ވާހަކަ: މަ ހާދަ ލޯބި ވެއޭ – ތިންވަނަ ބައި

ކުރީގެ އަދަދާ ގުޅޭ.. ދުވާލުގަޑީގައި ޒިޔާންގެ މެސެޖެއް ނުލިބޭނެކަން އެނގޭއިރު ވެސް ފޯނު ހިފައިގެން އަހަރެން އިނީ ފަހާތަނުގައެވެ. އެތަނުގައި އުޅޭ ކުދިންނާ ވާހަކަދައްކާލާ، ހީސަމާސާ ކޮށްލުމުން ފޫހިކަން ފި...

29 Jan 2017 | 01:55

ކުރީގެ އަދަދާ ގުޅޭ..

ދުވާލުގަޑީގައި ޒިޔާންގެ މެސެޖެއް ނުލިބޭނެކަން އެނގޭއިރު ވެސް ފޯނު ހިފައިގެން އަހަރެން އިނީ ފަހާތަނުގައެވެ. އެތަނުގައި އުޅޭ ކުދިންނާ ވާހަކަދައްކާލާ، ހީސަމާސާ ކޮށްލުމުން ފޫހިކަން ފިލައެވެ. އެމީހުން ހީނހީނފައި އާންމުކޮށް ދައްކަނީ ފިރިހެން ކުދިންގެ ވާހަކައެވެ. އެއީ އާދައެވެ. އެ އުމުރުގެ ދެ އަންހެން ކުއްޖަކު އެއްތަން ވެއްޖެނަމަ ދައްކާނީ ފިރިހެން ކުދިންގެ ވާހަކައެވެ. ފިރިހެން ކުދިން ދައްކާނީ އަންހެން ކުދިންގެ ވާހަކައެވެ. ވާހަކައިގެ އެންމެ ފޯރި ގަދަވީ ވަގުތު އާޒިމް އައިސް އެތަނަށް ވަނެވެ.

"ތިކިޔާ ޖޯކު އަހަންނަށް ވެސް ކިޔާދީބަލަ!" އާޒިމަކީ އަނގަގަދަ، މަޖާ މިޒާޖެއްގެ މީހެކެވެ. އޭނާ އެ ހުރިހާ ކުދިންނާ ވެސް ވަރަށް ރައްޓެއްސެވެ.

"އަހަރެމެން މިކިޔަނީ އާޒިމަކަށް ނޭނގެއޭ އަންހެން ކުދިން ގެންގުޅޭކަށް. ގޭދޮށުގަ މުގޯލިއަޅާއަޅާ ބަލިވެގެން އަތުޖެހެނީ. އެކަމަކު އެއީ ހަފުތާއެއްގެ ކަމެއް!" އެއްކުއްޖަކު އާޒިމާ ދިމާކޮށްލިއެވެ.

"އައްޗި. . . އެއީ މަގޭ ކާމިޔާބު ކަމެއްނު؟" އާޒިމް ހުރީ އެމީހުން ކުރިމަތީގައި އަނގައިން ދެރަވާ ގޮތަކަށް ނޫނެވެ. "މިޒަމާނުގަ މާގިނަދުވަހު އެކަކު ގެންގުޅޭނީ ރައްޓެހިވާނެ ކުއްޖަކު ނުލިބޭ މީހުން" އާޒިމް ބަލައިލީ އަހަރެންގެ މޫނަށެވެ. ސަބަބު އަހަންނަށް ވިސްނުނެވެ.

"ހިނގާބަލަ ބޭރަށް ފިނިކޮށްލަން" އިން ގޮނޑިން ތެދުވަމުން އާޒިމް ކައިރީގައި އަހަރެން ބުނީމެވެ.

"އަފޫ ވަރަށް ވިސްނައިގެން އުޅޭތި. އާޒިމް ވަރަށް މޮޅުވާނެ އަންހެން ކުދިންގެ ބޮލަށް ވަންނަން" އަހަރެމެން ހިނގައިގަތުމުން ކުރިން ވާހަކަދެއްކި ކުއްޖާ ބުންޏެވެ.

އަހަރެމެން ގޮސް ތިބީ މަގުގެ އަނެއް ފަރާތުގައިވާ ގަސްތަކުގެ ހިޔަލުގައި ހުރި ޖޯލިފަތީގައެވެ.

"ޒިޔާން ގުޅާފަ ކީކޭތަ ބުނީ؟" އަހަރެން ވާހަކަދައްކަން ބޭނުންވާ މައުޟޫ އާޒިމަށް އެނގެއެވެ. ދުރުދުރުން ވާހަކަ ނުފަށައި އޭނާ އެންމެ ފުރަތަމަ ވެސް ބުނީ ޒިޔާންގެ ނަމެވެ.

"އަދި ނުގުޅާ. މެސެޖެއް ކުރީ" އަހަރެން ބުނީމެވެ.

"ހާދަ ވަރަކުން އުޅުނޭ އަފޫގެ ނަމްބަރު ނުލިބިގެން. ބަށިކުޅޭތަނުން އަފޫ ފެނުނީއްސުރެ އަބަދު ދައްކަނީ އެ ވާހަކަ. ނަސީބެއްނު އަހަރެންގެ ގެއާ ކައިރި ގެއެއްގަ އުޅޭ ކުއްޖެއްކަން" އާޒިމް ހިނިގަނޑެއް ޖަހާލިއެވެ.

ބަށިކުޅޭތަނުން އަހަރެން ފެނުނީއްސުރެ ޒިޔާން ދެއްކި ވާހަކަތަކާއި، އުޅުނު ގޮތް ވަރަށް ތަފުސީލުކޮށް އާޒިމް ކިޔައިދިނެވެ. ޒިޔާން ދިޔައީ ލަމްހާ ބަށިކުޅޭތަން ބަލަންވެގެންނެވެ. އެކަމަކު އޭނާގެ ލޮލުގައި އަހަރެން އަޅައިގަތީއްސުރެ ބަލަން ހުރީ އަހަންނަށެވެ. އެ ދެމީހުން ހީނހީފައި އުޅުނީ އަހަރެން ލައިގެންހުރި ހެދުމުގެ ސަބަބުންނެވެ. ޒިޔާންގެ ލޮލުގައި އަހަރެން އަޅައިގަތް ހަޤީގީ ސަބަބަކީ ވެސް އެއީ އެވެ.

"ޒިޔާން އަބަދު ވެސް އުޅޭނީ ލަމްހާ ދެރަވެދާނެތީ، ރުޅިއައިސްދާނެތީ. . . އެކަމަކު މިހާރު ހުރިހާކަމެއް ބަދަލުވެއްޖެ! އޭނާ އަފޫ ދެކެ ލޯބި ވަނީ ކަންނޭނގެ ދޯ!" އާޒިމް އަހަންނަށް ދޯ ދިނެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އަހަންނަށް އެނގެނީ އަހަރެން ޒިޔާން ދެކެ ލޯބިވާކަމެވެ.

"ލަމްހާ ދެކެ އެވަރަށް ލޯބިވާ އިރު ދެން އެހެން މީހަކު ދެކެ ލޯތްބެއް ނުވާނެއެއްނު؟" ވަރަށް ނޫންގޮތަކަށް އަހަރެން ބުނީމެވެ.

"ލަމްހާ އަކީ އޭރު. އަފޫ އަކީ މިހާރު. އަފޫ އަކީ އޭނާ އަށް ހާއްސަ މީހެއް ނޫންނަމަ އެހެންނެއް ނޫޅޭނެ" އާޒިމް ބުންޏެވެ.

އެއީ ތެދެކެވެ. ޒިޔާންގެ ހިތުން އަހަންނަށް ޖާގައެއް ދެވިފައި ނުވާނަމަ ލޯބިވެރިޔާ އަށް ސިއްރުން އަހަންނާ ވާހަކައެއް ނުދައްކާނެއެވެ.

"އިތުރަށް މަ ބުނާނެ ވާހަކައެއް ނެތް. ދެންވެސް ޒިޔާނަށް ފެންނައިރު ދޯޕައްޓާ އަޅައިގެން ހުރެވޭތޯ ބަލާތި!" ޖޯލިން ތެދުވެގެން ދަމުން އާޒިމް ބުނި ވާހަކައިން އަހަންނަށް ހެވުނެވެ.

ޒިޔާނަށް ދެއްކެން ރީތިވެގެން އިނދެވޭނީ މަދުވެގެން ދުވާލަކު އެއްފަހަރު ނަމަވެސް ފެންނަ ނަމަ ނޫން ހެއްޔެވެ؟ އޭނާ އަހަންނާ ވާހަކަ ދައްކަން ފެށިފަހުން އަދި ދުރުދުރުން މަގެއްގެމަތިން ވެސް ނުފެނެއެވެ. ޒިޔާނަކީ ޕްރައިމަރީ ޓީޗަރެކެވެ. މެންދުރުފަސް ވަންދެން ސްކޫލުގައި އުޅެފައި، ކޮންމެ ދުވަހަކު ހަވީރު ފުޓުބޯޅަ ކުޅެން ދެއެވެ. އިރުއޮއްސުމަށްފަހު އުޅެނީ ލަމްހާއާ އެކުގައެވެ. ލަމްހާގެ ގޭގައެވެ. ނުވަތަ އޭނާގެ ގޭގައެވެ. އެއީ ރަށުގެ އަނެއްކޮޅެވެ. ކިތަންމެ ދެކޭހިތް ވިޔަސް ނުފެންނާނެއެވެ.

"އަހަރެން ގުޅަންތަ؟" މެސެޖު ކުރާތާ ދެ ހަފުތާ ވީފަހުން ޒިޔާން އެހިއެވެ. އަހަރެން ހުރީ ފޯނުން އޭނާގެ އަޑު އިވޭނެ ވަގުތެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒިޔާން ގުޅިއެވެ. ފުރަތަމަ ރިންގާއެކު އަހަރެން ފޯނު ނެގީމެވެ. އޭރު އަހަރެންގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ވެއެވެ.

"ޝީން. . ." ޒިޔާންގެ އަޑު ފުރަތަމަ ފަހަރަށް އަހަންނަށް އިވުނެވެ. އެއީ ހިތްގައިމު، ފިރިހެންވަންތަ އަޑެކެވެ. އެ އަޑު ކަންފަތުގައި ޖެހުމުން އަހަރެންގެ ހިތުގެ އެންމެ ހިމަނާރަށް ވެސް އަސަރުކުރިއެވެ.

"ޝީން. . . ކިހިނެއްވީ؟" ޒިޔާން ދެފަހަރަކު އަހަންނަށް ގޮވާލިއެވެ.

"ވާހަކަދައްކަން އުނދަގޫ ވަނީ" ވަރަށް އުނދަގުލާއެކު ވަރަށް މަޑުމަޑުން އަހަރެން ބުނީމެވެ.

"އެންމެ ރަނގަޅު. މިވަރުން ފުދިއްޖެ!" ޒިޔާން ވެސް ބޭނުންވީ އަހަރެންގެ އަޑު އަހާލުމަށް ކަންނޭގެއެވެ. އެހެން ފަހަރަކުން ގުޅާނެކަމަށް ބުނެފައި އޭނާ ފޯނު ކަނޑާލިއެވެ. ދެން ވާހަކަ ދެއްކީ މެސެޖުންނެވެ. ކޮންމެ ރެއަކު ވެސް ވަރަށް ދަންވަންދެން އަހަރެމެން މެސެޖުކުރަން ތިބެމެވެ. ޒިޔާން ހެނދުނު ސްކޫލަށް ދާންޖެހޭތީ މާބޮޑަށް ލަސްވަންދެން ހޭލާއުޅޭތީ އަހަންނަށް ފިކުރުކުރެވެއެވެ. އެ ވާހަކަ ޒިޔާން ކައިރީގައި ބުނެވެއެވެ.

"ޝީން އަށް މެސެޖުކުރުމަކީ މި ހިތުގެ އުފަލެއް!" ކޮންމެ ފަހަރަކު ޒިޔާން ދޭ ޖަވާބަކީ އެއީ އެވެ. އެ ޖަވާބުން އަހަރެންގެ ހިތް އުފަލުން ނަށައެވެ. މީހަކުދެކެ ފުރަތަމަ ފަހަރަށް ލޯބިވެވުމަކީ ހާދަ އުފާވެރި އިހުސާސެކެވެ. އަދި ތިމާ ލޯބިވާ ފަރާތުގެ ހިތުގައި ތިމާއަށް ހާއްސަ މަޤާމެއް ވާކަން އެނގުމަކީ އެ އިހުސާސް އެތައްގުނައަކަށް އިތުރުވާކަމެކެވެ.

"ޒިޔާން އަހަރެން ދެކޭހިތެއް ނުވޭތަ؟" ކެތްނުވެގެން އަހަރެން އެހީމެވެ.

"އަހަރެން ވެސް ތިހެން އަހަން އުޅެފިން. އެކަމަކު ޖެހިލުން ވަނީ" ޒިޔާން ބުންޏެވެ.

"ކޮންކަމަކާ؟ ލަމްހާ އަށް އެނގިދާނެތީ؟" އަހަންނަކަށް ނުވިސްނުނެވެ. ލަމްހާ އަށް ނޭނގޭނެ ކިތަންމެ ގޮތަކަށް ޒިޔާނަށް އަހަރެން ފެންނަ ހިސާބަށް އާދެވިދާނެއެވެ. މަގުމަތިން ޒިޔާން ފެނުނަސް އަހަންނަށް ފުދެއެވެ. އެ ރީތި ހިނިތުންވުން ދެކޭ ހިތުން އަހަރެންގެ ހިތް ތެޅިފޮޅެނީއެވެ.

"ތިމާގެ ހިތް އެހެން މީހުންނަށް ނުފެނުމަކީ ހާދަ ބޮޑު ނިޢުމަތެކޭ! މާދަމާ އާޒިމްގެ ގެއަށް ދާނަން" އެންމެ ފަހުން ޒިޔާން އެއްބަސްވިއެވެ.

ޒިޔާން ބުނި ޖުމުލައިގެ މާނަ އަހަންނަށް ނޭނގުނު ނަމަވެސް އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އާޒިމް އުޅެނީ މުނާމެންގެ ގެއާ ވަރަށް ކައިރީގައި ހުންނަ ގެއެއްގައެވެ.

އަހަރެން ޒިޔާން ބުނި ގަޑިއަށް ތައްޔާރުވީމެވެ. ލައިލަކް ކުލައިގެ ޕާކިސްތާނު ހެދުމެއް ލީމެވެ. ދިގު އިސްތަށިގަނޑު ފުރަގަހަށް ދޫކޮށްލުމަށްފަހު، ހެދުމާ ގުޅޭ ކުޑަކުޑަ މަލެއް އިސްތަށިގަނޑުގައި ހަރުކޮށްލީމެވެ. އަސްލު ސިފަ ގެއްލޭވަރަށް މޭކަޕް ނުކޮށް ފަރިވީމެވެ. މަގުމައްޗަށް ނުކުމެފައި މާދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. އާޒިމާއެކު ސައިކަލުގައި އައިސް ގޭދޮށަށް މަޑުކޮށްލިއެވެ. އަހަރެން ހުރީ މަގުގެ އަނެއް ފަޅީގައެވެ. ޒިޔާންގެ އިޝާރާތަކަށް ބަލަން ހިނިތުންވެފައެވެ. އަހަރެން ފެނުމުން އާޒިމް ހިނިގަނޑެއް ޖަހާލިއެވެ. އޭނާ އުޅުނީ އަހަރެމެންނަށް ފުރުޞަތުދީފައި އެރެއަށް ވަންނަން ވެގެންނެވެ. އެކަމަކު ޒިޔާން އޭނާ ހުއްޓުވިއެވެ. ޒިޔާން ޖެހިލުންވަނީ އެވެ. މީހަކަށް ކުޑަކޮށް ވެސް ޝައްކެއް ވެދާނެތީ ބިރުހީވަނީ އެވެ. ލޯބިވެތި ބެލުމަކުން އަހަންނަށް ބަލައިލުމަށްފަހު ވަރަށް އަވަހަށް އޭނާ ގޭތެރެއަށް ވަނެވެ. ޝުކުރުވެރި ހިތަކާއެކު އަހަރެން ވެސް އެތެރެއަށް ވަނުމަށްފަހު ދޮރޯށި ލެއްޕީމެވެ. ހަމަ އެވަގުތު އަތުގައި އޮތް ފޯނަށް މެސެޖެއް ލިބުނެވެ.

"ހިތްހަމަޖެހިއްޖެތަ؟" ހިނިތުންވެފައިވާ މޫނަކާއެކު ޒިޔާން ލިޔެފައި އޮތެވެ.

އަހަރެން ވަރަށް އަވަހަށް އާނއެކޭ ބުނީމެވެ.

"އެކަމަކު އަހަރެންގެ ހިތެއް ނުފުރެ" ޒިޔާން ބުންޏެވެ.

"ދެން. . .؟" ކެތްތެރިކަން ކުޑަގޮތަކަށް އަހަރެން އެހީމެވެ. ޒިޔާން ވެސް ބޭނުންވަނީ އަހަރެން ބޭނުންވާ ގޮތް ހެއްޔެވެ؟ އެހެން ވެއްޖެނަމަ ހާދަ ރަނގަޅެވެ.

"ޝީންގެ ކުރިމަތީގަ ހުރެގެން ވާހަކަދައްކާލަން ވަރަށް ބޭނުން" އަހަނަންނަށް އިހުސާސް ކުރެވުނީ އެއީ ވަރަށް އާދޭހާއެކު ޒިޔާން ބުނި ޖުމުލައެއް ކަމުގައެވެ.

އަހަންނަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އަދި އުޑުތިލަމަތިން އެނދުމައްޗަށް ވެއްޓިގަތީމެވެ. މާތްކަލާކޯ އެވެ. އަހަރެންގެ ހިޔާލުތަކާއި، ހުވަފެންތައް ހަޤީގަތަކަށް ވަނީއެވެ. މިއީ ހާދަ އުފާވެރި ޖަޒުބާތުތަކެކެވެ. އަހަންނަށް ވިލާތަކުގެ މަތީގައި އުދުހެވޭ ކަހަލައެވެ. އަހަރެންގެ އުމުރުން ވިހި އަހަރު ފާއިތުވެގެން ދިޔައިރު މީގެކުރިން ދުވަހަކު ވެސް މިފަދަ އުފާވެރިކަމެއް އިހުސާސެއް ނުކުރެވެއެވެ.

ބައްދަލުކުރާނެ ތަނާއި، ވަގުތު ކަނޑައެޅީ ޒިޔާން އެވެ. ކޮންމެ ތަނަކަށް ކޮންމެ ވަގުތަކު ދާންޖެހުނަސް އަހަރެންގެ މައްސަލައެއްނެތެވެ. އަހަންނަކީ މިރަށަށް ބީރައްޓެސެކެވެ. ޗުއްޓީހޭދަކޮށްލަން އައިސްއުޅޭ މިނިވަނެކެވެ. އެކަމަކު ޒިޔާން ވިސްނަންޖެހޭ ކިތަންމެ ކަމެއް ހުންނާނެއެވެ. އަހަރެން އެކަން ގަބޫލުކުރަމެވެ.

"މީހަކަށް އެނގިދާނެތީ ބިރެއް ނުގަނޭތަ؟" އަހަރެން އެހީމެވެ.

"ބިރުގަނޭ! ޖެހިލުން ވެސް ވޭ! އެކަމަކު ހިތުގެ އެދުމަކީ މާ ބާރުގަދަ އެއްޗެއް!" ޒިޔާން ބުންޏެވެ.

ހުކުރުވިލޭރެއަށް އިރުއޮއްސުނީއްސުރެ އަހަންނަށް ހުރެވެނީ ގަޑިއަށް ބަލަބަލައެވެ. ކެތްތެރިކަން ކުޑަވެފައި، ނޭވާ އަވަސްވެފައެވެ. މުނާ އަށް ޝައްކެއް ވެދާނެތީ އާންމު ހާލަތަށް ރުޖޫޢަވެވޭތޯ މަސައްކަތް ކުރީމެވެ.

"ލިއު މިއީ ކޮންކަހަލަ މީހެއް؟ މިހާރު ތިން ދުވަސްވީ ޚަބަރެއްނުވާތާ!" މުނާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމުން އަހަރެން ބުނީމެވެ.

"މަ ވެސް މިއަދު އޭނާ ފެނިގެން އެއްޗެހި ކިޔައިފިން. އަފޫ މިރަށަށް ޗުއްޓީއަށް ގެނެއްސަ އަހަރެމެންނަށް އޭނާއާ އަޅައެއްނުލެވޭ ނޫންހޭ ބުނިން" މުނާ ވަރަށް ދެރަވެފައި ބުންޏެވެ.

އެ ދެމީހުންނަށް ވެސް ދުވާލުގެ ގިނަ ވަގުތު އަހަންނާ އެކުގައެއް ނޫޅެވެއެވެ. ލިއުޝާ އަށް ނާދެވެނީ އެގޭގައި ފިހާރައެއް ހުންނާތީއެވެ. އޭނާ އަށް ގިނައިރު އުޅެންޖެހެނީ އެތަނުގައެވެ. އެކަމަކު އަހަރެންގެ ޝަކުވާއެއް ނެތެވެ. އަހަރެން މިއުޅެނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ޒިޔާންގެ ހަނދާންތަކުގައި ދުވަސް ނިމޭ ގޮތެއްވެސް ނޭނގެއެވެ.

"މިރޭ ހިނގާބަލަ އެގެއަށް. ރޭގަނޑު ދެވޭނެއެއްނު ހިނގާފަ ވެސް" މުނާ ބުންޏެވެ.

އަހަރެން އެއްބަސްވީމެވެ. "މި ގޮތް އޯކޭ ދޯ!" ލައިގެން ހުރެވުނު ގަޔަށް ބާރު ޓޮޕާއި ސްކާޓަށް ލޯގަނޑުން ބަލައިލަމުން އަހަރެން އެހީމެވެ.

"ނޫނޭ! ބޭރަށް ދަންޏާ ކޮންމެހެން ވެސް ޖެހޭނެ ބޮޑު ދޯޕައްޓާއެއް އަޅަން" ޖެއްސުމުގެ ރާގަށް މުނާ ބުންޏެވެ.

އަހަރެން ކުޑަކޮށް ހީނލަމުން، ބޯ އޮމާންކޮށްލުމަށްފަހު އޭނާގެ ފަހަތުން ނުކުތީމެވެ. އަހަރެންގެ ހިތަށްއެރިއެވެ. އިރާކޮޅު އަހަންނަށް ޒިޔާނެއް ނުފެންނާނެއެވެ. ކޮންމެ ހެދުމެއް ވެސް ރަނގަޅުވާނެއެވެ.

"ހާދަ ބޮޑު ހަނދެކޭ!" ބޭރަށް ނުކުމެފައި އަހަންނަށް ބުނެވުނެވެ.

"އާނ! މިރޭ މިއީ ފަނަރައޭ!"

ހިތާހިތުން އަހަންނަށް ޝުކުރުކުރެވުނެވެ. އެންމެ ފުރަތަމަ ޒިޔާނާ ބައްދަލުކުރެވެން މިއުޅެނީ ހާދަ ރީތި ރެއެއްގައެވެ. ދެ ލޯބިވެރިން އެކަކު އަނެކަކާ ބައްދަލުކޮށް، ވަޢުދުތަކާއި އަހުދުތައް ވަމުންދާއިރު، ހަނދާއި ތަރިތައް ހެކިވާ ވާހަކަ އަހަރެން އަހަމެވެ. މިއީ އެފަދަ ރެއެކެވެ. ބޭއިޚުތިޔާރުގައި އަހަންނަށް ހެވުނެވެ. އަހަރެމެން މިއީ ދެ ލޯބިވެރިން ހެއްޔެވެ؟ ނޫނެކެވެ. ލޯބިވެރިންނެއް ނޫނެވެ. ދެ ރަހުމަތްތެރިން ހެއްޔެވެ؟ ނޫނެކެވެ. ރަހުމަތްތެރިކަމަށްވުރެ މިގުޅުން ކައިރިއެވެ. ދޭނެ ނަމެއް އަހަންނަކަށް ނޭނގެއެވެ. އެނގެނީ ޒިޔާން ދެކެ އަހަރެން އިންތިހާއަށް ލޯބިވާކަމެވެ.

މަޑުމަޑުން ހިނގާފައި ގޮސް އަހަރެމެން އެންމެ ފުރަތަމަ ވެސް ވަނީ ލިއުޝާމެން ގޭގައި ހުންނަ ފިހާރައަށެވެ. ލިއުޝާ ހުރީ އެތަނުގައެވެ. އަހަރެމެން އެތަނަށް ވަންއިރު ކައުންޓަރު ކައިރީގައި އަންހެން ކުއްޖަކު ހުއްޓެވެ. އެހެންކަމުން އެކުއްޖާ ނުކުމެގެން ދަންދެން އެއްވެސް މީހަކު އަނގައިން ނުބުނެ ތިބުމުން އަހަރެން ވެސް ހިމޭނުން ހުރީމެވެ.

"އެއީ ލަމްހާ. . . އަހަރެމެން ކުރީދުވަހު ކީމެއްނު ދޮންހިޔަލައާ އަލިފުޅޭ!" އޭނާ ނުކުމެގެން ދިޔުމުން މުނާ ބުންޏެވެ.

"ޒިޔާން ގެ. . .؟" ޔަގީންކޮށްލުމުގެ ގޮތުން އަހަރެން އެހީމެވެ.

"ހޫމް. . . ޒިޔާންގެ ނަން ވެސް ހަނދާން އެބަހުރި ދޯ!" ލިއުޝާ އަހަންނާ ދިމާކޮށްލިއެވެ. "އަޅެ އޭނާ ގުޅޭތަ ޒިޔާން ކަހަލަ ސްމާޓް މީހަކާ؟ ކަޅު. . ހިކި. . ހަޑި. ." އަތުގެ އިނގިލިތަކުން ލިއުޝާ ގުނާލިއެވެ.

ލަމްހާގެ ސިފާއާ މެދު އެއްޗެއް ބުނާކަށް އަހަންނަކަށް ނޭނގެއެވެ. އަހަރެން ހުރީ މާބޮޑަށް އޭނާ އަށް ސަމާލުކަން ދީގެންނެއް ނޫނެވެ. ދެވަނަ ފަހަރަށް ފެނުނަސް ނޭނގޭނެ ކަންނޭނގެއެވެ.

"އޭ އެއްކަލަ އާޒިމް ހާދަވަރަކަށް އަފޫގެ ވާހަކަދައްކައޭ!" ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނާ ކަހަލަ ގޮތަކަށް މުނާ ބުންޏެވެ. "އޭނާ އަފޫ އަށް ވަރަށް އުނދަގޫ ކުރޭ ދޯ!"

"މާބޮޑަކަށް ނޫން. . " އާޒިމް ނުގުޅައޭ ބުނަން ބޭނުންނުވާތީ އަހަރެން ބުނީމެވެ. "ކީކޭތަ ކިޔަނީ އަހަންނޭ ކިޔައިގެން؟"

"ވަރަށް ވަރުވަރު އަހާ. މަ ބުނިން ތީ ވަރަށް މުއްސަނދި ބައްޕައެއްގެ ހުރި އެންމެ އަންހެން ދަރިއެކޭ!" ވަރަށް ފަޚުރުވެރިވެފައި މުނާ ބުންޏެވެ.

"ސާބަސް. އެކަހަލަ ވާހަކަވެސް ދައްކަންތަ؟" މުނާ އާޒިމް ކައިރީގައި އެހެން ބުނިކަން އެނގުމުން އަހަރެން ހިތްހަމައެއް ނުޖެހުނެވެ.

"ނުބުނެވޭ ވަރަކަށް ނޫނޭ އަހަނީ" މުނާ އަށް ގޯސްވީ އާޒިމެވެ. "އޭނާ ހާދަ ވަރަކުންނޭ އަފޫއާ ހެދިގެން އެ އުޅެނީ"

މުނާ އަށް އަހަންނާ ބެހޭގޮތުން އެނގޭ ހުރިހާ މައުލޫމާތެއް އާޒިމް ހޯދާނެއެވެ. ސަބަބު އަހަންނަށް އެނގެއެވެ.

ކެތްތެރިކަމެއްނެތި އަހަރެން އިންތިޒާރުކުރި ވަގުތު ކުޑަތަންވަމުން ދިޔައެވެ. ބާރަޖަހަން ދިހަ މިނެޓެއް ވުމުން އަހަރެން މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ބޭރަށް ނުކުތީމެވެ. އޭރު މުނާ އާއި މުނާގެ މަންމަ ނިދައިފިއެވެ. މިއީ އިތުރު މީހަކު އުޅޭ ގެއެއް ނޫނެވެ. މާބޮޑަށް ހާސްވެ، ކަންބޮޑުވާން ޖެހޭނެ ސަބަބެއް ނެތެވެ. މަގުމައްޗަށް ނުކުމެވުނުއިރު މަގުމަތި ވެސް ވަރަށް އަމާނެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން އަހަރެންގެ ހިނގައިގަތީމެވެ. އެއީ މިހާރު އަހަންނަށް ހިތުދަސްވެފައިވާ މަގެކެވެ. އަހަރެންގެ މަންޒިލަކީ މުޅި ރަށުގައި އޮތް އެންމެ ރީތި، އެންމެ ހިތްފަސޭހަ ތަނެވެ. ކޮންމެ ދުވަހަކު އެކަނި ގޮސް ވަގުތު ހޭދަކުރާ ފެންގަނޑު ކައިރިއެވެ.

ދިގުކޮށް ހެދިފައިވާ ވިނަގަނޑާ ހަމައަށް ދެވުނު އިރު އަހަންނަށް ޒިޔާން ފެނިއްޖެއެވެ. އޭނާ ހުރީ ކުޅިއާ ވަރަށް ކައިރީގައެވެ. އަހަންނަށް ފުރަގަސްދީގެންނެވެ. ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އަހަރެންގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. މޭ ފިނިވެ، މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ.

ވަރަށް ހިތްވަރުކޮށްފައި ގޮސް ޒިޔާންގެ ފުރަގަހުގައި ހުއްޓުނީމެވެ. ޒިޔާނަށް އަހަރެން އައިކަމުގެ އިހުސާސް ކުރެވުނީ ކަންނޭނގެއެވެ. އޭނާ ހަމަ އެވަގުތު އަހަންނާ ދިމާއަށް އެނބުރުނެވެ. ދެން އައީ ހިމޭންކަމުގެ ވަގުތެވެ. އަހަންނަށް ޒިޔާނާ ހަތަރުކަޅި ހަމަކޮށްގެން ހުރެވުނީ ހިނދުކޮޅަކުއެވެ. އެ ދެލޮލުގައިވާ އާދަޔާހިލާފު ބާރަށް ކެތްކުރާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. މަޑުމަޑުން އިސްޖެހުނެވެ. ޒިޔާން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އަދި ލަސްލަހުން އަތް އުފުލާލަމުން އަހަރެންގެ ދަތްދޮޅީގައި ހިފާލިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. އިސްނެގީ ކާކުކަމެއް ނޭނގުނެވެ. އަހަންނަށް ހުރެވުނީ ޒިޔާންގެ އަތުތެރޭގައެވެ. އެ ތަނަވަސް މޭމަތީގައި މޫނު ޖައްސައިގެންނެވެ. ޒިޔާންގެ ދެ އަތުން އަހަރެންގެ އުނަގަނޑާއި، ކޮނޑުމަތީގައި ފިރުމަމުން ގެންދިޔައެވެ. އޭނާގެ ކޯތާފަތް އަހަރެންގެ ބޮލުގައި ޖައްސައި ބާރުކޮށްލުމުން އަހަންނަށް ކުރިއަށްވުރެ ބޮޑަށް އޭނާގެ ހަށިގަނޑުގައި ހިފެހެއްޓުނެވެ. އިތުރު އެއްވެސް މީހަކަށް ނުފެންނާނެހެން އެ މޭތެރޭގައި ފޮރުވެން ހިތް އެދުނެވެ.

=ނުނިމޭ=

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް