ބީއެމްއެލް ލޯނުތައް ދެއްކުން ފަސްކޮށްދިނުމާގުޅޭ އިތުރު މައުލޫމާތު އިތުރު ލުއިތަކަކާއެކު ހާމަކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ޕަރސަނަލް، ހައުސިންގ އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމާ ގުޅޭ އިތުރު މައުލޫމާތު އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ. ބޭންކް އޮފް މޯ...

29 Mar 2020 | 09:58

ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ޕަރސަނަލް، ހައުސިންގ އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމާ ގުޅޭ އިތުރު މައުލޫމާތު އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމައި  25 މާރިޗު 2020 ވަނަ ދުވަހު އެކަން ވަނީ އިއުލާންކޮށްފައެވެ. ދިވެހި އިގްތިސާދަށް ބޭންކުން ވެވޭ އެހީތެރިކަމަކީ މިހާރުގެ ހާލަތާ އެކަށޭނެ އަދި ބޭންކުން އަމަލުކުރަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދެވޭ އެހީތެރިކަމަކަށް ހެދުމަށްޓަކައި އެ ދުވަހުން ފެށިގެން ބޭންކުން މިއަންނަނީ ބައިނަލްއަޤްވާމީ އެކައުންޓެންސީ އިދާރާތަކާއި، ސަރުކާރާއި ރެގިއުލޭޓަރީ އިދާރާތަކާ އެއްކޮށް މަޝްވަރާކޮށް ނުހަނު ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބޭންކުން ބުނެފައިވެއެވެ.

"ބޭންކުން ކުރިން ހާމަކޮށްފައިވާ ގޮތުން، ހަ މަސް ދުވަހު ލޯނުގެ އިންޓަރެސްޓް އަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެއެވެ. ނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދޭ މުއްދަތުގައި ކޮމްޕައުންޑްކޮށް އިންޓަރެސްޓް ނުނެގުމަށް ވަނީ ހަމަޖެހިފައެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެއެވެ." ބޭންކުން ބުނެފައިވެއެވެ.

އަދި މީގެ އިތުރުން ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ޝަރުތައްވެސް މިވަނީ އިތުރު ލުއިކަމެއް ގެނެވިފައިވާކަމަށާއި މި ގޮތުން މިހާރު ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ އެއްމަސް ދުވަހުގެ އިންސްޓޯލްމަންޓް އޮންނަ ކަސްޓަމަރުންނަށްވެސް މިވަނީ ޝަރުތު ހަމަވާ ގޮތަށް ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ. އަދި އެއްމަހަށް ވުރެ ގިނަ ދުވަހު ފައިސާ ދައްކާފައިނުވާ ކަސްޓަމަރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ލޯނު އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތަށް އެދި ހުށަހެޅޭނެ ކަމަށާއި މި ގޮތުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުންދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

30މާރިޗު 2020 ވަނަ ދުވަހުން ފެށިގެން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ  ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ފުރުސަތު އޮންލައިންކޮށް އެދި ހުށަހެޅޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންގެ ނަގާފައިވާ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ފައިނޭންސިންގ ތެރެއިން މުރާބަހާ ފައިނޭންސިންގ ފިޔަވައި ހުރިހާ ފައިނޭންސިންގ އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމަށް މިވަނީ ހަމަޖެހިފައެވެ. މުރާބަހާ ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް މިކަމާ ގުޅޭ ގޮތުން ބޭންކުން މައުލޫމާތުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް