މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާޓްނަރަކަށް ޔޫއެންޑީޕީ

28 Oct 2026 | 10:14
މިދިޔަ އަހަރުގެ ފައިނޭންސް ފޯރަމްގެ ތެރެއިން -- ފޮޓޯ: ޕެންޝަން އޮފީސް

މިދިޔަ އަހަރުގެ ފައިނޭންސް ފޯރަމްގެ ތެރެއިން -- ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާޓްނަރެއްގެ ގޮތުގައި ޔޫއެންޑީޕީ މޯލްޑިވްސް ބައިވެރިވެއްޖެ އެވެ.

މިއަހަރުގެ ފޯރަމް ކުރިޔަށް ގެންދަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިޢާރުގެ ދަށުންނެވެ. މިއަހަރު ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުންނާއި މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުރުން ދިވެހި އަދި ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

މި ފޯރަމްގައި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ދިގު މުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާކުރާނެއެވެ.

ޕެންޝަން އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ގްރީން ފައިނޭންސް ބާޒާރު ތަރައްޤީކުރުމާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދުމާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށް ގެންދެވޭނެއެވެ. މެންބަރުންގެ ރިޓަޔަމަންޓް ސޭވިންގްސް ދިގު މުއްދަތަށް އިންވެސްޓްކުރާ މުއައްސަސާއެއްގެ ހައިސިއްޔަތުން، ވިލުންވެރި އިޤްތިޞާދެއް ބިނާކުރުމާއި ފުޅާ އިންވެސްޓްމަންޓް ބާޒާރެއް އުފެއްދުމަކީ ޕެންޝަން އޮފީހުގެ މަސައްކަތާ ސީދާ ގުޅިފައިވާ ކަންކަމެވެ.

މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން ހޯދުމާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަކީ ޔޫއެންޑީޕީ މޯލްޑިވްސްގެ ލަނޑުދަނޑިތަކާ ވެސް ގުޅިފައިވާ ކަމެކެވެ. ގްރީން ފައިނޭންސް ފުރުޞަތުތައް ފަހިވުމުން ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކަށް ފައިސާ ހޯދުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް އެ ފޯރަމް އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ފޯރަމްގެ މިއަހަރުގެ ބައްދަލުވުމަކީ 13 ވަނަ ބައްދަލުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް