ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެއް ފްލައިޓަކުން ރާއްޖެ އައި ނޭޕާލްގެ ދެ މީހެއްގެ ހަށިގަނޑުން ޖުމްލަ 142 ބުލެޓު މަސްތުވާތަކެތި ފެނިގެން، ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ބަންދު އަމުރުތަކުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ނޭޕާލްގެ 47 އަހަރުގެ ފިރިހެނެއް ކަމަށްވާ ނިއްކަ ތަމަންގް އާއި 40 އަހަރުގެ އަންހެނެއް ކަމަށްވާ އިތްރާނީ ގަލެއެވެ. ދެ މީހުން ވެސް ރާއްޖެ އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓް ނަންބަރު އެފްޑީ571 ގައެވެ. ރާއްޖެ ފައިބައި އަމަލުތައް ހުރި ގޮތުން ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ތުހުމަތުކުރެވިގެން ދެ މީހުން ވެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ސްކޭންކުރި ކަމަށް ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގައި ބުނެފައިވެއެވެ. ސްކޭންތަކުން ދެ މީހުންގެ ހަށިގަނޑުގައި ވެސް ފޮރިން ބޮޑީސް ހުރި ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.
ނިއްކަ ތަމަންގް ބޮޑުކަމު ދިޔަ ތަކެތީގެ ތެރެއިން 89 ބުލެޓު ފެނިފައިވާ އިރު، އެ ތަކެތީގެ ބަރުދަނުގައި 708.2 ގްރާމް ހުރި ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ. އެ ތަކެތި ޑައަމޯފިން އާއި ޑައެޒެފާމް އަށް ޕޮޒިޓިވްވެފައިވާ އިރު، އޭނާގެ ކުޑަކަމުދާ ތަކެތި ކޮކޭން އަށް ވެސް ޕޮޒިޓިވްވެފައިވެއެވެ. އިތްރާނީ ގަލެގެ ހަށިގަނޑުން ނެރެވުނީ 53 ބުލެޓެވެ. އެ ތަކެތީގައި 475.6 ގްރާމް ހުރި އިރު، ކޮކޭން އާއި މޯފިން އާއި ކޯޑީން އަށް ޕޮޒިޓިވްވެފައިވެއެވެ.
ދެ މީހުން ވެސް ސުވާލުކުރުމުން ބުނެފައިވަނީ ފެނުނު ތަކެއްޗަކީ ބެންކޮކުން ދިމާވި ޕާކިސްތާނު މީހަކު ރާއްޖެ ގެނައުމަށް ހަވާލުކުރި ތަކެތި ކަމަށެވެ.
ދެ މީހުންގެ މައްޗަށް ވެސް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ސްމަގުލްކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް