ހުޅުމާލެ ފޭސް ދޭކުގައި ދަރިވަރުންނަށް ޚާއްޞަކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން އިމާރާތްކުރި "އެކުވެހި" ދަނާލުގެ މަސައްކަތް ނިމި، ޖާގަ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިނަރެސް ޓަވަރުތައް ކައިރީގައި ހުންނަ މި އިމާރާތުގެ ކޮންމެ ކޮޓަރިއެއް ދޫކުރަނީ ދެ ދަރިވަރަކު އެކުގައި ދިރިއުޅެވޭ ގޮތަށެވެ. ކޮޓަރީގައި ކޮންމެ ދަރިވަރަކަށް ވަކި އެނދެއް ހުންނައިރު، ކިޔެވުމަށް ޚާއްޞަ މޭޒަކާއި ވަކި ކޮޓަރިއަކަށް ފާޚާނާއެއް ހުރެ އެވެ.
މީގެ އިތުރުން ހުރިހާ ދަރިވަރުންނަށް ބޭނުންކުރެވޭ ބަދިގެ ޖާގައެއް ހުރެއެވެ. އަންނައުނު ދޮވެ ހިއްކުމަށް ވެސް ވަކި ސަރަޙައްދެއް ޤާއިމުކޮށްފައިވެއެވެ.
ކިޔެވުމަށް ފަހި ވެށްޓެއް ޤާއިމުކުރުމުގެ ގޮތުން ކޯވޯކިން ސްޕޭސްއަކާއި މީޓިން ރޫމް ވެސް ހުރެއެވެ. ދަރިވަރުން ހިތްހަމަޖައްސައިލުމަށް ގޭމް ލައުންޖަކާއި އައުޓް ޑޯ ޖިމެއް ހުންނައިރު، ޓެރަސްއާއި ގޯތި ތެރޭގެ ހާމަ ޖާގައެއް ވެސް ބައްދަލުވުންތަކަށާއި އިށީނދެލައިގެން ތިބުމަށް ފަރުމާކޮށްފައިވެއެވެ.
އެ އިމާރާތުގައި ނަމާދުކުރުމަށް ވަކި ކޮޓަރިއެއް ހުންނައިރު، ޕާކިން ޖާގަ ހުންނާނެ އެވެ. ސެކިއުރިޓީއާއި ސާފުކުރުންވެސް ބަލަހައްޓާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.






އެޗްޑީސީން ބުނީ "މިތަން އިމާރާތްކޮށްފައި ވަނީ ދަރިވަރުންނަށް ހަމަޖެހިލައިގެން ފަސޭހަކަމާ އެކު، ދިރިއުޅެވޭނެ ގޮތް މަގުފަހިވާނެ ގޮތަށް" ކަމަށެވެ. އެތަނުން ޖާގަ ބޭނުންވާ ދަރިވަރުން ދައްކަން ޖެހެނީ 3،500 ރުފިޔާ އެވެ.
ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޕޯޓަލެއް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައި އެވެ. ޖާގަ ހޯދަން ހުށަހަޅާއިރު އައިޑީ ކާޑާއި ޕޮލިސް ރިޕޯޓާއި ކޮލެޖު ނުވަތަ ޔުނިވާސިޓީގެ ޕްލޭސްމެންޓް ލެޓާ ބޭނުންވާނެއެވެ. ޝަރުޠު ހަމަވާ ދަރިވަރުންގެ ތެރެއިން ޖާގަ ދޫކުރާނީ ހުށަހެޅި ތަރުތީބުންނެވެ.
މިއީ މާލެ ސަރަޙައްދުގައި ހުރިހާ ދަރިވަރުންނަށް ހުޅުވައިލައިގެން ހަދާ ފުރަތަމަ ދަނާލެވެ. މިހާރު ރަށްރަށުން މާލެއަށް ކިޔަވަން އަންނަ ދަރިވަރުން އެވެރެޖުކޮށް ކޮންމެ މަހަކު 4،000 ރުފިޔާ ކުއްޔަށް ހޭދަކުރާއިރު، ގިނަ ކުދިންތަކަކާ އެކު އެއް ކޮޓަރިއެއްގައި އުޅެން ޖެހޭ ދަތިކަމަށް މި ދަނާލާ އެކު ބޮޑު ލުޔެއް ލިބޭނެއެވެ.
އެޗްޑީސީން ތަރައްގީ ކުރި އެތަން މިހާރު ކުރިޔަށްދާ ވަރަ އެކްސްޕޯގެ ތެރެއިން އެކަމަށް އެދޭ ދަރިވަރުންނަށް ދައްކާލާގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް