75 މިލިޔަން ޕައުންޑުގެ ރެކޯޑް އަގަކަށް ލިވަޕޫލް އިން ސައުތުހެމްޓަންގެ ޑިފެންޑަރ ވާރޖިލް ވެން ޑައިކް ގަނެފިއެވެ. ލިވަޕޫލްއިން ވެން ޑައިކްގެ ސޮއި ހޯދާފައި މި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީން ވެސް ވެން ޑައިކް ހޯދުމަށް ފައި ވިއްދާފައި ވަނިކޮށެވެ. މިއީ މިހާތަނަށް ޑިފެންޑަރަކު ގަތުމަށް ޓީމަކުން ކުރި އެންމެ ބޮޑު ހޭދައެވެ.
މިދިޔަ ޖޫން މަހުގެ ޓްރާންސްފާ މާކެޓުން ފެށިގެންވެސް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް އެންމެ ގަންނަން ބޭނުން އެއް ކުޅުންތެރިއަކަށް ވެން ޑައިކް ވެފައިވާއިރު، ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ހުޅުވޭ ޓްރާންސްފާގެ ބާޒާރާއެކު ރަސްމީކޮށް ވެން ޑައިކް ލިވަޕޫލްއާ ގުޅޭނެއެވެ.
މުޙައްމަދު ސަލާހް، ކޮޓީނިއޯ އަދި ފިރްމީނޯ ފަދަ ކުޅުންތެރިންނާއެކު ސީޒަންގެ މިހާތަނަށް އެ ޓީމުގެ އެޓޭކިންގ ލައިން ވަރަށް ވަރުގަދަކޮށް ފެނުނު ނަމަވެސް ޑިފެންސް ލައިނާމެދު ފާޑުކިޔުންތައް އޮތީ އަމާޒުވެފައެވެ. އެހެންކަމުން ނެދަލޭންޑްގެ އުމުރުން 26 އަހަރުގެ މި ޑިފެންޑަރާއެކު ލިވަޕޫލް، މި ސީޒަންގެ ކުރިއަށް އޮތް ބައިގައި އިތުރަށް ވަރުގަދަ ވެގެން ދާނެކަމަށް ބެލެވެއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ވާރޖިލް ވެން ޑައިކް ލިވަޕޫލްއާ ގުޅޭއިރު، އޭނާ ލިވަޕޫލްއަށް ކުޅޭނީ ޖާޒީ ނަންބަރު 4 އަށެވެ. ހަފުތާއަކު 180،000 ޕައުންޑްގެ މުސާރައެއް ލިވަޕޫލުން އޭނާއަށް ދޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް