އިލެކްޝަންސް ކޮމިޝަނުގެ އައު ލޯގޯއާއި ކުލަ ރޭ އިފްތިތާހު ކޮށްފިއެވެ.
މިރެ ބޭއްވި ރަސްމިއްޔާތެއްގައި އެކޮމިޝަނުގެ ލޯގޯއާއި ކުލަ އިފްތިތާހު ކޮށްދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނެވެ.
އެކޮމިޝަނުގެ އާ ކުލައެއް ކަމަށް ދަނބު ކުލަ ހަމަޖައްސާފައި ވާއިރު، އީސީގެ އާ ލޯގޯ ފަރުމާކޮށްފައިވަނީ ލައިން ތަކަކުން ޒަމްޒުކޮށްދޭ ވޯޓް ފޮއްޓެއްގެ ގޮތުގައެވެ.
ރޭގެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެކޮމިޝަނުގެ އާ ލޯގޯގައިވާ ލައިންތައް ރަމްޒު ކޮށްދެނީ ދައުލަތުގެ ތިންބާރާއި، ޖިއޮގްރަފީގެ ގޮތުގައި ރާއްޖެގެ އަތޮޅުތަކާއި ސަރަހައްދުތައް ބެހިފައިވާ ގޮތާއި، މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބޮޑު ތިން އިންތިހާބުކަމަށްވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުވެސް ރަމްޒު ކޮށްދޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ބޭނުން ކުރަމުން ގެންދިޔަ ފެހި ކުލައަކީ ޢަދާލަތު ޕާޓީންވެސް ބޭނުން ކުރަމުން ގެންދާ ކުލަކަމަށާއި، އީސީގެ ރަސްމީ ކުލަ އެއްވެސް ސިޔާސީ ޕާޓީއަކަށް ރެޖިސްޓްރީކޮށް ނުދިނުމަށް ދާދިފަހުން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ދަނބުކުލަ އަކީ އެއްވެސް ސިޔާސީ ޕާޓީ އަކުން ބޭނުންކުރާ ކުލައަކަށް ނުވެފައި، އެއީ ސިޔާސީ ޕާޓީ އަކުން ބޭނުންނުކުރާ ކުލަތަކުގެ ތެރެއިން އެންމެ ރީތި ކުލަ ކަމުން އީސީގެ ރަސްމީ ކުލައަކަށް އެކުލަ ހަމަޖެއްސީ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް