ކާތަކެތީގައި މެހި ޖެއްސުން: ފޮޅާލައިގެން ފަރުޖެއްސޭކަށް ނެތް، ފުރާނައަށް ނުރައްކާވެދާނެ: ދިރާސާ

ދާދި މިދާކަށް ދުވަހަކު ފުރަ މާލޭގައި އައިޖީއެމް ސަހައްދުގައި ހުރި ސައި ހޮޓަލަކަށް އިރު އޮއްސުނު ފަހުން އާއިލާ ދެ މެމްބަރަކާއެކު ވަދެލީ ސައިތައްޓެއް ބޯލުމުގެ ނިޔަތުގަ އެވެ. ނަގަން ބޭނުންވާ ހެދިކާ ވެއިޓ...

27 Nov 2017 | 21:20

ދާދި މިދާކަށް ދުވަހަކު ފުރަ މާލޭގައި އައިޖީއެމް ސަހައްދުގައި ހުރި ސައި ހޮޓަލަކަށް އިރު އޮއްސުނު ފަހުން އާއިލާ ދެ މެމްބަރަކާއެކު ވަދެލީ ސައިތައްޓެއް ބޯލުމުގެ ނިޔަތުގަ އެވެ.

ނަގަން ބޭނުންވާ ހެދިކާ ވެއިޓަރަށް ދައްކާލުމުން ނަގައިގެން ގެނެސްދޭ އެ ހޮޓަލުގައި ހެދިކާ އަތުރާފައި ހުރި އޭރިއާއަށް ނަޒަރު ހިންގާލިއިރު މުޅި ސަރަހައްދުގައި އޮތީ މެއްސޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ހެދިކާ ތަކުގައިވެސް މެހި ޖައްސަމުން ދިޔަ އެވެ. ހާއްސަކޮށް ފޮނި ހެދިކާ ތަކުގައި މެހި ޖައްސާ އަދަދު ގިނަކަން ފާހަގަ ކުރެވުނެވެ.

ހެދިކާތަކުގައި އެހާ ގިނަ މެހި ޖައްސާ މަންޒަރު ހަމަ ގައިމުވެސް ފެންނާނީ ހަމަ އެކަނި އަހަރެންނަކަށް ނޫނެވެ. ހެދިކާ ނަގައިގެން ހޮޓާ ފުރި ބާރުވާންދެން ސައިބޯން އިށީނދެ ތިބި އެންމެންނަށްވެސް އެ މަންޒަރު ފެންނާނެ އެވެ. ސޭޓަކަށް ހުރި މީހާ ގާތު އެވާހަކަ ބުނުމުން ވެއިޓަރަށް ގޮވާލާފައި މެހި ފޮޅާލަން ބުނެ އެވެ. ވެއިޓަރަކަށް އަނގައިން އަޑެއް އިއްވާލާ މެހި ފޮޅާލުމަށްފަހު އަނެއްކާވެސް ހެދިކާ ސާވް ކުރުމުގެ މަސައްކަތައިގެން ކުރިއަށް ދެ އެވެ.

އެ ހޮޓަލުގެ ތެރެއިން ދެ ފޮޓޯއެއް ނެގީމެވެ. އެއީ ފޮނި ބޯކިބާ އެއްޗެއްގައި މެހި ޖައްސާފައިވާ ފޮޓޯއަކާއި ހޮޓަލުގައި މީހުން ފުރި ބާރުވެފައިވާ މަންޒަރުގެ ފޮޓޯ އެކެވެ.

------------------------------------

މި ވާހަކަ މި އާޓިކަލްގައި މި ހިމަނާލީ އެމެރިކާގެ ޔުނިވާސިޓީއެއް ކަމުގައިވާ ޕެންސްޓޭޓް އެލްބަލީ ކޮލެޖް އޮފް ސައިންސްގެ ރިސާޗް ޓީމަކުން މި މަހު އާންމު ކުރި ދިރާސާއެއްގެ ހަބަރު ފެނުމާއެކު މާލޭ އެ ހޮޓަލުގެ ހާދިސާ ހަނދާނަށް އައުމުންނެވެ.

އެ ދިރާސާގައި ބުނެފައިވަނީ މެހި މާބުރު ފަދަ ސޫފިތަކުގައި ނުރައްކާތެރި ބެކްޓީރިއާ ހުންނަ މިންވަރު ކުރިން އަންދާޒާ ކުރެވިފައި އޮންނަ މިންވަރަށްވުރެ މާ ގިނަ ކަމަށެވެ. ނުރައްކާ މާ ބޮޑު ކަމަށެވެ.

އާންމުކޮށް ގޭ ތެރޭގައި އުޅޭ މެހީގައި ސަލްމޮނެއްލާ، އީ-ކޮލީ އަދި އެތައް ނުރައްކާތެރި ބެކްޓީރިއާއެއް އުފުލާ ކަމަށް އެ ދިރާސާގައި ބުނެފައި ވެ އެވެ. އަދި އެފަދަ މެހި ޖައްސާފައި ހުންނަ ކާތަކެތި ކެއުމުގެ ސަބަބުން ބައެއް ފަހަރު ފުރާނައަށް ނުރައްކާ ވާވަރުގެ ބަލިތައްވެސް ޖެހުން އެކަށީގެންވާކަމަށް އެ ދިރާސާގައި ބުނެފައި ވެ އެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިޥާގޮތުގައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކުގައި ދިރިއުޅޭ މެހި މާބުރު ފަދަ ސޫފިތަކުގައި ބެކްޓީރިއާ އުފުލާ އަދަދު ގިނަ އެވެ. އަދި މީހުން މަދުން އުޅޭ ސަރަހައްދުތަކުން ފެންނަ މެހި މާބުރު ފަދަ ސޫފިތަކުގައި ބެކްޓީރިއާ އުފުލާ މިންވަރު ނިސްބަތުން މަދު ކަމަށާއި އެހެންކަމުން މީހުން ގިނަ ސަރަހައްދުތަކުގައި ކެއުން ބުއިމަށް އިންސާފުކުރާއިރު ސަމާލުކަން ދިނުމަށް އެ ދިރާސާގައި އިލްތިމާސް ކޮށްފައި ވެ އެވެ.

މި ދިރާސާކުރުމުގައި ބައިވެރިވި ޕްރޮފެޝަރެއް ކަމުގައިވާ ޑރ ޑޮނާލްޑް ބްރްޔާންޓް ބުނެފައިވަނީ މެހި ފަދަ ސޫފިތަކުން ބަލި ފަތުރާކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި ނަމަވެސް އެކަމުގެ ހުރި ނުރައްކާ ގިނަ ބަޔަކަށް ނުއެނގޭ ކަމަށެވެ.

މި ދިރާސާ ކުރުމުގައި އެ ޓީމުން ވަނީ މެހީގެ ދެ ވައްތަރެއް ކަމުގައިވާ "މުސްކާ ޑޮމެސްޓިކާ" (އާންމުކޮށް ފެންނަ މެހި) އަދި "ކްރިސޯމްޔާ މެގަސެފާލާ" (މާބުރު) ގެ ޑީއެންއޭ ސީކްއެންސް ޓެކްނީކް މެދުވެރިކޮށް ސާމްޕަލްތަކެއް އެއްކޮށް ދިރާސާކޮށްފަ އެވެ. މި ދެ ވައްތަރަކީ ރާއްޖެއިންވެސް ގިނަ އަދަދަކަށް ފެންނަ ދެ ވައްތަރެވެ.

ކުރި ދިރާސާގެ ނަތީޖާއަށް ބަލާއިރު އާންމުކޮށް ފެންނަ ވައްތަރުގެ މެހި، 315 އަށްވުރެ ގިނަ ބެކްޓީރިއާ އުފުލާކަމުގައި ދިރާސާއިން ދައްކާފައި ވެ އެވެ. އަދި މާބުރު 316 އަށްވުރެ ގިނަ ވައްތަރުގެ ބެކްޓީރިއާ އުފުލާ ކަމަށް އެ ދިރާސާއިން ދައްކާފައި ވެ އެވެ.

މީގެ އިތުރުން އެ ޓީމުން ވަނީ މެހި އަދި މާބުރުގެ އެކި ގުނަވަންތައްވެސް ވަކިން ދިރާސާކޮށްފަ އެވެ. މެހީ މާބުރުގެ ފަޔާއި ފިޔަގަނޑު ވަކިން ދިރާސާ ކޮށްފައިވާއިރު މެހި މާބުރު ބެކްޓީރިއާ އުފުލަނީ ބޮޑުކަމުދާ ތަކެތިންނާއި ފަނާވެ ކުނިވަމުން އަންނަ ތަކެތިން ކަމުގައި އެ ދިރާސާގައި ބުނެފައި ވެ އެވެ.

މި ދިރާސާ ކުރިއަށްގެންދިއުމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. ސްޓެފެން ކަސްޓާ ބުނެފައިވަނީ މެހި މާބުރު އެންމެ ގިނައިން ބެކްޓީރިއާ އުފުލަނީ އޭގެ ފައިން ކަމަށާއި ކާއެއްޗެއްގައި އެންމެ ފަހަރަކު މެއްސެއް ޖެއްސުމުންވެސް އެ އެއްޗަކަށް ބެކްޓީރިއާ ދައުރުވުން އެކަށީގެންވާކަމުގަ އެވެ.

-----------------------------------------------

މިއީ މިފަދަ ދިރާސާއެއް ބަޔަކު އާންމުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިފަދަ އެތައް ދިރާސާއެއް މީގެ ކުރިންވެސް އާންމުކޮށްފައި ވެ އެވެ. ނަމަވެސް ހިތާމައަކީ ބައެއް ފަރާތްތަކުން ކާތަށީގައި މެހި ޖައްސާ މަންޒަރު ހާމައަށް ފެނުމުންވެސް ފޮޅާލާފައި ކެއުން ކުރިއަށް ގެންދާ ކަމެވެ. ބައެއް ސައި ހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި ހެދިކާގައި އިންތިހާއަށް މެއްސާއި މާބުރު ޖެއްސި ނަމަވެސް އަދި އެ މަންޒަރު ފެނުނު ނަމަވެސް އެ ތަކެތި ކެއުމުގައި ސަމާލު ނުވާ ކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް