އަވައްޓެރިޔާގެ ނަން އިނގޭތަ؟

ޖެހިގެން ހުރިގޭގެ ތެލި ފޫކަހާ އަޑަށް އަނެއްގެއިން ބަތްތައްޓެއް އެގެޔަށް ގެންދާ ވާހަކައަކީ އަވައްޓެރިކަމުގެ ގުޅުމުގެ ވާހަކަ ދައްކާއިރު އާ ވާހަކައެއް ނޫނެވެ. މިއީ އަވައްޓެރިކަމުގެ ގުޅުމުގެ ވާހަކަ ދައްކާ...

28 Dec 2017 | 04:11

ޖެހިގެން ހުރިގޭގެ ތެލި ފޫކަހާ އަޑަށް އަނެއްގެއިން ބަތްތައްޓެއް އެގެޔަށް ގެންދާ ވާހަކައަކީ އަވައްޓެރިކަމުގެ ގުޅުމުގެ ވާހަކަ ދައްކާއިރު އާ ވާހަކައެއް ނޫނެވެ. މިއީ އަވައްޓެރިކަމުގެ ގުޅުމުގެ ވާހަކަ ދައްކާއިރު އަބަދުވެސް އިވޭނެ އެއް މިސާލެވެ. އެއީ އެއްޒަމާނެއްގައި ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. މިހާރު އެއާދަ ކޮބައިބާއެވެ؟ ޖެހިގެން ހުރިގޭގެ އެންމެ މީހެއްގެވެސް ނަން ތިމާއަށް އިނގޭބާއެވެ؟

އަވައްޓެރިޔާގެ ނަން އެނގި ފެނިދެނިވެވުމަކީ މާލޭގައި ކުރާކަމެއް ނޫނޭ ވަރަށް ގިނަބަޔަކު ބުނާނެއެވެ. އަވަށްޓެރިޔާ އާއި ގުޅުން ބަދަހި ކުރާނީ ރާއްޖެތެރޭގެ ރަށްތަކުގައިކަމަށް ބުނާނެއެވެ. ނަމަވެސް ކޮންމެ ތަނެއްގައި ކޮންމެ ބިމެއްގައި އުޅުނަސްވެސް އަވައްޓެރިޔާއާއި ގާތް ގުޅުމެއް ބޭއްވުމަކީ ރީތި އާދައެކެވެ. އެދެވިގެންވާ ކަމެކެވެ. އަވައްޓެރިޔާއަށް ކަމޭހިތައި، ހާލުބަލައި، ހަދިޔާ ދިނުމަކީ އިސްލާމްދީނުގައި ބާރު އަޅާ ކަންކަމެވެ.

މާލޭގައިނަމަ ނުވަތަ މާލެފަދަ ތަނެއްގައިނަމަ ޖެހިގެން ހުންނަ އެޕާރޓްމެންޓުގެ މީހުންނަކީ އަވައްޓެރިންނެވެ. ތިރިއަށް އަދި މައްޗަށް ހުންނަ އެޕާރޓްމެންޓުގެ މީހުންނަކީވެސް އަވައްޓެރިންނެވެ. ވީމާ އެއީ ނުދަންނަ މުޅިން ބީރައްޓެހިން ކަމުގައި ނުހަދަމާ ހެއްޔެވެ؟ އަވައްޓެރިކަމުގެ ގުޅުން އުފެދޭނީ ކޮންމެވެސް އެއްބަޔަކު ފުރަތަމަ އިސްނަގައިގެންނެވެ. އަނެކާއާ ވާހަކަ ދެއްކުމަކީ އަދި ހަދިޔާ ދިނުމަކީ ނުވަތަ ގޭގައި މީރުކެއުމެއް ހަދައިފިނަމަ އެއިން ބައެއް އެމީހުންނަށް ދިނުމަކީ ލަދުވެތިވާންވީ ކަމެއްނޫނެވެ.

ހަމައެކަނީ މާލޭގެ ވާހަކަ ދައްކައިގެން ނިންމައިލެވޭކަށް ނެތެވެ. މާލެ ނޫނަސް ރާއްޖޭގެ އެހެނިހެން ރައްތަކުގައިވެސް ފަހަކަށް އައިސް ހީވަނީ އަވައްޓެރިޔާއާއި ފިލަން މަސައްކަތް ކުރާހެންނެވެ. އިސްކޮޅަށް ވުރެ މާމައްޗަށް ގޯތީގެ ވަށާފާރު ރާނައި އެކަކު އަނެކަކަށް އެކަހެރި ވަމުންދާ މަންޒަރު މިހާރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. "ބައެއް ކަންކަމުގައި" ޚިޔާލު ތަފާތުވާތީ އަވައްޓެރިޔާގެ މޫނު އޮޅިގެންވެސް ނުފެންނާނޭ ގޮތް ހަދަނީ ކަމަށްވެސް ވެދާނެއެވެ.

ރާއްޖޭގެ ގިނަ ރައްރަށުގައި މިހާރު ގިނަ މީހުން ހުންނަނީ އެމީހުންގެ އަވައްޓެރިޔާއާއި މޫނު ކެނޑިފައެވެ. ވެގެންވާނަމަ ދިރިއުޅޭނީ އެންމެން އެންމެނާ ސަތޭކައެއްހާ ފޫޓު ދުރު ދުރުގައި ގެއަޅައިގެންނެވެ. ނަމަވެސް އެއީ މީގެ އަހަރުތަކެއް ކުރިން އެއްޖޯލިފައްޗެއްގައި ތަފާތު އެކި މައުޟޫއަށް ވާހަކަދެއްކި އެކުވެރިންނެވެ. ބަދީގޭގައި މަސައްކަތް ކުރަމުންވެސް ފިރިންގެ ވާހަކައާއި ދަރިންގެ ވާހަކަ އަވައްޓެރިޔާގެ ގާތުގައި ދެއްކި އަންހެނުންނެވެ. ރޭގަ ނޑު ކައި ނިމިގެން އަވައްޓެރިޔާއާއި އެކުގައި ނޫނީ ދުފާނުލެވޭ ފިރިހެނުންނެވެ. މިހުރިހާ ކަމެއް މިއަދު ކޮބައިހެއްޔެވެ؟ ގިނަމީހުން ޚިޔާލު ތަފާތުވުމުގައި ހައްދުން ނައްޓައިގޮސް ހަމަ ހަގީގަތުގައިވެސް ތިމާއާއި އަވައްޓެރިޔާއާއި މެދުގައި ފާރެއްލަނީއެވެ.

މާލޭގައި ނުވަތަ މާލެފަދަ ތަންތަނުގައި އަވައްޓެރިޔާއާއި ގުޅުން ނުބާއްވަނީ އެއީ "ރަށު މީހަކަށް" ނުވީމައި ހެއްޔެވެ؟ ނުވަތަ "އަތޮޅު މީހަކަށް" ނުވީމައި ހެއްޔެވެ؟ މިއީ ޢުޒުރަކަށް ފުދޭވަރުގެ ސަބަބުތަކެއް ހެއްޔެވެ؟ އަވައްޓެރިޔާއާއި ގުޅުން ބަދަހި  ކުރުމުން އާޚިރަތުގައިވެސް މިދުނިޔޭގައިވެސް ފައިދާ ކުރާނީ ހަމަ ތިމާއަށެވެ. އަދި ތިމާގެ ބޮޑެތިވަމުން އަންނަ ދަރިންނަށް އެދައްކައި ދެވެނީ ނުލާހިކު ރިވެތި ނަމޫނާއެކެވެ.

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް