ސައިކަލް ޕާކު ކޮށްފައި ނައުޝާދު އާއި ޢާއިޝާ، ނައުޝާދު މެންގެއަށްވަނީ އެކުއެކީގައެވެ. ގޯތިތެރެއަށް ވަދެގެން ދިޔައިރު ގޯތިތެރޭގައި ހައްދާފައިވާ ގުލޭނޫރަންމާ ގަސްތަކުގައި އަޅާފައިވާ މާތަކުގެ މީރުވަސް މުޅި ތަނަށް ފެތުރިފައި ވެއެވެ. ރެޔަކީ ސާދަވިލޭރޭ ކަމުގައިވާތީ ސާދަވިލޭރޭގެ ހަނދުވަރުގެ އަލި ގޯތިތެރެއަށްވަނީ އެޅިފައެވެ. އެތެރެއަށް ވަދެގެން ދިޔައިރު ގޯތިތެރޭގައި ބަހައްޓާފައިހުރި ޖޯލިފައްޗެއްގައި ރާއިދު އިށީނދެލައިގެން އިނެވެ.
"ކޮންއިރެއް އައިސް އިންނަތާ....." ނައުޝާދު ފެނުމުން ރާއިދު ބުނެލިއެވެ.
"އެހެންތަ....؟ ޢާއިޝާ ގޮވައިގެން މިއައީ..... އެނގެއެއްނު މިއަންވެރިންގެ ދިއުޅި ދިގުކަން..... ރެޑީވާން އެހާ ޓައިމް ނަގާނެ..... ހިނގާ އެތެރެއަށް....." ރާއިދު އާއި ދިމާއަށް ދަމުން ނައުޝާދު ބުނެލިއެވެ.
އެވަގުތު ރާއިދު ތެދުވަމުން ޢާއިޝާ ދިމާއަށް ބަލާލިއެވެ. އާއިޝާއަށްވެސް ރާއިދުއާއި ދިމާއަށް ބަލާލެވުނީ ހަމައެވަގުތު އެވެ. ރާއިދު ހިނތުންވެލިއެވެ. ޢާއިޝާ ހިސާބަކަށް ރަކިވިއެވެ.
ގޭތެރެއަށްގޮސް ކާމޭޒު ކައިރިއަށްދިޔައިރު ނައުޝާދުގެ މަންމަހުރީ ކާންހަދާފައެވެ. ތަފާތު ވައްތަރުގެ ކާތަކެތިން ކާމޭޒު ހުރީ ފުރާލާފައެވެ.
"އައްދެ.... ހާދަވަރެއް ކޮށްލާފަ މިހިރީ.... ވަރަށް މީރުވާނެހެން ހީވަނީ..... މުރަނގަތޮޅި ރިހަވެސް އެބަހުރިދޯ..... ރާއިދުގެ އެންމެ ބެސްޓް އެކަތި މިއީ...." ތަށިތަކަށް ބަލާލަމުން ރާއިދު ބުނެލިއެވެ.
އެވަގުތު ޢާއިޝާ ރާއިދުއަށް ބަލާލިއެވެ. މުރަނގަތޮޅި ރިހަ އެއީ ޢާއިޝާއަށްވެސް އެންމެ މީރު ރިހައެވެ.
"ދެން އިށީނދެ ކާންފަށާބަލަ....." ރާއިދު އާއި ޢާއިޝާ އާއި ދިމާއަށް ބަލާލަމުން ނައުޝާދު ބުނެލިއެވެ.
"ކޮންބައެއް މިގޭގަ އުޅެނީ.... އެކަކުވެސް ގޭތެރެއަކުން ނުފެނޭ....." ދެފަރާތަށް ބަލާލަމުން ރާއިދު ބުނެލިއެވެ.
"މަންމައާއި ބައްޕަ، ދެން ބޭބެއާއި ބޭބެ ވައިފުވެސް އުޅޭނެ..... ބޭބެއާއި ބޭބެގެ ވައިފު މިދުވަސްކޮޅުވީ މާލޭގައި..... މަންމަ ކާން ހަދާފަ އެދިޔައީ ބޮޑުދައިތަމެންގެއަށް..... ނަސީބެއްނު މީހަކު ނޫޅޭކަން..... މި ޢާއިޝާ މިއީ ނުލާހިކު ލަދުރަކި ކުއްޖެއްވިއްޔަ...!" ޢާއިޝާ އާއި ދިމާއަށް ބަލާލުމަށް ނައުޝާދު ވާހަކަ ދެއްކިއެވެ.
ޢާއިޝާ ރަކިގޮތަކަށް ހިނިތުންވެލިއެވެ.
"ތިހެން ތިއްބަކަސް ނުވާނެދޯ.... ކާން ފަށާބަލަ....." ދެމީހުންނާ ދިމާއަށް ބަލާލަމުން ނައުޝާދު ބުނެލިއެވެ.
ކާންފެށީންސުރެ ނައުޝާދު ވާހަކަ ހުއްޓާނުލައެވެ. ނައުޝާދު ބުނެލާ ކޮންމެ ބަހަކީވެސް ރާއިދުއާއި ޢާއިޝާ އަށް ދިމާކޮށްލުމުގެ ގޮތުން ބުނެލާ ބަހެކެވެ. ޢާއިޝާ ކައިނިމިގެން ގޮނޑިން ތެދުވަންވެގެން ފައި ރަނގަޅުކޮށްލި ވަގުތު މޭޒު ދަށުން ޢާއިޝާގެ ފައި ޖެހުނީ ރާއިދުގެ ފައިގައެވެ. އެވަގުތު ރާއިދުވެސް އަނެއްފައި ޢާއިޝާގެ އަނެއްފައިގައި ގަސްދުގައި ޖައްސާލިއެވެ. ޢާއިޝަ ދިޔައީ ސިހިގެންނެވެ. ރަކިވެފައި އިސްދަށަށް ޖަހާލިއެވެ.
"ސޮރީ..... ވަރަށް ބޮޑަށް ސޮރީ....." އިސްދަށަށް ޖަހައިގެން އިނދެ ޢާއިޝާ ބުނެލިއެވެ.
"މިހާރު އަނެއްކާ ކިހިނެތްވީ....." ކޮން ސޮރީއެއް....." ޢާއިޝާ އާއި ދިމާއަށް ބަލާލުމަށްފަހު ނައުޝާދު ބުނެލިއެވެ.
"އެ....އެ .... ޢާއިޝާގެ ފައިން ރާއިދުގެ ފައިގައި ޖެހުނީމަ ދޯ....." ޢާއިޝާ އާއި ދިމާއަށް ބަލަންއިނދެ ރާއިދު ބުނެލިއެވެ.
"އެހެންތަ....؟ މިހާރު ފައިންވެސް ކޮށްޓަންފެށީ..... ހާދައަވަހަކަށް ހާދަކުރިއަކަށް ތި ޖައްސާލީ....." ޢާއިޝާ އާއި ދިމާއަށް ބަލާލުމަށްފަހު ނައުޝާދު ބުނެލިއެވެ.
އެވަގުތު ޢާއިޝާގެ މޫނު ރަތްވެގެން ދިޔައެވެ.
ތިން މީހުން ކައިނިމިގެން ނުކުތީ ބޭރު ޖޯއްޔަށެވެ.
"ކުޑަކޮށް އަނގަތަޅާލާފަދޯ ގެއަށްދާނީ....." ރާއިދުއާއި ދިމާއަށް ބަލަންއިނދެ ނައުޝާދު ބުނެލިއެވެ.
"އާނ..... މިރޭ ދެން ނުނިދާގޮތަށް މިވިސްނަނީ..... ވަރަށް ހެނދުނާ ފުރަންޖެހޭ..... ނިދާފިއްޔާ ނުހޭލެވިދާނެ...."
ނައުޝާދު އަތުގައިހުރި ފޯއްތަބަކުން ފޯއްފޮއްޗެއް އަނގަޔަށްލަމުން ރާއިދު ބުނެލިއެވެ.
"ކޮންއިރަކުން މާލެދަނީ....." ރާއިދު މާލެދާ އިރެއް ސާފުކޮށްލުމުގެ މަޤްސަދުގައި ނައުޝާދު އަހާލިއެވެ.
"މިއީ ވަރަށް ކުރު ދަތުރެއް..... މާދަންގޮސް މަސައްކަތްތައް ނިންމާލާފައި، އަނެއްދުވަހު ފުރަންވީ.... މިއަދު ކޮންމެހެންވެސް މިކޮޅަށް އައީ އެގިފްޓް ދޭންވެގެން..... އައްޑޫގައި ހުއްޓަ ހަނދާނީ އިއްޔެ އެއީ ނައުޝާދު އުފަންދުވަސްކަން..... ނަސީބަކުން ހަވީރު މިކޮޅަށް އަންނަ ލޯންޗެއް އޮތީމަ މިއާދެވުނީ....." ރާއިދު ޖޯލީގައި ހަމަޖެހިލަމުން ބުނެލިއެވެ.
އެވަގުތު ނައުޝާދުގެ ފޯނު ރިންގުވާން ފެށިއެވެ.
"މަންމަ އެގުޅަނީ....." ނައުޝާދު ފޯނު ނަގަމުން ބުނެލިއެވެ.
"މަންމަ ބަލާ އަންނާށޯ..... ހިނގާދެން ދަމާ..... ވަރަށް އުފާވެއްޖެ ތިހާކުޑަކުޑަ ވަގުތުކޮޅަކަށްވެސް މީޓުކޮށްލަން މިކޮޅަށް އައިމަ....." ނައުޝާދު ފޯނު ބާއްވާފައި ތެދުވެ ރާއިދުއާއި ސަލާންކޮށްލަމުން ބުނެލިއެވެ.
"ނައުޝާދު ދާންވީނު މަންމަބަލާ..... ޢާއިޝާ އޯކޭ ވެއްޖިއްޔާ ރާއިދު ޢާއިޝާ ގެއަށް ވައްޓާލަދީފާނަން..... މިރަށުން ސައިކަލެއް ހަޔަރ ކޮށްގެން މިއުޅެނީ....." ޢާއިޝާ އާއި ދިމާއަށް ބަލާލަމުން ރާއިދު ބުނެލިއެވެ.
"އައްދެ... ތިއީ މާމޮޅު ގޮތެއް.... ޔަޤީން ޢާއިޝާ ހިތުން ރުހުމުން ތިކަމާ ޤަބޫލުވާނެކަން....." ޢާއިޝާ އާއި ދިމާއަށް ބަލާލަމުން ހިނިތުންވެފައިހުރެ ނައުޝާދު ބުނެލިއެވެ.
ޢާއިޝަހުރީ ވަރަށް ބޮޑަށް ރަކިވެ ހަދާނެގޮތެއް ނޭނގިފައެވެ.
"ޢާއިޝާ ދާނަންތަ ރާއިދުއާއި އެކީ....؟" ޢާއިޝާ އާއި ދިމާއަށް ބަލާލުމަށް ރާއިދު ބުނެލިއެވެ.
އެ ސުވާލަށް ޢާއިޝާއަކަށް ޖަވާބެއް ނުދެވުނެވެ. ރަކި ހިނިތުންވުމާއެކު އިސްޖަހާލިއެވެ.
"ޖަވާބެއް ނުދީ ހުރުމަކީވެސް ޖަވާބެއް.... އޭގެ މާނައަކީ ޔޭސް އޭ....." ރާއިދު އާއި ދިމާއަށް ބަލާލުމަށްފަހު ނައުޝާދު ހިނިތުންވެފައި ބުނެލިއެވެ.
"ހިނގާ އެހެންވިޔާ ދާން...." ޖޯލިން ތެދުވަމުން ރައީދު ބުނެލިއެވެ.
ޢާއިޝާވެސް އެމީހުންނާއެކު ތެދުވެ މަޑުމަޑުން ބޭރަށް ނުކުތެވެ. އެހެން ނަމަވެސް ޢާއިޝާހުރީ ލަދުން ހަލާކުވާ ވަރުވެފައެވެ.
"ޢައިޝާއަށް ގޮތެއް ނަހަދާ ގެއާއި ހަމައަށް ގެންގޮސްދޭތި....." ޢާއިޝާ އާއި ދިމާއަށް ބަލާލުމަށްފަހު މަޖާ ރާގަކަށް ނައުޝާދު ބުނެލިއެވެ.
"ރާއިދު މީ އެހާ ގޯސްމީހެއް ނޫނޭ....." ރާއިދުވެސް މަޖާ ރާގަކަށް ބުނެލިއެވެ.
ރާއިދު ސައިކަލަށް އެރުމުން މަޑުމަޑުންގޮސް ޢާއިޝާ ރާއިދުގެ ފަހަތަށް އަރާ އިށީނެވެ. ރާއީދު ސައިކަލް ދުއްވާލުމާއެކު ޢާއިޝާ ތަންކޮޅެއް ފަހަތަށް ޖެހިލިއެވެ.
"މި ނައްޓާލީ އިނގޭ..... ޢާއިޝާ ކިޔައިދޭނެ ދާންވީ މަގު....." ސައިކަލް ދުއްވާލަމުން ނައުޝާދު ބުނެލިއެވެ.
ރާއިދުވެސް ސައިކަލް ދުއްވާލިއެވެ. ދުއްވަމުންދިޔައީ މަގު ހުރިގޮތަށެވެ. ޢާއިޝާ އިނީ އެއްޗެއް ބުނަން ނުކެރިފައެވެ. މަގު ހުރިގޮތަށް ރައީދު ދުއްވަމުން ދިޔައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 31 ޑިސެމްބަރު، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް