ގިނަ އަންހެނުންނަށް ފާހަގަނުވާ އުރަމަތީގެ ކެންސަރުގެ ހަތް ނިޝާން!

28 Oct 2026 | 11:07
ގިނަ އަންހެނުންނަށް ފާހަގަނުވާ އުރަމަތީގެ ކެންސަރުގެ ނިޝާންތަކެއް ހުރޭ --

ގިނަ އަންހެނުންނަށް ފާހަގަނުވާ އުރަމަތީގެ ކެންސަރުގެ ނިޝާންތަކެއް ހުރޭ --

އުރަމަތީގައި ގަނޑެއް އުފެދުމުގެ ކުރިން ހަންގަނޑާއި ވައްތަރާއި ކައިރި ހިސާބުތަކުން ފެންނަ ކުދި ބަދަލުތައް ކެންސަރުގެ ފުރަތަމަ އިންޒާރަކަށް ވެދާނެ ކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ލަފާކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ދުނިޔެއިން 2.4 މިލިއަން އަންހެނުންނަށް ވަނީ އުރަމަތީގެ ކެންސަރު ދެނެގަނެވިފައެވެ.

އުރަމަތީގެ ކެންސަރޭ ބުނާއިރު ގިނަ ބައެއްގެ ހިތަށް ސިފަވަނީ ގަނޑެކެވެ. ނަމަވެސް ކެންސަރުގެ ބައެއް ނިޝާންތައް ގަނޑެއް ނެތިވެސް ފެނިދާނެއެވެ. ހަމުގައި އެއް ތަނެއް ވަދެގެން ދިއުން، އުރަމަތީވެ ވައްގަނޑަށް ބަދަލު އައުން، ނުވަތަ ކިހިލިފަތް ދޮށް ދުޅަވުން ފަދަ ބަދަލުތަކީ ބައެއް ފަހަރު ބޮޑު ކަމެއްގެ ކޮޅުމައްޗެވެ.

އިންޑިއާގެ ނިއު ދެއްލީގެ މަނީޕާލް ހޮސްޕިޓަލްގެ ކެންސަރު ސެންޓަރުގެ ޗެއާމަން ޑރ. ސުރެންދާ ކުމާރު ދާބާސް ވިދާޅުވާ ގޮތުގައި އުރަމަތީގެ ކެންސަރުގެ އަލާމާތްތަކުގެ ގޮތުގައި މުހިންމު ހަތް ކަމެއްވެ އެވެ.

އޭގެ ތެރޭގައި ކުއްލިއަކަށް އުރަމަތީގެ ސައިޒަށް ނުވަތަ ބައްޓަމަށް އަންނަ ބަދަލު، ހަންގަނޑު ވަދެގެން ގޮސް އޮރެންޖު ތޮށިގަނޑެއް ފަދައިން ފެނުން، ރަތްވެފައި އެ ރަތްކަން ނުފިލައި ހުރުން، ވައްގަނޑު ކުއްލިއަކަށް އެތެރެއަށް ވަނުން ހިމެނެ އެވެ. އަދި ވައްގަނޑު ވަށައިގެން ހިކިފައި ކުރަ ލުމާއި ގާތުންދޭ ދުވަސްވަރެއް ނޫނީ ލޭ ފަދަ ދިޔައެއް ބޭރުވުން އަދި ކިހިލިފަތް ދޮށް ނުވަތަ ކޮނޑުހުޅާ ކައިރި ދުޅަވެ ގަނޑެއް ފެނުން ހިމެނެއެވެ.

ހަމުގެ ކުލަ ކަޅު މީހެއް ނަމަ ރަތްކަމަށްވުރެ ހަންގަނޑުގެ ޓެކްސްޗާ ބަދަލުވުމާއި ދުޅަވުން ފާހަގަކުރަން ފަސޭހަ ވެދާނެ ކަމަށް ޑރ. ދާބާސް ފާހަގަކުރައްވައެވެ. ސީދާ އުރަމައްޗަށް އެކަނި ނުބަލައި ކައިރި ހިސާބުތަކުން ފެންނަ ދުޅަވުމަށް ވެސް ސަމާލުކަން ދިނުން މުހިންމެވެ.

ޑރ. ސުރެންދާ ވިދާޅުވިގޮތުގައި ހޭލުންތެރިކަމާއި ފަރުވާ ހޯދުމާ ދެމެދު ބޮޑު ފަރަގެއް ހުންނަ ކަމަށެވެ. ދުރާލާ މިފަދަ ކަންކަން ފާހަގަވެ ފިޔަވަޅު އެޅޭނަމަ ވަގުތު އޮއްވަ ފަރުވާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އުރަމައްޗަށް އަންނަ ބަދަލުތަކުގައި ގިނައީ ކެންސަރު ނޫން ނަމަވެސް، ސީދާ ސަބަބު ޔަގީން ކުރެވޭނީ ހަމައެކަނި ރަނގަޅު ޞިއްޙީ ފަރުވާއަކުން ކަމަށް ވާތީ، ބަދަލެއް ފާހަގަވާ ހިސާބުން ލަސްނުކޮށް ފަރުވާ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް