރާމާއެއް ނޫން... ފޮރުވަން ނޫޅެބަ...އަހަންނާ ޝެއާ ކޮށްބަ... އަހަރެން މީ ސާރާގެ ގާތް ރަހުމަތްތެރިއެއް...ބައެއް ފަހަރު ހިތުގަ ހުންނަ ހިތާމަތައް ހިއްސާކުރީމަވެސް ހިތަށް ލުޔެއް ލިބޭނެ..." އަފްޒަލް ބުންޏެވެ.
ސާރާ އިތުރަށް ބަހެއް ނުކިޔާ ފޯނު ނަގާ ފޯނާ ކުޅެން ފެށިއެވެ. އަފްޒަލްގެ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތެއް ސާރާ އަކަށް ނޭނގުނެވެ. ހިއްސާ ކުރަން ބޭނުން ނަމަވެސް ހިއްސާކުރާނެ ގޮތެއް ސާރާއަކަށް ނޭގުނެވެ. އަފްޒަލްއަށް ސާރާ އެ ވާހަކަ ކުރިއަށް ގެންދަން ބޭނުން ނޫވާ ކަން އިހުސާސް ވިއެވެ. އަފްޒަލް ޖީބުން ސިގިރޭޓެއް ނަގާ ރޯ ކޮށްލިއެވެ. ސާރާ އަފްޒަލްއާއި ދިމާލަށް ބަލާލިއެވެ.
"މާހިރުވެސް ތިކަމެއް ނުހުއްޓާ އަހަރެން ކިޔާ ކިޔާވެސް" ސާރާ ބުންޏެވެ.
"ސާރާ ބުނެފިއްޔާ އަހަރެން ހުއްޓާލަ ފާނަން"އަފްޒަލް ހީލަމުން ބުންޏެވެ.
"އަސްލު އެހެންވެތަ މާހިރުއަށް ހާޓް އެޓޭކެއް ޖެހުނީ؟ އަހަރެން މާހިރު ވާހަކަ ދައްކާ އިރަށް ކީއްވެތަ އެންމެން ވާހަކަ ބަދަލު ކޮށްލަނީ؟ މާހިރު ވާހަކަ ދެއްކުމަކީ މައްސަލައެއް ތަ؟" ސާރާ އަފްޒަލް އާއި ސުވާލު ކޮށްލިއެވެ. އެ ސުވާލުތަކަކީ ސާރާގެ ސިކުނޑީގައި އެއް އަޑަކަށް އެނބުރެމުން ދިޔައި ސުވާލުތަކެކެވެ.
އަފްޒަލް ސިގިރޭޓް އެއްލާލިއެވެ. ސާރާއަށް އަފްޒަލްގެ ހުރިހާ ސަމާލުކަމެއް ދިނެވެ.
"މައްސަލައެއް ނޫން އެއީ... މާހިރުގެ ހަނދާންތައް ޖެހޭނެ އަބަދުވެސް އާ ކުރަން.. ހޭދަ ކުރި އުފާވެރި ވަގުތު ތަކާއި އޭރުގަ ވީ މަޖާ ކަންކަމާ ހުރިހާ ކަމެއްވެސް ޖެހޭނެ ހަނދާން ކުރަން... އޭރަށް މާހިރު ހުންނާނީ ސާރާގެ ކައިރީގަ..." އަފްޒަލް ހިނިތުން ވެލަމުން މަޑުމައިތިރި ކަމާއި އެކު ސާރާއަށް ޖަވާބުދިނެވެ.
އެވަގުތު އެތަނަށް ހަފީޒާ އައެވެ.
"އަނހާ އަފްޒަލް ހިނގާ ކާން ދާން..." ހަފީޒާ އަފްޒަލް ގާތު ބުނެލިއެވެ.
"ނޫނޭ.. ކައިގެން މީނީ... ސާރާ ފެނުނީމަ މިތަނާ ކައިރިކޮށްލީމި...އަހަރެން ގޮސް ލަނީއޭ އިނގޭ" އަފްޒަލް އެހެން ބުނުމަށް ފަހު ތެދުވިއެވެ.
ސާރާވެސް ގިނަ އިރުތަކެއް ނުކޮށް ނިދަން ވަނެވެ. ދުވަސްތަކަކަށް ފަހު ސާރާއަށް ހިތަށް ކުޑަ ހިތް ހަމަ ޖެހުމެއް ލިބުނެވެ. މާހިރުގެ ވާހަކަތައް ދައްކަން ކިތަންމެ ބޭނުންވިޔަސް އެ ވާހަކަތައް ހިއްސާ ކުރާނެ މީހެއް ނުހުރެއެވެ. ނިދަން އޮށޯތީ އަފްޒަލް ބުނި ވާހަކަތަށް ވިސްނަމުންނެވެ. ހިޔާލުތަކުތެރޭ އޮއްވާ ފޯނަށް މެސެޖެއް އައެވެ. ފޯނު ނަގާ ބަލާލި އިރު އަފްޒަލްއެވެ. ސާރާއާއި އަފްޒަލް މެސެޖުން ވާހަކަ ދައްކަން ވަރަށް ދަން ވަންދެން އޮތެވެ. ސާރާއަށް އަފްޒަލް ވަރަށް ހާއްސަ ވެއްޖެއެވެ. މާހިރަށް ފަހު ސާރާގެ ވާހަކަތައް އަޑުއަހާ އިހުސާސްތައް ބަލައިގެން ހަމަ އެކަނި މީހަކީ އަފްޒަލް ކަމުގައި އިހުސާސް ކުރެވެން ފެށިއެވެ. އަފްޒަލް އާއި ވާހަކައިގައި އޮއްވާ ކުޑަ ދޮރުގައި މީހަކު ޓަކި ޖަހަން ފެށިއެވެ. ސާރާ ދިޔައީ ސިއްސައިގެންނެވެ.ކުޑަދޮރު ކައިރިން ހިޔަންޏެއް ކޮޓަރި ތެރެއަށް ފެނެއެވެ. ސާރާ ގޮސް ކުޑަދޮރު ފޮތިގަނޑު ދަށުން ބަލާލިއެވެ. އޭރު ކުޑަ ދޮރު ކައިރީގައި ހުރީ ލައިސަމްއެވެ. ސާރާގެ ގާތަށް ވަރަށް ރުޅި އައެވެ. ފޮތިގަނޑު ރީތި ކޮށްލާފައި ސާރާ ކޮޓަރި ބޮކި ނިއްވާލާފައި އެނދުމަތީ އޮށޯތެވެ. ލައިސަމްގެ އުދަނގޫ ދުވަހެއް ދުވަހަކަށް ދަނީ ބޮޑު ވަމުންނެވެ.
އޭގެ އިރުކޮޅެއް ފަހުން ފާހަނަ ތެރެއިން ބާރު އަޑެއް އިވުނެވެ. ސާރާ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެއީ ލައިސަމްގެ ކަމެއް ކަން ސާރާއަށް ޔަގީން ވިއެވެ. ސާރާ ހީކުރީ ފާހަނަ ކުޑަ ދޮރުން ލައިސަމް އެއްޗެއް އެއްލި އަޑު ކަމަށެވެ. ސާރާ ގޮސް ފާހަނަ ދޮރު ހުޅުވާލާފައި ލައިޓް ދިއްލިއެވެ. އޭރު ފާހަނަ ކުޑަދޮރު ހަލާކުކޮށްލައިގެން ލައިސަމް ހުރީ ފާހަނަ ތެރެއަށް ވަދެއެވެ. ސާރާއާއި ދިމާލަށް ލައިސަމް ބަލާލީ ރުޅިވެރި މޫނަކުންނެވެ. ސާރާ ހިތް އަވަސް ވިއެވެ. ހަދާނެ ގޮތް ހުސްވިއެވެ. ސާރާ އުޅުނީ ދުއްވައިގަންނާށެވެ. އެ ކޮޓަރިން ނުކުތުމަށެވެ. އެހެން ނަމަވެސް ލައިސަމް ސާރާގެ ފަހަތުން އައިސް ސާރާ ހިފެހެއްޓިއެވެ. ސާރާ ލައިސަމްގެ އަތް ދަށުން ސަލާމަތްވާން މަސައްކަތް ކުރިއެވެ. ހަޅޭ ލަވަން ވެސް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ލައިސަމް ހުރީ ސާރާގެ އަގަ މަތީގައި އަތް އަޅައިގެންނެވެ.ލައިސަމް ސާރާ ހިފަހައްޓާލާފައި ހުރިލެއް ބާރު ކަމުން ސާރާގެ މުޅި ގައި ގައި ރިއްސައެވެ."މައިތިރިވޭ... އެހެންނޫނީ ފަލީހަތް ވާނީ ސާރާ..." ލައިސަމް ސާރާގެ ކަންފަތް ބުޑުގައި ބުންޏެވެ.
އޭރު ސާރާ ލައިސަމް ކައިރިން ސަލާމަތް ވުމަށް ގައިގައި ހުރިހާ ބާރެއް ލައިގެން މަސައްކަތް ކުރިއެވެ. ލައިސަމް ސާރާގެ ކުޑަ ކުޑަ ހަށިގަނޑު ކޮށްޕާލާފައި ވައްޓާލީ އެނދު މައްޗަށެވެ. ސާރާ ތެދުވަން މަސައްކަތް ކުރަމުން ދިޔައެވެ. ލައިސަމް ފޯނު ނަގާ ސާރާއަށް ފޯނުން ފޮޓޯއެއް ދެއްކިއެވެ. އެ ހިސާބުން ސާރާއަށް ހުއްޓުން އެރިއެވެ. ސާރާގެ ދެލޮލުން ފައިބަމުން ދިޔައި ކަރުނަތަކުން މުޅި މީހާ ފޯވިއެވެ. ލައިސަމް ސާރާ ގާތު އަޑު މަޑުކުރުމަށް އެދުނެވެ."ފެނޭތަ މި ފޮޓޯ...ފެނޭތަ؟ ސާރާ މަންމަ އަށް ފޮނުވަންތަ؟" ލައިސަމް ނުލަފާ ގޮތަކަށް ހީލަމުން ބުންޏެވެ. "ލައިސަމް ކޮން ކަމެއް ތަ ބޭނުން ވެގެން ތި އުޅެނީ... " ސާރާ ގިސްލަމުން ބުންޏެވެ.
ލައިސަމް ޖީބަށް އަތްކޮށްޕާލާފައި ކުޑަ ވަޅިއެއް ނެގިއެވެ. ސާރާ ބިރުން އެނދުގެ އެންމެ ބިއްދަށަށް ޖެހެމުން ޖެހުނެވެ.
"އިންނަން އެއްބަސްވޭ... އެހެންނޫނީ ސާރާއަށް އިނގޭނުން އަހަރެން ރުޅިއައީމަ ވާނެ ގޮތް...ސާރާގެ އިއްފަތްތެރިކަން ނީލަމަށް ލާނަން... މި ގެ ކައިރީގަ ބައިދާނަން ބިލްބޯޑެއްގަ ފޮޓޯ ހަރުކޮށްލާފަ...." ލައިސަމް ހޭން ފެށިއެވެ.
"ޕްލީޒް...ޕްލީޒް...ޕްލީޒް...ލައިސަމް ތީ މާހިރުގެ ކޮއްކޮއޭ...އަހަންނަށް ނުވިސްނިޔަސް ދޮންބެއަށް ވިސްނަބަ ދޮންބެ ކިހާ ދެރަވާނެ"ސާރާ ގިސްލަމުން ބުންޏެވެ.
"ދޮންބެއެއް ނެތް....ދޮންބެ ދެރައެއް ނުވާނެ...ދޮންބެ ބޭނުންވާނީ ސާރާ ދޮންބެ އިތުބާރު ކުރާ މީހަކާ އިންނަން... އެހެންވެ މިބުނީ... މަށާ އިންނާށޭ... ބަރާބަރު ހަފްތާއެއް ދެވޭނީ.... ހަފްތާއެއް ފަހުން އަހަރެން އަންނާނަން ޖަވާބު ބަލާ..." ލައިސަމް ބުންޏެވެ.
ސާރާ ގިސްލަގިސްލާ ރޯން ފެށިއެވެ. ލައިސަމް ކުޑަ ދޮރު ހުޅުވުމަށް ފަހު އެތަނުން ނިކުމެގެން ދިޔައެވެ.
ސާރާ ހުރީ ހަނދާނެ ގޮތް ހުސްވެފައެވެ. އެދުވަހަށް ފަހު ސާރާ ކޮޓަރިންވެސް ނުނުކުމެއެވެ. މީހަކާ ވާހަކަވެސް ނުދައްކައެވެ. ސާރާއަށް އަންނަ ބަދަލުތައް ހަފީޒާއަށް ފާހަގަ ކުރެވެން ފެށިއެވެ. މިކަމާ ކަންބޮޑުވެ ހަފީޒާ އެތައް ފަހަރެން މަތިން ސާރާ އާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ސާރާގެ ފަރާތުން ހަފީޒާއަށް ލިބެނީ ހަމަ އެންމެ ޖަވާބެކެވެ. ސާރާ ބުނަނީ ސާރާއަށް ކަމެއް ނުވާ ކަމަށެވެ. ހަފީޒާ އަފްޒަލްއާއި މި ވާހަކަތައް ދެއްކިއެވެ.ސާރާއާއި ވާހަކަ ދެއްކުމަށް އަފްޒަލްވެސް އެތައް ފަހަރެއް މަތިން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ސާރާ އެއްވެސް މީހަކާ ވާހަކަތައް ހިއްސާ ކުރާކަށް ބޭނުމެއް ނުވެއެވެ.
މެންދުރުން އަނބުރާ ތިނެއް ޖެހިއިރުވެސް ސާރާގެ ހަބަރެއް ނެތެވެ. އެތަށް ފަހަރެން މަތިން ހަފީޒާ ގޮވި ނަމަވެސް ސާރާ ކޮޓަރި ދޮރެއް ނުހުޅުވައެވެ. ހަފީޒާ އަސުރު ނަމާދު ކޮށްލައިގެން ސާރާއަށް ގޮވަން ދިޔައެވެ. އޭރު އެ ކޮޓަރި ތެރެއިން ސިޔާރާ ރޯ އަޑުފަށްގަނޑު އިވެއެވެ.
"ދަރިފުޅާ ސާރާ... ދަރިފުޅާ... ދެން އާދެބަލަ އެއްޗެއް ކާލަން...ސާރާ" ހަފީޒާ ދޮރުގައި ޓަކި ޖަހަމުން ސާރާއަށް ގޮވިއެވެ.
ހަފީޒާ ހުއްޓުމެއް ނެތި ދޮރުގައި ޓަކި ޖެހި ނަމަވެސް ސާރާގެ ހިލަމެއްވެސް ނެތެވެ. އެވަގުތަށް ސާރާގެ ބައްޕަ މިސްކިތުން ފައިބައިގެން ގެއަށް އައެވެ. "އަދިވެސް ނުނިކުމޭތަ؟" ސާރާގެ ބައްޕަ ހަފީޒާއާއި ސުވާލުކުރިއެވެ.
"ސިޔާރާވެސް ވަރަށް ރޮއޭ އެބަ... ދޮރު ހުޅުވަބަ... މަގޭ ސާރާ އަށް ކޮންމެވެސް ކަމެއް ވެއްޖެ" ހަފީޒާ ރޮމުން ބުންޏެވެ.
ސާރާ ބައްޕަ ވެސް ސާރާއަށް ގޮވަން މަސައްކަތް ކުރިއެވެ. ސާރާގެ ހިލަމެއް ނެތުމުން ތަޅު ހަލާކުކޮށްލައިގެން ސާރާގެ ބައްޕަ ދޮރު ހުޅުވިއެވެ. އޭރު ކޮޓަރި އަލަމާރި ކައިރީގައި ސާރާ އޮތީ ވެއްޓިފައެވެ. ސިޔާރާ އިނީ ސާރާގެ ގައިމަތީގައި ރޯށެވެ. ސާރާގެ އަތުގައި ބޭސް ކާޑެއް އޮތްތަން ހަފީޒާއަށް ފެނުނެވެ.
"ދަރިފުޅާ....ކީއްތިކުރީ....ސާރާ "ހަފީޒާ ރޮމުން ހޭރިގަތެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 03 ޖޫން، ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް