ވޯލްޑް ބޭންކުން ކުރިއަށްގެންދާ ސާވޭ އެއްގައި، އެ ސާވޭ ރާއްޖޭގައި ކުރިއަށްގެންދާ ފަރާތުން ސިޔާސީ ސުވާލުތަކެއް ހިމަނައި އެ ސުވާލުތައް ސާވޭގައި ކުރި މައްސަލަ ފެންމަތިވެއްޖެ އެވެ.
މި މައްސަލަ ފެންމަތިވެފައިވާކަން ހާމަކޮށްފައިވަނީ ވޯލްޑް ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މާލީ ފުދުންތެރިކަމުގެ ތަފްސީލީ ދިރާސާއެއް ކުރިއަށް ގެންދިޔުމައްޓަކައި، ވޭތުވެދިޔަ ދުވަސްތަކުގައި ވޯލްޑް ބޭންކްގެ ނަމުގައި އަދި މިބޭންކުގެ އައިޑެންޓިފިކޭޝަން ބޭނުން ކުރެވި، ސާރވޭ ޓީމުތަކެއް ވަނީ މާލޭގެ ގިނަ އަދަދެއްގެ ގެތަކަށް ޒިޔާރަތްކޮށްފައި ކަމަށެވެ.
"މި ސާރވޭ ޓީމުތަކުގައި ހިމެނޭ މުވައްޒަފުންނަކީ، 'އެލީޓް އިންސްޓިޓިއުޓް' ގެ ލޯކަލް ޕާޓްނަރ، 'ގެލަޕް އިންކް' ގެ މުވައްޒަފުން ކަމުގައި ދަންނަވަމެވެ. މީގެ އިތުރުންވެސް، ސާރވޭ ޓީމުތަކުގެ މުވައްޒަފުން ސާރވޭ ކުރަމުން ގެންދަނީ ވޯލްޑް ބޭންކުގެ ''ގްލޯބަލް ފިންޑެކްސް ޑޭޓާބޭސް" އަށް ކަމުގައިވެސް ދަންނަވަމަވެ. 'ގްލޯބަލް ފިންޑެކްސް ޑޭޓާބޭސް' އަކީ މާލީ ފުއްދުންތެރިކަމާއި ބެހޭގޮތުން، ދުނިޔޭގެ އެންމެ މަޢުލޫމާތުގެ ގޮތުން މުއްސަނދި އެއް ޑޭޓާބޭސްއެކެވެ. މި ޑޭޓާބޭސްގައި މިހާރުވެސް އެކުލަވާލެވިފައިވާ މަޢުލޫމާތުތަކަކީ، 140 އަށް ވުރެ ގިނަ ގައުމުތަކުގައި، ޤައުމީ ފެންވަރުގައި ސާރވޭތަކެއް ކުރެވި، އެޤައުމުތަކުގެ އާންމު ފަރުދުން ފައިސާ ފަހަށް ރައްކާކުރުން، ލޯނުނެގުން، ޙަރަދު ކުރުން، އަދި މިނޫނަސް ރައްޔިތުންގެ މާލީ ގިނަ ހާލަތްތައް ދިރާސާ ކުރެވި، އެކުލަވާ ލެވިފައިވާ ޑޭޓާބޭސްއެކެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މާލީ ދަތިތަކާއި އުނދަގޫތައް ފުރިހަމަ ގޮތުގައި ދެނަގަނެ، ރައްކާތެރި މާލީ ނިޒާމެއް ރައްޔިތުންނައް ފޯރުކޮށް ދިނުމައް ބާރުއެޅުމުގެ މަގްސަދުގައި، މިއަހަރު، 'ފިންޑެކްސް ޑޭޓާބޭސް' ގައި ދިވެހިރާއްޖެ އަލަށް ހިމެނިގެންދާނެއެވެ. މި ސާރވޭގެ މަސައްކަތްތަކުގައި ދިވެހި ސަރުކާރާއި، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ވަރަށް ގާތުން އަދި ގުޅިގެން މިބޭންކުން މަސައްކަތްކުރާ ވާހަކަވެސް ދަންނަވަމެވެ." ވޯލްޑް ބޭންކްގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 'ފިންޑެކްސް ކުއެސްޝަނަޔަރ' އަކީ ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ތައްޔާރުކުރެވިފައިވާ، މާލީ ޙިދުމަތްތައް އެގައުމެއްގެ ހުރިހާ ފަރުދުންނަށް ރަނގަޅު ފެންވަރެއްގައި އަދި ފަސޭހައިން ލިބެންހުރިކަމައް ތަހްގީގްކުރެވޭނެ ގޮތައް، ސުވާލުތަކެއް ބިނާކޮށް، ތައްޔާރުކުރެވިފައިވާ ކުއެސްޝަނަޔަރެކެވެ. މި ސާރވޭ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިޔައްގެންދާ ސާރވޭއެކެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، އަންނަނިވި އެޑްރެހުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
http://www.worldbank.org/en/programs/globalfindex.
"ވޯލްޑް ބޭންކަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސާރވޭގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި، 'ފިންޑެކްސް ކުއެސްޝަނަޔަރ' ގައި ނުހިމެނޭ ސުވާލުތަކާއި މިބޭންކުގެ ދިރާސާގެ އިޖްރާއަތްތަކާއި ޙިލާފަށް، ސާރވޭގައި ޝާމިލްވި ފަރާތްތަކާއި ވަނީ ސުވާލުކޮށްފައެވެ. މި ސުވާލުތަކަކީ، މިބޭންކުގެ ދިރާސާއާއި ގުޅުން ނެތް، 'ގެލަޕް އިންކް' އިން ކުރިޔަށް ގެންދާ އެހެން ސާރވޭއެއްގައި ހިމެނޭ ސުވާލުތަކެކެވެ. މިގޮތުން، އިތުރުކުރެވިފައިވާ ބައެއް ސުވާލުތަކަކީ ސިޔާސީ ކުރެވިފައިވާ ސުވާލުތަކެއް ކަމައްވެސް މިބޭންކަށް ޤަބޫލުކުރެވެއެވެ. އަދި މިގޮތުން، މި މައްސަލަ ގާތުން ބެލުމަށް ކަމާ ބެހޭ ފަރާތްތަކާއި ހިއްސާކޮށް، 'ފިންޑެކްސް ސާރވޭ' އާއި ގުޅުންނެތް ސުވާލުތައް އުވާލުމަށް މިބޭންކުން ވަނީ އެ ފަރާތްތަކަށް ދަންނަވާފައެވެ" ވޯލްޑް ބޭންކްގެ ބަޔާނުގައި އިތުރަށް ބުނެފައި ވެ އެވެ.
ވޯލްޑް ބޭންކްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޢެ ބޭންކުގެ ދިރާސާއާއި ގުޅުންނެތް ސުވާލުތަކުގެ ސަބަބުން، މިދިރާސާގައި ޝާމިލްވި ފަރާތްތަކަށް ކުރިމަތިވި އުނދަގޫތަކާއި ތަކުލީފުތަކަށް، މިބޭންކުން ނިހާޔަތައް ހިތާމަކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް