ވާހަކަ: ސިއްރު – ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ސާ..ސާރާ ހޯދަން..ވާހަކައެއް ދައްކާލަން" ލައިސަމް ހުރީ މުޅި މީހާ ދާހިއްލާ ފޯވެފައެވެ. "މިގަޑީގަ؟ މިގަޑީގަ ކޮން ވާހަކައެއް ދައްކަން؟ މީހަކަށް ފެނިއްޖެނަމަ ކީކޭ ހިތަށް އަރާނީ...މ...

27 May 2024 | 09:09

ކުރީގެ އަދަދާއި ގުޅޭ...

"ސާ..ސާރާ ހޯދަން..ވާހަކައެއް ދައްކާލަން"

ލައިސަމް ހުރީ މުޅި މީހާ ދާހިއްލާ ފޯވެފައެވެ.

"މިގަޑީގަ؟ މިގަޑީގަ ކޮން ވާހަކައެއް ދައްކަން؟ މީހަކަށް ފެނިއްޖެނަމަ ކީކޭ ހިތަށް އަރާނީ...މާދަން ވާހަކަ ދައްކާނީ...މިތަނުން ދޭ މިގަޑީގަ"

ސާރާ ގޭ ތެރެއަށް ބަލާލުމަށް ފަހު ވައި އަޑުން ބުންޏެވެ.

ސާރާ އެހެން ބުނުމަށް ފަހު  ގޭގެ ދޮރު ޖެހިއެވެ. އެހެން ނަމަވެސް ލައިސަމް ގޭގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ސާރާ އަވަސް އަވަހަށް ދޮރު ހުޅުވީ ގޭ މީހަކަށް އަޑު އިވިދާނެތީއެވެ.

"ލައިސަމް ޕްލީޒް...މަންމަމެންނަށް ހޭލެވިދާނެ... "ސާރާ ލައިސަމް ފޮނުވާލަން މަސައްކަތް ކުރިއެވެ.

"ނުދާނަން...ވާހަކަ ދައްކާފަ ނޫނީ ނުދާނަން...އަޑު އިވުނަސް ހެޔޮ" ލައިސަމް ބުމައިގައި ގޮތް ޖަހާލަމުން ބުންޏެވެ.

ސާރާ ހުރީ ވަރަށް ހާސް ވެފައެވެ. މީހަކަށް މަންޒަރު ފެނިއްޖެނަމަ އަޅުވާނެ އިލްޒާމަކަށް ވިސްނާލާފައެވެ. ސާރާ ލައިސަމްގެ އަތުގައި ހިފާފައި އެތެރެއަށް ވެއްދިއެވެ. ޝަހާދެއް އިނގިލި ތުންފަތުގައި ޖައްސާލަމުން އިޝާރާތް ކޮށްލީ އަޑު މަޑު ކުރުމަށެވެ.ގޭ މީހަކަށްވެސް ފެންނަން ބޭނުން ނުވާތީ ސާރާ ލައިސަމް ވެއްދީ ކޮޓަރިއަށެވެ. މަޑު މަޑުން ކޮޓަރި ދޮރު ޖެހުމަށް ފަހު ސާރާ ވައި އަޑުން ލައިސަމް އާ ވާހަކަ ދެއްކިއެވެ.

"ކިހިނެއް ތަ ވީ" ސާރާ ހިތް ހަމަ ނުޖެހި ހުރެ އަހާލިއެވެ.

"ސާރާ" ލައިސަމް އަށް ވާހަކަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ހަފީޒާ އައިސް ސާރާގެ ކޮޓަރީގައި ޓަކި ޖަހަން ފެށިއެވެ. ސާރާ ހާސްވެ ކަން ބޮޑުވިއެވެ. ސާރާ އަތުން ފާހަނައާއި ދިމާލަށް އިޝާރާތް ކުރިއެވެ. ލައިސަމް ގޮސް ވަނީ ފާހަނަ ތެރެއަށެވެ. ސާރާ ފުން ނޭވާއެއް ލުމަށް ފަހު ދޮރު ހުޅުވިއެވެ. "ކީކޭ މަންމާ" ސާރާ ހަފީޒާއާއި ސުވާލުކޮށްލިއެވެ.

"މީހަކު ޓަކި ޖެހިތަ؟ މަންމަ ބަލާލިން ހީވެގެން މި ކޮޓަރި ބޮކި ދިއްލާފަ ހުރީމަ މި ގޮވީ ދަރިފުޅަށް" ހަފީޒާ ލޯ ފޮހެމުން ސާރާއާ ވާހަކަ ދެއްކިއެވެ.

"ނޫން... ނޭނގޭ...މި.. ހީވި އެހެން އަހަރެން ބަލާލާފަ މި އައީ ނެތް މީހަކު" ސާރާ ހިން ދިރުވާލަމުން ބުންޏެވެ.

ކުއްލިއަކަށް ބޭރުން އިވުނީ މީހަކު ދުއްވައިގައިން އަޑެވެ.

" އެ އިވުނީނު" ހަފީޒާ ބޭރު ދޮރާ ދިމާލަށް ބަލާލާފައި އެ ދިމާލަށް ހިނގައިގަތެވެ.

"މަންމާ... ނުވާނެ ތިހެން އަޑެއް އިވުނަސް ދޮރު ހުޅުވާކަށް" ހަފީޒާ އޭރު ދޮރު ހުޅުވައިފިއެވެ. މީހެއްގެ ހިލަމެއް ނެތެވެ.

"ޔަގީނޭ ފޭރޭ ގްރޫޕްކަން... އެހެންވޭ މަންމަ ބުނަނީ... ބައްޕަ ކައިރީގަ އެވަރަށް ގޭޓު ތަޅުލާށޭ ބުނީމަވެސް އެހުރީ ތަޅު ނުލާ.." ހަފީޒާ ގޭޓު ތަޅުލުމަށް ފަހު އެތެރެއަށް ވަނެވެ. އޭރު ސާރާ ހުރީ ދޮރުގެ މިޔަކަނީގައި އަތްވިއްދައިގެން އެ މަންޒަރު ބަލާށެވެ.

"ދެން ދޭ އަވަހަށް ނިދަން.. އިރުކޮޅަކުން ބަންގިވެސް ގޮވާނެ.." ހަފީޒާ ބޯ ކަހަމުން ގޮސް ކޮޓަރިއަށް ވަނެވެ.

ސާރާ ފުން ނޭވާއެއް ލުމަށް ފަހު ފާހަނަ ދޮރު ހުޅުވިއެވެ. އެހެންނަމަވެސް ފާހަނައިގެ ފެން ލައިޓް އިން ނިކުމެގެން ލައިސަމް އޭރު ގޮސްފިއެވެ.

އިރުކޮޅަކުން ފޯނަށް މެސެޖެއް އައެވެ. ސާރާ ފޯނު ނަގާ ބަލާލިއެވެ. "ސޮރީ" ލައިސަމް މާފަށް އެދުނެވެ. ސާރާ ފޯނު ބާއްވާފައި އޮށޯވެލީ ލައިސަމް ދެކެ ވަރަށް ފޫހިވެ ހުރެފައެވެ.

ސާރާއަށް ހެނދުނު ހޭލެވުނު އިރު ހުރީ 10 ޖަހާ ބޮޑު ވެފައެވެ. އޭރު ސިޔާރާ އިނީ ހޭލައިގެން ކުޅޭށެވެ. ސާރާ ތެދުވެ ސިޔާރާ އުރާލުމަށް ފަހު ދޮނެއް ދިނެވެ. ތައްޔާރުވެލާއިގެން ބޭރަށް ނިކުތް އިރު އެންމެން ތިބީ ކާގޭގައެވެ.

"ހާދަ އަޑުގަދަ ކޮށްލައިގެން" ސާރާ ކާގެއަށް ވަންނަމުން ބުނެލިއެވެ.

"މީނި ކާކުކަން އިނގޭތަ؟" ސާރާގެ ކޮއްކޮ ސަމާ އަހާލިއެވެ.

"އަފްޒަލް!ކޮން އިރަކު އައިސްގެން ތިއުޅެނީ.." ސާރާ ހިނިތުން ވެލަމުން ބުންޏެވެ.

"މިއަދު އައީ... ސާރާމެން ޚަބަރެއްވެސް ނުވޭ ވިއްޔަ" އަފްޒަލް ބުންޏެވެ.

"އުމުރު ދެބައިވީ އަދިވެސް މީހަކާ އިންނާކަށް ނުވިސްނަމޯލަ" ހަފީޒާ އަފްޒަލްގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.

ބުޅި އިސްތަށިގަނޑެއްގެ ވެރި އަފްޒަލްއަކީ ހިތް ކިޔާ ކަހަލަ ސިފަތަކެއް ހުރި ރީތި ފިރެހެނެކެވެ. ސާރާ އާއި އެކީ އެއް ކުލާހެއްގައި ކިޔެވި އަފްޒަލް ކިޔެވުން ނިންމާލި ގޮތަށް މާލެ ބަދަލުވީއެވެ. އޭރު އަފްޒަލް އާއި ސާރާއަކީ  ގާތް ދެ އެކުވެރިންނެވެ. " އަފްޒަލް ނީންނާނެ.. އޭނަ ބޭނުންވާ ކަހަލަ ރީތި ކުއްޖެއް ނުހުންނާނެ މިދުނިޔޭގަވެސް" ސާރާ ހިނިގަނޑެއް ޖަހާލަމަން ބުންޏެވެ.

ވާހަކަޔާއި ސަކަރާތުގައި ހުއްޓާ ލައިސަމް އިޝާ ގޮވައިގެން އެ ގެއަށް އައެވެ..

"ދޮންބެދައްތާ" އިޝާ ގޮވާލި އަޑަށް ސާރާ ފަހަތް ބަލާލިއެވެ.

އޭރު ލައިސަމް އާއި އިޝާ ހުރީ ކާގެ ދޮރުމަތީގައެވެ.

ލައިސަމްގެ މޫނު މަތިން އެހެންޏާ ފެންނަ ހިނިތުން ވުމެއް މިއަދު ފެންނާކަށް ނެތެވެ. އެ ލޮލުން ފެންނަނީ ކޮންމެވެސް ރުޅިވެރިކަމެއްކަން ސާރާއަށް އިނގުނެވެ.

"ލައިސަމް އާދޭ ސައިބޯން" ހަފީޒާ ލައިސަމްއަށް ގޮވާލިއެވެ. އެހެން ނަމަވެސް ސާރާ އަތަށް ދަބަސް ދިއްކޮށްލާފައި ލައިސަމް އެންމެ ބަހެއް ވެސް ނުބުނެ އެތަނުން ދިޔައެވެ. "އެ ސޮރަށް ކީއްވެފަ އެހުރީ..." ހަފީޒާ ސާރާ ގާތު އަހާލިއެވެ.

"ލަސް ވެގެން ކަންނޭގެ އެދިޔައީ.." ސާރާ އެހެން ބުނުމަށް ފަހު ސާރާގެ މަސައްކަތައިގެން އުޅުނެވެ.

އާދައިގެމަތިން މިއަދުވެސް ހަވީރު ރީތި ވެލައިގެން ސާރާ ދެކުދިން ގޮވައިގެން ބޭރަށް ނިކުމެލިއެވެ. ބޭރަށް ނިކުއިން ވަގުތު އަފްޒަލް އެ ގެއާ ދިމާލަށ ސައިކަލުގައި  އަންނަ ތަން ފެނުނެވެ.

"ގެއަށްތަ ތި އައީ؟" ސާރާ އަފްޒަލްއާއި ސުވާލުކޮށްލިއެވެ.

"ނޫން... ކޮފީއަކަށް ދާން މި ނިކުތީ...ސާރާމެން ފެނުނީމަ މި ކައިރި ކޮށްލީ...ކޮންތާކަށް ތި ދަނީ" އަފްޒަލް އަހާލިއެވެ.

"މިދިމާލު އަތިރި މައްޗަށް މިދަނީ" ސާރާ ބުންޏެވެ.

ދެމީހުން ވާހަކައިގައި ހުއްޓާ ލައިސަމް ސައިކަލުގައި ދޮއްޓެއް ހިފައިގެން އަންނަތަން ފެނެއެވެ. ސާރާމެން ފެނުމުން ލައިސަމް އައިސް ހުއްޓުނެވެ.

"އިޝާ އާދެ ދާން..." ލައިސަމް އިޝާ އަށް ގޮވާލިއެވެ.

"ބީޗަށް ދާން މިދަނީ" ސާރާ ލައިސަމް ގާތު ބުންޏެވެ.

ލައިސަމް ސާރާ އާއި ދިމާލަށް ބަލާވެސް ނުލައެވެ.

"އަންނާށޭ ދާން... ބައްޕި އިންނާނެ ކުޅޭ އެއްޗެއް ގަނެފަ އާދެ ދާން"ލައިސަމް އިޝާ އަތުގަ ހިފާފަ ސައިކަލަށް އަރުވައިގެން ދިޔައެވެ..

"އޭނަ ދަރިފުޅު ބަލަނީ ސާރާތަ؟" އަފްޒަލް އަހާލިއެވެ.

"ހޫމް... ދަނީއޭ... އިރުއޮއްސުމުގެ ކުރިން އަންނަން ޖެހޭނެ" ސާރާ އެހެން ބުނުމަށް ފަހު ސިޔާރާ ގޮވައިގެން އަތިރި މައްޗަށް ދިޔައެވެ.

ސާރާ އަތިރި މައްޗަށް ދިޔައި އިރު ލައިސަމް އިޝާ ގޮވައިގެން ގޮސް އަތިރީގައި އިނެވެ.

"އަހަރުމެންނާއެކު އިޝޫ ފޮނުވި ނަމަ"ސާރާ ލައިސަމް ގާތު ބުންޏެވެ.

"އަފްޒަލް އައީމަ ވަރަށް އުފަލުން ދޯތިހުރީ.... ކުރީގެ ލޯބިވެރިޔާ ވިއްޔަ" ލައިސަމް ސާރާއާއި ދިމާލަށް ބަލާލަމުން ބުންޏެވެ.

"ކާކު ބުނި ވާހަކައެއް...ލައިސަމް އެހެން ނޫނަސް އަހަރެންގެ ޒާތީ ކަންކަމާއި ނުބެހުނިއްޔާ ރަނގަޅު ވާނީ" ސާރާ ބުންޏެވެ.

"ސާރާ ހީކުރަނީ އަހަންނަށް އިޝާ ނުބެލޭތީ ކަމަށްތަ ސާރާ ކައިރިއަށް ގެންދަނީ...އަހަންނަށް އިޝާ ބެލޭނެ" ލައިސަމް ބުންޏެވެ.

"އަހަންނަކަށް ނުވިސްނޭ ލައިސަމްއަށް އެހާ ބޮޑު ބަދަލެއް ތި އައި ސަބަބެއް..." ސާރާ ލައިސަމްއަށް ބަލާލާފައި ބުންޏެވެ.

"އަހަންނަކަށް ނުވިސްނޭ ސާރާއަށް ނުވިސްނޭ ސަބަބެއް...ސާރާއަކަށް ނޭގޭތަ ހަމަ އަހަރެން ސާރާ ދެކެ ލޯބިވާ ކަމެއް" ލައިސަމް ބުންޏެވެ.

"އިނގޭ އެކަމް އަހަރެން ބޭނުން ނުވަނީ" ސާރާ އެހެން ބުނުމަށް ފަހު ސިޔާރާ އަށް ގޮވާލިއެވެ. ސާރާ ބޭނުންވީ އެތަނުން ދާށެވެ. ސާރާ ދެކެނީ ލައިސަމްއަކީ ސާރާގެ ކޮއްކޮ އެއް ގޮތަށެވެ.

އިރުއޮއްސޭ ކަމަށް ބުނެ ސާރާ ސިޔާރާ ގޮވައިގެން ގެއަށް ދިޔުމަށް ހިނގައިގަތެވެ. އޭރު ލައިސަމް ސާރާއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ނަފްރަތުން ފުރިގެންވާ ނަޒަރަކުންނެވެ.

ލައިސަމްގެ ސިކުނޑިތެރޭގައި އެނބުރެމުން ދިޔައީ ވަސްވާސްތަކާއި ބަދަލު ހިފުމުގެ ޚިޔާލުތަކެވެ.

ލައިސަމްގެ ހިތުގައި ވާ ލޯތްބަކީ މިއަދު އުފެދުނު ލޯތްބެއް ނޫނެވެ.އެއީ މީގެ އެތައް އަހަރުތަކެއް ކުރިން އުފެދުނު ލޯތްބެކެވެ.

ލައިސަމް އަޒުރާއާއި ކައިވެނީގެ ގޮތުން ގުޅުނު އިރުވެސް ލައިސަމްގެ ހިތުގައި ސާރާއަށްޓަކައި ޚާއްސަ މަގާމެއް ދެވިފައި ވެއެވެ. ލައިސަމްއާއި އަޒުރާގެ ކައިވެނި ރޫޅުމުގެ އަސްލަކީ އެއީއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 29 މެއި، ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް