"މިއީ ޢާއިޝާ..... ނައުޝާދު ކުޑައިރުގެ ފުރެންޑެއް...... މިއީ، ރާއިދު..... ސްކޫލް ދައުރުގެ ފުރެންޑެއް......" ނައުޝާދު ދެމީހުން ދެމީހުންނަށް ތަޢާރުފު ކޮށްދިނެވެ.
ޢާއިޝާ، ރާއިދުއަށް ބަލާލިއެވެ. ރާއިދުވެސް އެވަގުތު ޢާއިޝާއާއި ދިމާއަށް ބަލާލިއެވެ. ކުއްލިއަކަށް ޢާއިޝާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ބުނަން ނޭނގޭ އިޙްސާސްތަކެއް ކުރެވިގެން ދިޔައެވެ. ދުވަހަކުވެސް ޢާއިޝާއަށް މިފަދަ އިޙްސާސެއް ކުރެވިފައެއް ނުވެއެވެ.
"ހަނދާންކޮށް ކާން އަންނާތި.....!" ޢާއިޝާއާއި ދިމާއަށް ބަލަންހުރެ ރާއިދު، ނައުޝާދާއި ވާހަކަ ދެއްކިއެވެ.
"އޯކޭ.... އޯކޭ.... ދެންދަނީ.... މިހާރުވެސް މާ ލަސްވެއްޖެ..... ޢާއިޝާވެސް މިރޭ ދާނަންދޯ....؟" ސައިކަލް ސްޓާޓްކޮށްލަމުން ނައުޝާދު ބުނެލިއެވެ.
ނައުޝާދު ސައިކަލްގައިގޮސް ޖެހިގެން އޮތް ގޯޅި އަޅަންދެން ރާއިދު، ޢާއިޝާއަށް ބަލަން ހުއްޓެވެ. އަންހެން ކުއްޖަކު ފެނިގެން ދުވަހަކުވެސް ނުވާ އިޙްސާސްތަކެއް ރާއިދުއަށްވެސް ކޮށްފައިވެއެވެ.
ނައުޝާދު މެންގެއަށް ދިޔުމަށްޓަކައި ޢާއިޝާ ތައްޔާރު ވަމުންދިޔައެވެ. ރަތްކުލައިގެ ކުރު ހެދުމެއް ލައިގެންހުރި ޢާއިޝާ ލޯގަނޑު ކައިރީގައި ހުރެ ބުރުހުން ފުނާއަޅަމުން ގެންދިޔައެވެ. ފުނާ އެޅުމަށްފަހު ލޭ ރަތްކުލައިގެ ލިފްސްޓިކެއް ނަގާ ތުންފަތުގައި އުނގުޅާލުމަށްފަހު ފުއްކޮޅެއް ޖަހާލިއެވެ. ރަތްކުލައިގެ ހެދުމުގައި ޢާއިޝާ ހުންނައިރު ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. އަލަމާރި ހުޅުވާލުމަށްފަހު ހޭންޑްބޭގް ނަގައިގެން ކޮޓަރިން ނުކުންނަށް ހިނގައިގަތްވަގުތު ކޮންމެސް މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ޢައިޝާގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައިހުރީ ޢާއިޝާގެ މަންމަ ޒާހިރާއެވެ.
"ދަރިފުޅު ކޮންތާކަށްދާން ތި ނުކުންނަނީ......؟" ދޮރުމަތީގައިހުރި ޒާހިރާ ޢާއިޝާ ފެނުމުން އަހާލިއެވެ.
"މިއުޅެނީ ފުރެންޑެއްގެ ގެއަށް ގޮސްލަންވެގެން..... މިރޭ ކެޔުމަކަށް ދާން ބުނެފައޮތީމަ......" މަންމަގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޢާއިޝާ ބުނެލިއެވެ.
"ކާންވެގެން ދަރިފުޅު ހޯދަން މިއައީވެސް..... މުރަނގަތޮޅި ކިރުގަރުދިޔަ ކައްކާފަ ހުންނާނީ..... ހަމަ ނުކާނަންތަ......؟ ޢާއިޝާގެ އަތުގައި ހިފާލަމުން ޒާހިރާ ބުނެލިއެވެ.
"މިރޭ އެގެއަށްދާނަމޭ ކުރިން ބުނެވިފައޮތީމަ ދެންޖެހޭނީ ދާން..... ނުގޮއްސިއްޔާ އެމީހުން ހިތްހަމައަށްވެސް ނުޖެހޭނެ އެއްނު...." ވީހާ ގިނައިން ރާއިދު ފެންނަން ބޭނުންވާތީ ޢާއިޝާ ބުނެލިއެވެ.
ޒާހިރާއާއި ޢާއިޝާ ކާގެއަށް ދިޔައިރު އެންމެން ކާ މޭޒުދޮށުގައި ތިއްބެވެ.
"ހުމޭ.... ނުކައި ހިނގާބަލަ ޢާއިޝާ އާއެކު ފުރެންޑެއްގެ ގެއަށް..... އެގެއަށް ކާންދާން އިންވިޓޭޝަނެއް ލިބިފައޭ އޮތީ....." ހުމޭދާ ކާންއިންތަން ފެނުމުން ޢާއިޝާ ބުނެލިއެވެ.
"ހުމޭދާ ކިހިނެތްދާނީ...... ޤާދިރުބޭ އަންނާނެ އިރުކޮޅަކުން..... އެހެން ނޫނަސް މިގަޑީގައި ހުމޭދާއަށް ބޭރަކަށް ނުނިކުމެވޭނެ އެއްނު...." ޢާއިޝާ އާއި ދިމާއަށް ބަލާލަމުން ޒާހިރާ ބުނެލިއެވެ.
"އެގެއަށް ކާންދިޔަސް ގެއަށް އައިސް ޢާއިޝާ އަދި ކާނަން..... ޢާއިޝާގެ ފެވަރިޓް މުރަނގަތޮޅި ކިރުގަރުދިޔަ....." މޭޒުމަތީގައިހުރި ތަށިތަކަށް ބަލާލުމަށްފަހު ބޭގުން ފޯނު ނަގަމުން ޢާއިޝާ ބުނެލިއެވެ.
ފޯނުނެގުމަށްފަހު ޢާއިޝާ ގުޅާލީ ނައުޝާދާއެވެ.
"ނައުޝާދު، ޢާއިޝާ އެކަނި ދާންޖެހޭނީ..... ބަލާއާދެވިދާނެތަ....."؟ ނައުޝާދު ފޯނު ނެގުމުން ޢާއިޝާ ވާހަކަ ދެއްކިއެވެ.
"ޔޭސް...... ރެޑީވެގެން ގުޅާލާ.... ދާނަން..." ނައުޝާދު ޖަވާބު ދިނެވެ.
"ރެޑީވެގެންނޭ މިގުޅީ..... އާދޭ.... މިނިކުންނަނީ....." ޢާއިޝާ ހީނލާފައި ޖަވާބު ދިނެވެ.
"އޯހ.... އެހެންތަ....؟ އަންނަ ހިތުން ކެތްމަދުވެފަ ހުރިހެން ހާދަ ހީވެޔޭ..... ރާއިދު އަންނާތީތަ....؟ ސަމާސާ ރާގަކަށް ނައުޝާދު ދިމާކޮށްލިއެވެ.
"ދެން ނައުޝާދު އުޅޭގޮތެއްދޯ..... އެހެން ނޫނަސް ސަޅި ބިޓެއްދޯ އެއީ..... އަނެއްކާ ހުސްތަ.....؟ ޢާއިޝާއަށް އެއްވެސް އިޚްތިޔާރަކާނުލާ ބުނެލެވުނެވެ.
"އާން.... އަދި ހުސްހެން ހީވަނީ..... ސެޓް ކުރަންވީތަ އަނެއްކާ....؟ ކޮންދޭންވީތަ.....؟ ނައުޝާދު ދިމާކޮށްލާ ރާގަކަށް ބުނެލިއެވެ.
"ޢާއިޝާއަށް ވާނެތަ....؟ ހަމަގައިމުވެސް ވަރަށް ސެކްސީ ހަށިގަނޑެއް..... ހިތް ކަތިލާވަރުވޭ....." ޢާއިޝާ ވެސް ސަމާސާ ގޮތަކަށް ވާހަކަ ދެއްކިއެވެ.
"ޔަޤީން ވާނެކަން..... ދެންމެ ރާއިދުވެސް ގުޅިޔޭ.... ދުރުދުރުން ޢާއިޝާގެ ވާހަކަވެސް އަހާލި..... ބުނިހާދަ ރީއްޗޯ.....ތިކަން ކުރަން ނައުޝާދަށް ފެންނަނީ....." ނައުޝާދު ހިޔާލެއް ދިނެވެ.
"ރާއިދު ކޮންރަށެއްތަ.....؟ މިރަށުގައި ކީއްކުރަނީ....؟ ރާއިދުގެ މަޢުލޫމާތު އޮޅުން ފިލުވުމުގެ ގޮތުން ޢާއިޝާ އަހާލިއެވެ.
"ރާއިދު އެއީ މާލޭ ކުއްޖެއް.... އޮފީސް ދަތުރެއްގައި އައްޑޫގައިހުރެފައި ނައުޝާދަށް ގެނައި އެއްޗެއް ހަވާލުކުރަން މިއަދު ހަވީރު މިކޮޅަށް އެއައީ.... މާދަން މިރަށުން ފުރާނެ.... މިރޭ ކުރެވުނު ވަރެއް ދެން ކުރެވޭނީ...." ނައުޝާދު މަޖާވެލާފައި ބުނެލިއެވެ.
"ހޫން.... ދެންވެސް އަވަހަށް އައިމައެއްނު ކަމެއްވާނީ.... އަނގަނުތަޅަ ދެން އަވަހަށް އާދެބަލަ....." ޢާއިޝާ ހިތް އަވަސްވެފައިހުރިވަރުން ވާހަކަ ދެއްކިއެވެ.
"އޯކޭ... އޯކޭ.... ބޭރަށް ނުކުމެހުރޭ.... ފަސްމިނިޓެއްހާއިރު ތެރޭގައި ތިގޭ ކައިރީގައި ހުންނާނަން..... ނައުޝާދު ފޯނު ބާއްވަމުން ބުނެލިއެވެ.
ޢާއިޝާ ފޯނު ބޭއްވުމަށްފަހު ދިޔައީ ގޭތެރެއަށެވެ.
"މަންމާ.... އެގެއަށް ގޮއްސަ ކުޑަކޮން ލަސްވާނެހެން ހީވަނީ..... އެގޭން ކާނީ.... ގެއަށް އައިސް ދެން ނުކާނަން އިނގޭ...."
ޒާހިރާ ގާތުގައި މިހެން ބުނެލުމަށްފަހު ޢާއިޝާވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށްވަދެ ލޯގަނޑުކައިރީގައި ހުއްޓުމަށްފަހު ކުޑަކޮށް ފުށްޖަހާލުމަށްފަހު ތުންފަތުގައި އިތުރަށް ލިޕްސްޓިކް ކޮޅެއް ހާކާލިއެވެ. އަދި އިސްތަށިގަނޑުވެސް ރީތިކޮށްލުމަށްފަހު ކަރުދޮށަށާއި މުޅި ހެދުމަށް ސެންޓް ޖަހާލިއެވެ. ޢާއިޝާ ބޭނުންވީ މިރޭ ވަރަށް ރީތިވެގެން ދާށެވެ. ޢާއިޝާ ބޭރަށް ނުކުތްއިރު ނައުޝާދު ދޮރުކައިރީގައި ސައިކަލުގައި އިނެވެ.
"މާޝާ ﷲ..... މީހުންގެ އެސްފީނާއިން ސަލާމަތް ކުރައްވާށި.....! ޢާއިޝާގެ ރީތިކަން ފެނިފައި ނައުޝާދު މަޖާ ރާގަކަށް ބުނެލިއެވެ.
"ސާބަސްދެން.... ދިމާނުކޮށް ދެންވެސް އަވަހަށް ދާން ހިނގާބަލަ...!" ޢާއިޝާ ސައިކަލު ފަހަތަށް އަރަމުން ނައުޝާދުގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ.
"ވާ... ވާ.... ހާދަ ސެންޓެކޭދޯ....! ތި ދަނީ މީހެއް ގައިގައި އޮޅުލަންތަ.....؟ ޢާއިޝާ ސައިކަލަށް އަރާ އިށީނުމުން ސައިކަލް ދުއްވާލަމުން އަނެއްކާވެސް ނައުޝާދު ދިމާކޮށްލިއެވެ.
"ދެން އަވަހަށް ހިނގާބަލަ.....!" ނައުޝާދުގެ ބުރަކަށީގައި ޖަހާލަމުން ޢާއިޝާ ބުނެލިއެވެ.
"އާނ.... މިގެއަށް އައި މަގުމަތީ ރާއިދު ގުޅި.... ބުނި ގޭ ކައިރީގަޔޯ މިހިރީ....." ސައިކަލް ދުއްވަމުން ނައުޝާދު ބުނެލިއެވެ.
ވާހަކައިގެ ސާޅީސް އަށްވަނަބައި، މި ލިންކުން ކިޔާލަން ލިބިލައްވާނެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް