ދައުލަތުގެ އިސް މަގާމުތަކެއްގެ މުސާރައާއި އެލަވަންސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މުސާރަ ބޮޑުކުރަން ފާސްކުރީ މަޖިލީހުގެ ރައީސް، މިނިސްޓަރުންގެ ކާރު އެލަވަންސް، ކައުންސިލަރުންގެ މުސާރައިގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތަކެވެ.
މަޖިލީހުގެ ރައީސާއި މިނިސްޓަރުންނާއި ކައުންސިލަރުންގެ މުސާރައާ ގުޅޭ ގޮތުން ނެގި ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ފާސްކުރުމަށް ވޯޓު ދެއްވިއިރު، 12 މެންބަރަކު ވޯޓު ދެއްވީ ނުފެންނަ ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ މުސާރައާ ބެހޭ ވޯޓުގައި ވެސް 52 މެންބަރުންގެ ތެރެއިން 42 މެންބަރަކު ތާއީދުކުރައްވައި 12 މެންބަރަކު ދެކޮޅު ހެއްދެވިއެވެ.
މާލިއްޔަތު ކޮމިޓީން ކުރިން ނިންމާފައި އޮތީ، ނައިބު ރައީސަށް ވުރެ މަޖިލީހުގެ ރައީސްގެ މުސާރަ ކުޑަވާތީ 22،000 ރުފިޔާގެ އެލަވަންސެއް ކަނޑައެޅުމަށެވެ. އެ ބަދަލާ އެކު މަޖިލީހުގެ ރައީސަށް ޖުމުލަ 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓަރުންނަށް މިހާރު މުސާރައިގެ ގޮތުގައި 59،500 ރުފިޔާ ލިބެމުންދާއިރު، ޑްރައިވަރު އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކުރުމަށް ވެސް ފާސްކޮށްފައިވެއެވެ. ކައުންސިލް ރައީސުންގެ މުސާރަ 30،500 ރުފިޔާއަށް، ނައިބު ރައީސުންގެ މުސާރަ 25،000 ރުފިޔާއަށް، އަދި މެންބަރުންގެ މުސާރަ 23،000 ރުފިޔާއަށް ބޮޑުކޮށް ކޮންމެ ކައުންސިލަރަކަށް 5،000 ރުފިޔާގެ ޚިދުމަތުގެ އެލަވަންސެއް ވެސް ވަނީ ހަމަޖައްސައިފައެވެ.
އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް މުރާޖައާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުވުމުން އުއްތަމަ ފަނޑިޔާރުގެ މުސާރަ އެއަށް ވުރެ ކުޑަވާތީ، ޚާއްޞަ އެލަވަންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށް ކޮމިޓީން ނިންމައި، މިއަދު ތަޅުމުން ފާސްކޮށްފައިވެއެވެ. މި ބަދަލާ އެކު އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ 91،000 ރުފިޔާއާ އެކު ޖުމުލަ 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް