"މިއީ ދެން މާ ދުރެއްވެސް ނޫނެއްނު؟" އަހަރެން ހިނިތުންވެލީމެވެ. "މިއަދު ކޮބާތަ ލިއު؟"
"ދެންމެ ގުޅާފަ ބުނީ ނެތޭ މިއަދު މިކޮޅަށް އާދެވޭކަށް. އެގެއަށް ބީރައްޓެހި ބަޔަކު އައިސްގެން އުޅޭތީ" ލިއުޝާ އުޅެނީ ރަށުގެ އަނެއް އަވަށުގައި ހުންނަ ގެއެއްގައެވެ. މެންދުރުގަޑީގައި ހިނގާފައި ދާން ޖެހިއްޖެނަމަ އެއީ ވަރަށް ދުރެވެ.
"އަދި ބުނި ހަވީރު އެގެއަށް ސައިބޯން އަންނާށޭ ވެސް!" މުނާ ބުންޏެވެ.
"އަދި ހަވީރު ވާނީ ކޮން އިރަކުން؟" އަހަރެން ފޯނުން ގަޑި ބަލައިލީމެވެ. "އުޅޭ މަޖާހަދައިގެން މިތަނަށް އަންނަން" މުނާ އެއްބަސްނުވާނެ ކަން އެނގޭއިރު ވެސް އަހަރެން ބުނީމެވެ.
ކުޅިއަށް ގެނބިގެން ކުއްޖަކު މަރުވި ވާހަކަ މުނާ ކުރިން ވެސް އޮތީ އަހަރެން ކައިރީގައި ބުނެފައެވެ. އެހެންކަމުން އެއީ މާގިނައިން މީހުން ގޮސްއުޅޭ ތަނަކަށް ނުވެއެވެ. މުނާމެން އެތަން ސިފަ ކުރަނީ ވެސް "ބިރުވެރި" ތަނެއްގެ ގޮތުގައެވެ. އެކަމަކު އަހަރެންގެ ހިތަށް ފެންނަ ގޮތް ތަފާތެވެ. އެއީ ދުނިޔެމަތީގެ ސުވަރުގެއިން ބައެކެވެ. ބޭރު ޤައުމެއްގައި ނަމަ އެތަނަށް ވަދެވޭނީ ވެސް ޓިކެޓް ނަގައިގެން ކަންނޭނގެއެވެ. އެހާވެސް ރީއްޗެވެ.
މެންދުރުފަސްވެގެން އައި އިރު މޫސުން މުޅިން ބަދަލުވެއްޖެއެވެ. މަޑުމަޑުން އުޑުމައްޗަށް ޖަވާމަވުން ދިޔަ ކަޅުވިލާތަކުން ހަތަރު އުދަރެސް ބައްދާލިއެވެ. ޖެހެމުންދިޔަ ރޯޅިތައް ބާރުވާން ފެށިއެވެ. ހަވީރު ކޯޑިކުޅުނު ގަޑީގައި ވެސް އުޑުމަތި ވަރަށް ބަނައެވެ. އެކަމަކު ވާރޭ ވެހެން ފެށީ އަހަރެމެންނަށް ލިއުޝާމެންގެ ގެއަށް ދެވުނު ފަހުންނެވެ. އިރުއޮއްސުނު އިރު ވެސް ވާރޭ ހުއްޓައެއްނުލައެވެ.
"ލިއު ކާރަކަށް ގުޅާބަލަ. ހުއްޓާލާ ގޮތަކަށް ނޫން މިވެހެނީ" ހަތެއް ޖަހަން ކައިރިވުމުން މުނާ ބުންޏެވެ.
"އަހަރެން އަތުގަ ނަމްބަރު ހުރި މީހުންނަށް ގުޅޭތޯ ބަލައިފިން. އެކަމަކު އަދި ގުޅޭ ގޮތެއް ނުވެ" ލިއުޝާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. މިއީ ޓެކްސީ ގެންގުޅޭ ރަށެއް ނޫނެވެ. އެކަމަކު އަމިއްލަ މީހުން ގެންގުޅޭ ބައެއް ކާރުތައް ދަތުރުކޮށްދެއެވެ.
"ދެން ހިނގާ ކުޑައެއް ހިފައިގެން ދާން" އަހަންނަށް ފެންނަ ގޮތް ބުނީމެވެ.
"ޔާރައްބީ. . . އެއީ ހާދަ ދުރޭ! އަދި މިވަރަށް ވެހެންޏާ މަގުތަކުގަ އޮންނާނީ ވެސް ފެންބޮޑުވެފަ" ލިއުޝާ އެއްބަހެއް ނުވިއެވެ. އެގޮތަށް ބަހުސްކުރަން ބައިގަޑި އިރު ތިބިފަހުން ވެހެމުންދިޔަ ވާރޭ ތުނިކޮށްލިއެވެ. އެހެން ގޮތެއް ނެތުމުން ދެމީހުން ދެ ކުޑަ ހިފައިގެން ދޮރޯށި ކައިރިއަށް ނުކުތީމެވެ. ލިއުޝާ ވެސް އަހަރެމެންގެ ފަހަތުން ދުވެފައި އައެވެ.
އަހަރެމެންގެ ނަސީބު ރަނގަޅީ ކަންނޭނގެއެވެ. އަހަރެމެންނަށް ނުކުމެވުނީ ކާރެއްގެ ކުރިމައްޗަށެވެ. މުނާ އާއި ލިއުޝާއާ ދެމީހުން އެކުގައި މަގުމައްޗަށް ނުކުމެފައި ކާރު ހުއްޓުވިއެވެ.
"އާޒިމް ތަ؟ ކީއްކުރަނީ މި ކާރުގަ؟" ޑްރައިވަރު ސީޓްގައި އިން ޒުވާނާ ބިއްލޫރިގަނޑު ތިރިކޮށްލުމުން މުނާ އެހިއެވެ.
"މިއައީ ފުރަން އުޅޭ ރައްޓެއްސަކު ބަނދަރުމައްޗަށް ގެންގޮސްދީފަ. . . ގެއަށް ގެންގޮސްދޭންވީތަ؟" އާޒިމަކީ މުނާގެ ރައްޓެއްސެކެވެ. އަވަށްޓެރިއެކެވެ.
ލިއުޝާ އަށް ކުޑަތައް ދީފައި އަހަރެމެން ދެމީހުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކާރަށް އެރީމެވެ. ކުރީ ސީޓުގައި އިން ޒުވާނާ އަހަންނަށް ފެނުނީ އިށީނދެ، ހަމަޖެހިލި ފަހުންނެވެ. މިއީ ކޮންކަހަލަ އިއްތިފާޤެއް ހެއްޔެވެ؟ ރޭގަނޑުގެ ނިދިން އަހަރެން މަހުރޫމުކުރުވި ނުދަންނަ ޒުވާނާ މިހާރު އެއިނީ އަހަރެންގެ ކުރިމަތީގައެވެ. އަތްލެވޭހާ ކައިރީގައެވެ. އޭނާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެންގެ ހަތަރެސްފައި ފިނިވިއެވެ. އާދަޔާހިލާފު ލަދުވެތިކަމެއް އިހުސާސް ކުރެވުނެވެ. އަހަރެންގެ މުޅި ހަށިގަނޑު ހިމޭންވިއެވެ. މޫނުމަތީގައި ހުރި ފެންތިކިތައް ފުހެލުމަށް ވެސް އަތް ހަރަކާތެއް ނުކުރިއެވެ. އެ ޒުވާނާ އަހަރެންގެ މޫނަށް ބަލާފައި ހީނލީ ކިތައް ފަހަރު ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެމެންގެ މަންޒިލަށް އަވަހަށް ނުދެވޭތޯ ހިތާހިތުން ދުޢާކުރަނިކޮށް ކާރު މަޑުކޮށްލިއެވެ. މުނާ ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުތުމުން އަހަންނަށް ވެސް ކާރުން ފައިބަން މަޖުބޫރުވިއެވެ.
"ކާކުތަ އެއީ؟" ކާރު ދާތަން ބަލަން ހުރެފައި އަހަންނަށް މަޑުމަޑުން ބުނެވުނެވެ.
"ވަރަށް ސަޅި ބިޓެއް ދޯ!" އެ ދެމީހުންގެ ތެރެއިން އަހަރެން އެހީ ކާކުގެ ވާހަކައެއްކަން މުނާ އަށް ވިސްނުނެވެ. "ޒިޔާން ކިޔަނީ"
"ޒިޔާން" ހިތާހިތުން އަހަންނަށް އެނަން ކިޔާލެވުނެވެ. ސިފައާ އެއްވަރަށް ނަން ވެސް ރީއްޗެވެ. އެ ރީތިކަމާ ވަރަށް ގުޅެއެވެ.
ޒިޔާންގެ ހިޔާލުގައި އަހަންނަށް ފުރޮޅިފުރޮޅި އޮވެވުނީ ކިހާއިރަކުކަމެއް ވެސް ނޭނގެއެވެ. ޒިޔާންގެ ލޯބިވެތި ހިނިތުންވުން ދުށުމަށް އަހަރެންގެ ދެލޯ އެދެނީއެވެ. އޭނާއާ ބައްދަލުވުމަށް އެދި މިހިތް ބޭޤަރާރުވަނީއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އެހެން ފިރިހެނަކަށް ހިތް ކިޔުމުގެ ހައްޤު އަހަންނަކަށް ނޯންނާނެއެވެ. އަހަރެންގެ ދިރިއުޅުމުން އެހެން މީހަކަށް ޖާގަދިނުމަށް އަހަރެން މިހުރީ ލޮލުންބޮލުން ރުހިގެންނެވެ. އެއްބަސްވެގެންނެވެ. ދެން ކީއްވެ ހެއްޔެވެ؟ އެއީ ދިރިއުޅުމުން މީހަކަށް ދިން ޖާގައެކެވެ. ހިތަކުން ނޫނެވެ. މިއީ ހުސް ހިތެކެވެ. އެއްވެސް މީހެއްގެ މައްޗަށް ލޯބި އުފެދިފައި ނުވާ ހިތެކެވެ. އެކަމަކު ނުވެސްދަންނަ މީހަކު ދެތިންފަހަރު ފެނިލުމުން މި ހިތުގައި ލޯބީގެ ވިންދު ޖަހައިފިއެވެ. ހިތުގެ އެއްކަނެއްގައި ނިދާފައިވާ ލޯބި ހޭލައިފިއެވެ.
އާދުވަހަކަށް އިރުއެރީ އަހަރެންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވަމުންނެވެ. އަހަންނަށް އުޅެވެނީ ހިޔާލީ ދުނިޔެއެއްގައެވެ. އަހަންނާއި ޒިޔާން ފިޔަވައި އިތުރު މީހަކު ނޫޅޭ ދުނިޔެއެއްގައެވެ. އެއީ އަހަރެމެންގެ ލޯބީގެ ދުނިޔެއެވެ. ފަރުބަދަތަކެއްގެ މަތިން ދެމިގެންގެން އަންނަ ފެންކޯރެއްގެ އައްސޭރީގައި އަހަރެމެން ދެމީހުން ލޭފަވެތި ވަގުތުތައް ހޭދަކުރަނީއެވެ.
އަހަރެން ސައިބޯން އިށީނީ ބަނޑުހައިވެގެންނެއް ނޫނެވެ. އެއީ ކުރަންޖެހޭ ކަމަކަށް ވާތީއެވެ. ޖޯޑަށް ސައި އަޅައިގެން އިށީނދެ ހަމަޖެހިލި ވަގުތު ލިއުޝާ އައިސް ބަދިގެއަށް ވަނެވެ.
"ރޭގަ ސަލާމަތުން ގެއަށް އާދެވުނުތަ؟" މުނާއަށް ބަލައިލަމުން ދިމާކުރުމުގެ ރާގަކަށް ލިއުޝާ ބުންޏެވެ. އަހަރެމެން ކާރަށް އެރިއިރު ޒިޔާން ކާރުގައި އިންކަން ލިއުޝާ އަށް ވެސް އެނގެއެވެ.
"އެއީ ފޮނި ފިރިހެނެއް! ބަލައިވެސް ނުލި" މުނާ ތުން ވަށްކޮށްލިއެވެ. "އޭނަގެ ދެލޮލުގަ އެ ހުންނަނީ މީހުން އެ ކިޔާ މަހިނޫރު"
އެމީހުން ދައްކަމުންދިޔަ ވާހަކަތައް އަހާފައި އަހަރެންގެ ހިތަށް އެރިއެވެ. ޒިޔާނަށް ހިތްކިޔައިގެން މިއުޅެނީ އަހަރެން އެކަންޏެއް ނޫނެވެ. އެ މޫނާއި، ދެ ލޮލުގައި ކޮންމެ އަންހެން ކުއްޖަކު ވެސް ޝައުޤުވެރިވާ ކަހަލަ ޖާދުވީ ބާރެއް ވެއެވެ.
"ލަމްހާ ނޫން ކުއްޖަކަށް އޭނާ ނުބަލާނެ. ދެ އަހަރު ދުވަހު މާލޭގަ އުޅެފަ އައި އިރުވެސް ހަމަ އެގޮތުގަ. . . ހާދަ ވަފާތެރިއޭ!" ލިއުޝާ ހިނގަނޑެއް ޖަހާލިއެވެ.
"އެހެން މީހުން ވެސް ސްކޫލުގަ އުޅޭއިރު ބިޓުން ނަގާނެ. އެކަމަކު އެއީ ދުވަސްކޮޅެއްގެ ކަމެއް! އެ ދެމީހުންނަށް މިހާރު ހިތްވަރު ދިނުމުގެ އިނާމެއް ވެސް ދޭން ވެއްޖެ!" ލިއުޝާ ދެއްކި ވާހަކައަށް މުނާ ބައެއް އިތުރުކޮށްލިއެވެ.
މުނާމެންގެ ބަހުގައި އެއީ ދޮންހިޔަލަ އާއި އަލިފުޅެވެ. ރޯމިއޯ އާއި ޖޫލިއެޓެވެ. އަހަންނަށް ކުރެވުނު ހީ މުޅިން ގޯހެއް ނޫނެވެ. ޒިޔާންގެ ގައިގައި ތަތްވެގެން ހުރީ ޒިޔާންގެ ލޯބިވެރިޔާއެވެ. ކައިރި މުސްތަޤުބަލެއްގައި އަންހެނުންނެވެ. އެހެން ވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އަހަރެންގެ ހިތުގައި މި އުފެދުނު ލޯބި ޖެހޭނީ ވަންހަނާ ކުރަން ކަންނޭނގެއެވެ. އެހެންވިޔަސް އެންމެ ރަނގަޅެވެ. އަހަންނަށް ވެސް ލޯބިވުމުގެ ހައްޤު އޮންނާނެއެވެ. މިއީ އަހަރެންގެ އިޚުތިޔާރުން ބޭރުގައި އުފެދުނު ޖަޒުބާތެކެވެ.
ޢީދު ޗުއްޓީ ނިމި، ރަށުތެރެ މުޅިން އަމާންވެއްޖެއެވެ. ޗުއްޓީއަށް ރަށަށް އައި ބީރައްޓެހިން ފުރައިގެން ގޮސް، ރަށުގެ ކަންކަން އާންމު ހާލަތަށް ރުޖޫޢަވެއްޖެއެވެ. އޮފީސްތައް ހުޅުވުމުން ދުވާލުގެ ގިނަ ވަގުތު އަހަރެން އުޅެންޖެހެނީ އެކަންޏެވެ. މުނާ އަށް އޮފީހުން ނިމިގެން ގެއަށް އާދެވެނީ ހަވީރެވެ. އެހެންވެ އަހަރެން ގިނައިން އުޅެނީ މުނާމެންގެ ގޭގައި ހުންނަ ފަހާތަނުގައެވެ. އެއީ މުނާގެ ދައްތައެއް ހިންގާތަނެކެވެ. އަހަންނާ އެއް އުމުރެއްގެ ދެތިން ކުއްޖަކު އެތަނުގައި މަސައްކަތްކުރެއެވެ. އަހަރެން އެމީހުންނާ ގުޅުން ބަދަހިކޮށް އެކުވެރިވީމެވެ.
މުނާ މެންދުރު ކާން ގެއަށް އައި ގަޑީގައި އަހަރެން ފެނުމުން އަތުން ހަނާއަޅާލުމުން އަހަރެން ނުކުމެގެން އައިމެވެ.
"ކައިފިންތަ؟" ވަރަށް ވަރުބަލި ގޮތަކަށް މުނާއެހިއެވެ.
އަހަރެން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމަށްފަހު މުނާއާ އެކު ގޭތެރެއަށް ވަންނަން ހިނގައިގަތީމެވެ.
'އެނގޭތަ މިއަދު ވަރަށް މަޖާކަމެއް ދިމާވިއޭ!" މުނާ ވަރަށް ޝައުޤުވެރިކަމާއެކު އަހަރެންގެ އަތުގައި ހިފާލިއެވެ. "އެއްކަލަ އާޒިމް އަފޫގެ މޮބައިލް ނަމްބަރު ހޯދަން އަހަރެން ކައިރިއަށް އައީ" މުނާ ހީނގަތެވެ.
އަހަރެން އިރުކޮޅަކު ވިސްނާލަން ހުރީމެވެ. އެއީ އެރޭ ކާރު ދުއްވަން އިން މީހާއެވެ. އޭނާ އަހަރެންގެ ނަމްބަރު ހޯދަންވީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ ޒިޔާން ބުނެގެން ހެއްޔެވެ؟
"އެނގެއެއްނު؟ ކުރީރޭ އަހަރެމެން ކާރުގަ ގެނެސްދިނެއްނު؟" އަހަރެން އަނގައިން ނުބުނެ ހުރުމުން މުނާ ހަނދާންކޮށްދިނެވެ. "އެއީ އަންހެން ކުދިންގެ ކަންތަކުގަ ވަރަށް ކުރީގަ އުޅޭ މީހެއް!"
"ދެން ދިނިންތަ ނަމްބަރު؟" ވަރަށް އާދައިގެ ގޮތަކަށް އަހަރެން އެހީމެވެ.
"ނޫނޭ! އަފޫ ކައިރީގަ ނާހާ ނަމްބަރެއް ނުދޭނެ އެއްނު؟ އަހަރެން ބުނިން އަފޫ އަކީ މީހެއްގެ ވާންއުޅޭ އަނތްބެކޭ!" އަޅައިގެންހުރި ޝޯލްގެ ވަށައިގެން ޖަހާފައިވާ ޕިންތައް ނަގަމުން ގޮސް މުނާ ބަދިގެއަށް ވަނެވެ.
"ސާބަސް. ކީއްކުރަންތަ އެކަން އިޝްތިހާރު ކުރަނީ؟" މުނާ އެވާހަކަ ބުނުމުން އަހަންނަށް ނުރުހުންވެވުނެވެ. އަހަންނަކީ ކައިވެނިކުރަން އެންގޭޖް ވެފައިވާ މީހެއްކަން އެހެން މީހުންނަށް އަންގާކަށް އަހަރެން ބޭނުމެއްނޫނެވެ.
"އެހެން ބުނީމައެއްނު ފަސޭހައިން އޭނާގެ ކިބައިން ސަލާމަތް ވެވޭނީ. . ގުޅަންފަށައިފިނަމަ އުނދަގޫ ވަރަށް ބޮޑުވާނެ. އަހަންނަކަށްނު އެނގޭނީ އޭނާގެ ގޮތް" މުނާ ދެއްކީ އާޒިމް މާގިނައިން ކުދިންނާ ރައްޓެހިވާ ވާހަކައެވެ. އަންހެން ކުދިންނަށް ލަނޑުދޭ ވާހަކައެވެ.
"ދެން ޒިޔާން؟" މަޖަލަކަށް ވާހަކަދައްކަން ވެސް އާޒިމަކީ ކަމުދާ މީހެއް ނޫން ކަމަށް މުނާ ބުނުމުން އަހަރެން އެހީމެވެ.
"ޒިޔާނަކީ އޭގެ އިދިކޮޅު. މަ ހިތަށްއަރާ އެހާ ތަފާތު ދެމީހުންނަށް ބެސްޓް ފްރެންޑްސްގެ ގޮތުގަ ތިބެވެނީ ކިހިނެއްބާއޭ!" މުނާ މުޅިން ވެސް ދެއްކީ ޒިޔާންގެ ރަނގަޅު ވާހަކައެވެ. ތެދުވެރި ވާހަކައެވެ. ލަމްހާ ނޫން އެހެން އަންހެން ކުއްޖަކަށް އޭނާ ގޯސް ނިޔަތެއްގައި ބަލައިވެސް ނުލާނެއެވެ. ސިއްރުން ނުވަތަ ފާޅުގައި ވެސް އެއްވެސް އަންހެން ކުއްޖަކާ ގުޅުމެއް ނުބާއްވާނެއެވެ.
އެފަދަ އިޚުލާސްތެރިއަކު އަހަންނާ ދިމާއަށް އެ ގޮތަށް އެ ބަލަނީ ކީއްވެ ހެއްޔެވެ؟ އެއީ މާނައެއް ނެތް ބެލުމެއް ނޫނެވެ. މިކަމުގައި އަހަރެންގެ ހިތް ދޮގެއް ނުބުނާނެއެވެ.
"ދެން އާޒިމަށް އަހަރެންގެ ނަމްބަރު ދީބަލަ! ވާގޮތެއް އެނގިދާނެތާ!" އަހަރެންގެ މަޤުޞަދަކީ ސަމާސާކުރުންކަން ދައްކަމުން އަހަރެން ބުނީމެވެ. އާޒިމް އަހަރެންގެ ނަމްބަރު އެ ހޯދަނީ ޒިޔާން ބުނެގެންނެވެ. ހިތް ބުނަނީ އެހެންނެވެ. އެހެން ބޭނުމަކު ހޯދިޔަސް އެންމެ ރަނގަޅެވެ. މާބޮޑަށް އުދަނގޫކުރާނަމަ ސަލާމަތްވާނެ ގޮތް އަހަންނަށް އެނގެއެވެ.
"ހަމަ ދޭންވީ؟" ގަބޫލުނުކުރެވިގެން އުޅޭކަހަލަ ގޮތަކަށް މުނާ އެހިއެވެ.
"އާނއެކޭ! މެސެޖަކުން ބުނޭ!" ތަންކޮޅެއް ދުރުގައި އޮތް މުނާގެ ފޯނު އޭނާއާ ކައިރިއަށް ޖައްސާލަމުން އަހަރެން ހެމުން ބުނީމެވެ.
އޭގެފަހުން އަހަންނަށް އަބަދު ބެލެނީ ފޯނަށެވެ. ޒިޔާންގެ ފޯނެއް ނުވަތަ މެސެޖެއް ނަމަވެސް އާދޭތޯއެވެ. އިންތިޒާރުގައި އެއް ދުވަސް ހޭދަވެގެން ދިޔައިރު ވެސް އަހަރެން ވަރުބައްޔެއް ނުވެއެވެ. ފޫއްސެއް ނުވެއެވެ. ފޯނު ކައިރީގައި ބާއްވައިގެން ހިޔާލީ ދުނިޔެއެއްގައި އުޅެމުން ދިޔައިމެވެ. އެ ދުނިޔޭގައި ލޯބީގެ ގަނޑުވަރެއް ބިނާކޮށް، އެގަނޑުވަރުގައި ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތުގެ ތަސްވީރުތައް ހިތުގައި ކުރަހަމުން ގެންދިޔައިމެވެ.
ފޯނަށް މެސެޖެއް އައި އަޑަށް އަހަރެން ސިހުނެވެ. ލޯމަރާލަމުން ޝުކުރުކޮށްފައި ފޯނުގައި އަތްލީ ވެސް ބިސްމި ކިޔަމުންނެވެ.
މެސެޖުގައި އޮތީ "ސަލާމް" އެވެ.
އަހަރެން އަވަސްއަވަހަށް ދިރާގުގެ ޑައިރެކްޓްރީން އެއީ ކާކުގެ ނަމްބަރެއްތޯ ބެލީމެވެ. ލިބުނު އުފަލުން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. ދެން ހަދަންވީ ގޮތެއް، ބުނަންވީ އެއްޗެއް ކުއްލިއަކަށް އަހަރެންގެ ވިސްނުމަކަށް ނައެވެ. އަވަސްވެފައިވާ ހިތުގެ ވިންދާއި، ނޭވާ ހަމައަކަށް އެޅެން ވަގުކޮޅެއް ނެގިއެވެ.
"ޒިޔާން ތަ؟" އިރުކޮޅެއް ފަހުން އަހަރެން އެހީމެވެ.
"ކިހިނެއް އެނގުނީ؟" ޒިޔާން ވަރަށް އަވަހަށް ރިޕްލައި ކުރިއެވެ.
"އިންތިޒާރު މިކުރަނީ ޒިޔާނަށް" އެއްވެސް ފޮރުވުމެއްނެތި ހިތުގައި ވާގޮތަށް އަހަރެން ބުނީމެވެ.
އެއީ ފެށުމެވެ. ޓެކްސްޓް މެސެޖުތަކުގެ އެހީގައި އަހަންނާ ޒިޔާން ގުޅުން ގާތްވަމުން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. އެރޭ ފަތިސްވަންދެން އަހަރެމެން ވާހަކަދެއްކީމެވެ. މުނާމެންގެ ފަރާތުން އަހަންނާ ޒިޔާންއާ ބެހޭގޮތުން އެނގިފައިވާ ހުރިހާ ވާހަކައެއް ވެސް އަހަރެން ކިޔައިދިނީމެވެ.
"ލަމްހާ ދެކެ އެހާ ލޯބިވާ، އެހާ ތެދުވެރި މީހަކު ކީއްވެ މާ ނުކިއްސަރު ގޮތަކަށް އަހަންނާ ދިމާއަށް ބަލަނީ؟" ހިނިތުންވެފައިވާ މޫނަކާއެކު އަހަރެން ލިޔުނީމެވެ.
"ތި ސުވާލުގެ ޖަވާބު ޚުދު އަހަންނަކަށް ވެސް ނޭނގެ! ޝައުޤުވެރިވާ ކަހަލަ ގޮތެއް ހުންނާތީ ބެލެނީ. އެކަމަކު އެންމެ ފުރަތަމަ ދުވަހު ބެލުނީ އަފޫ ލައިގެން ހުރި ހެދުމަށް!" ޕާކިސްތާނު ހެދުމަށް ޒިޔާން ތަޢުރީފުކުރިއެވެ.
"އަސްލު ކޮންނަމެއްތަ ކިޔަނީ؟" ޒިޔާން އެހިއެވެ. އޭނާ އަށް އަހަރެންގެ ނަމެއް، އަހަންނަކީ ކާކުކަމެއް ނޭނގޭނެއެވެ. އަހަންނަށް ވެސް އެނގެނީ އެއީ ޒިޔާން ކަމެކެވެ. ލަމްހާ ކިޔާ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމެވެ. އިތުރު އެއްޗެއް ނޭނގެއެވެ.
"އަފްޝީން" އަހަރެން ނަން ބުނީމެވެ. އެކަމަކު ޒިޔާން ސުވާލުނުކުރާތީ އިތުރު މައުލޫމާތެއް ނުދެމެވެ.
"އަހަރެން ޝީން ކިޔަސް އެންމެ ރަނގަޅުތަ؟" ޒިޔާން އެއް ލޯ މަރާލިއެވެ.
އެއީ މިހާތަނަށް އެއްވެސް މީހަކު އަހަންނާ މުޚާޠިބުކުރި ނަމެއް ނޫނެވެ. އެއީ ހާއްސަ ނަމެކެވެ. ޒިޔާން ފަދައިންނެވެ. އަލަތު ލޯބިވެވޭ މީހާ ކޮންމެ މީހަކަށް ވެސް ކިހާ ހާއްސަވާނެ ހެއްޔެވެ؟ ދިރިއުޅުމުގެ ކަންކަން ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަނަމަވެސް އެމީހެއްގެ މަތިން ހަނދާނެއް ނުނެތޭނެއެވެ. ހިތުގެ އެއްކަނެއްގައި އެ ލޯބި ފޮރުވިފައިވާނެއެވެ.
އެގޮތުގައި އެއް ހަފުތާ ފާއިތުވެގެން ހިނގައްޖެއެވެ. އަހަންނަށް އަބަދު ހުރެވެނީ ޒިޔާންގެ މެސެއްޖެ އިންތިޒާރުގައެވެ. ކިތަންމެ ހަނދާންވިޔަސް އަހަރެން އިސްވެ އޭނާ އަށް މެސެޖުކުރުމުގެ ހުއްދައެއް ނެތެވެ. އެއީ މަސްލަހަތަށްޓަކައެވެ. ލަމްހާ އަށް މިކަން އެނގިގެން ބޮޑު މައްސަލައަކަށް ވެދާނެތީއެވެ. ޒިޔާންގެ ވާހަކައިން އޭނާ ލަމްހާ ދެކެ ވާލޯބި ވަރަށް ރަނގަޅަށް ހާމަވެއެވެ. އޭނާ ލަމްހާއާ އެކުގައި ދިރިއުޅެން ބޭނުމެވެ. ލަމްހާ އޭނާ އަށް ކުރާ އިތުބާރު ގެއްލިދާނެތީ ނިހާޔަތަށް ބިރުގަނެއެވެ. އެހުރިހާ ކަމެއް އެހެން އޮތްއިރު އޭނާ މިވަރުގެ ނުރައްކަލަކާ ކުރިމަތިލީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހިތުން އަހަންނަށް ހާއްސަ މަޤާމެއް ދެވުނީއެވެ. އެއީ އަހަރެންގެ ހިތް ދޭ ޖަވާބެވެ.
- ނުނިމޭ-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް