ސްޕެއިންގައި ދެ ރޭލު އެކްސިޑެންޓުވި ސަރަސހައްދު --
ސްޕެއިނުގެ ޓޮލީޑޯ ޕްރޮވިންސުގައި ހައި ސްޕީޑް ދެ ރޭލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 46 މީހަކު މަރުވެއްޖެއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ރޭލުވެސް ދުއްވާފައި ދިޔައީ އެއް މިސްރާބަށެވެ. ފަހަތުން އައި ރޭލު ކުރީގައި އޮތް ރޭލުގެ ފަހަތު ބައިގައި ޖެހި، ދެ ކެރެޖެއް ދަގަނޑު މަގުން ނައްޓައިގެން ގޮސްފައިވެއެވެ.
ސްޕެއިނުގެ ރެއިލް އިންފްރާސްޓްރަކްޗާ ބެލެހެއްޓުމާ ހަވާލުވެ އޮތް އެޑިފް އިން ބުނީ "މެޑްރިޑް-އެންޑަލޫޝިއާ ހައި ސްޕީޑް ރެއިލް ލައިނުގެ ދަތުރުތައް ވަނީ ދެ ރޭލެއްގެ ފަހަތުގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން މެދުކަނޑާލެވިފައި" ކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި އޮންނަ ލޮސް ޔޭބެނެސް އަވަށުގެ މޭޔަރު ހޭސޫސް ޕެރެޒް ޓީވީއީ އާ ވާހަކަ ދައްކަމުން ބުނީ ބައެއް ދަތުރުވެރީންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ހާދިސާގައި އަނިޔާ ލިބުނު ދަތުރުވެރީން ބައިތިއްބުމަށް ކައިރީގައި ހުރި ކުޅިވަރު ހޯލެއް ތައްޔާރުކޮށްދިނުމަށް ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީތަކުން ރަށު ކައުންސިލުގައި އެދިފައިވާ ކަމަށް ވެސް ޕެރެޒް ބުންޏެވެ.
ކެސްޓީޔާ-ލަ މަންޗާ ސަރަހައްދީ ސަރުކާރުގެ ވެރިޔާ އެމީލިއާނޯ ގާސިއާ-ޕޭޖް ބުނީ އެހީގެ މަސައްކަތަށް ގާތްގަނޑަކަށް 100 މުވައްޒަފުން ފޮނުވާފައިވާ ކަމަށެވެ.
އެހީގެ އޮޕަރޭޝަނުގައި ހަތް ފަޔާ ސާވިސް އުޅަނދާއި 16 އެމްބިއުލާންސް އަދި ޚާއްޞަ ރެސްކިއު ޓީމުތައް ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން މެޑްރިޑްގެ އެޓޯޗާ ސްޓޭޝަނުގައި ޤާއިމުކުރި ކްރައިސިސް ރޫމުގައި ސާމޫރް-ޕީސީ ގެ ދެ ސައިކޮލޮޖިސްޓުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް