ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ޑިފެންސް މިނިސްޓަރ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި މި ދަތުރުފުޅަކީ މިމަހު 26 ވަނަ ދުވަހު "ޑިފެންސް މިނިސްޓަރސް އޮފް ދަ އިސްލާމިކް ކޯލިޝަން ފޮރ ކޮމްބެޓިންގ ޓެރަރިޒަމް" މަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މި މަހާސިންތާގައި އިސްލާމީ ޤައުމުތަކުގެ ގުޅުންތައް ބަދަހިކުރުމާއި އެކަތިގަނޑެއްގެ ގޮތުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ޓެރަރިޒަމްގެ ނުރައްކާތެރިކަން ނައްތާލުމަށް އިސްލާމީ ކޯލިޝަންގައި ހިމެނޭ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށްވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަދެކެވިފައެވެ.
މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ އަރިހުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑައިރެކްޓަރ ޖެނެރަލް އޮފް ކައުންޓަރ ޓެރަރިޒަމް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް، ކާނަލް ޢަބްދުލްމަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް