ދައުލަތުގެ އޮފިޝަލުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލައިފި އެވެ.
މި ހަބަރު ސަން އޮންލައިންގައި ޝާއިޢު ކޮށްފައިވާއިރު ބުނެފައިވަނީ ރިޔާޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަންބަރުގެ ދަށުން ކަމަށް ޕީޖީގެ އޮފިޝަލަކު ސަން އަށް ބުނެފައި ވާކަމަށެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ނަމަވެސް އެ މައްސަލައިގެ ތަފްސީލު އަދި ހިއްސާކުރެވެން ނެތް ކަމަށް އެ އޮފިޝަލް ވިދާޅުވި ކަމުގައިވެސް ސަންގައި ރިޕޯޓް ކޮށްފައި ވެ އެވެ.
"ސަން"ގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު މާވެގޮމަގުން އޭނާ ހައްޔަރުކޮށް، ފޯނު ހިފަހައްޓައި ޗެކްކުރުމުން އެއިން ދައުލަތުގެ މުވައްޒަފަކާ ރިޔާޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަން "ސަން" އަށް ވަނީ އެނގިފަ އެވެ.
ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެމަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައިނަމަވެސް ދައުލަތުގެ މުވައްޒަފަކާ އެކު މުވާސަލާތެއް ހިންގުމަކީ ކުށެއް ކަމަށެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް