އަންނަ މަހު ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރެއް ދީފައި ނުވޭ: މެޓް އޮފީސް

ރާއްޖެ އޮތް ސަރަހައްދަށް ޑިސެމްބަރު މަހު ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރު މި ސަރަހައްދުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ދީފައިނުވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެން...

28 Nov 2017 | 14:28

ރާއްޖެ އޮތް ސަރަހައްދަށް ޑިސެމްބަރު މަހު ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރު މި ސަރަހައްދުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ދީފައިނުވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.

މެޓް އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި މިހެން ބުނެފައިވާއިރު އެ ނޫސް ބަޔާން ނެރުނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަންނާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް ބައެއް އޮންލައިން ނޫސްތަކުން ހާމަކޮށްފައިވުމުން ކަމަށް މެޓް އޮފީހުން ބުނެފައި ވެ އެވެ.

މެޓް އޮފީހުގެ ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން 24 ގަޑިއިރު މޫސުމާއިބެހޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރަމުން އަންނަ ކަމަށާއި އަދި ރާއްޖޭގެ ސަރަހައްދުގައި ތޫފާނެއް އުފެދުމުގެ ފުރުސަތު އޮތްނަމަ އެ އިދާރާއިން ދުރާލާ އެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

"ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މި ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ" މެޓް އޮފީހުގެ ބަޔާނުގައި ބުނެފައި ވެ އެވެ.

މީޑިއާތަކުން މޫސުމާއިބެހޭ މައުލޫމާތު ހާމަކުރައްވާއިރު އެ އިދާރާއާއި މަޝްވަރާ ކުރައްވައި ސައްހަ މައުލޫމާތާއި ހަބަރު ފެތުރުއްވުމަކީ އެ އިދާރާގެ ވަރަށް ބޮޑު އެދުމެއް ކަމުގައިވެސް މެޓް އޮފީހުގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

މެޓް އޮފީހުން މި ނޫސްބަޔާން ނެރެފައިވާއިރު މި ނޫހުގައި މިއަދު ވާނީ މިކަމާއި ގުޅޭ ހަބަރެއް ގެނެސްދީފަ އެވެ. ނަމަވެސް އިންޒާރެއްގެ ވާހަކަ އެ ހަބަރުގައި ބުނެފައި ނުވާނެ އެވެ. އެ ހަބަރަކީ ދަ ނިއުން އިންޑިއަން އެކްސްޕްރެސްގައި ޝާއިޢު ކޮށްފައިވާ ހަބަރެއްގެ ތަރުޖަމާ އެވެ. އެ ހަބަރުގައި ބުނެފައިވާނީ ލަންކާ، ރާއްޖެ އަދި އިންޑިއާ ހިމެނޭ ސަރަހައްދުގައި ޑިސެމްބަރު ހަތަރެއްހާ ހިސާބުގައި ތޫފާނެއް އުފެދިދާނެ ކަމުގެ އަންދާޒާ އިންޑިއާގެ ރީޖަނަލް މީޓިއޮރޮލިކަލް ސެންޓަރުން ކުރާ ކަމަށެވެ.

ނިއު އިންޑިއަން އެކްސްޕްރެސްގައި ވާހަބަރުގައިވެސް ރާއްޖެއަށް އެއްވެސް އިންޒާރެއް ދީފައި ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް