އިންޖީނަކާއި ޑިންގީއެއް ވިއްކާނެކަމަށްބުނެ މާކެޓްޕްލޭސްގައި ސްކޭމެއް ހިންގައި 60 ހާސް ރުފިޔާ ހޯދި ތިން މީހަކު ހައްޔަރު

ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނަކާއި ޑިންގީއެއް ވިއްކާ ކަމަށް ބުނެ މަކަރުން 60,000 ރުފިޔާ ހޯދި ނ. އަތޮޅުގެ ތިން މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.

28 Oct 2026 | 07:27
އިންޖީނަކާއި ޑިންގީއެއް ވިއްކާނެކަމަށްބުނެ މާކެޓްޕްލޭސްގައި ސްކޭމެއް ހިންގައި 60 ހާސް ރުފިޔާ ހޯދި ތިން މީހަކު ހައްޔަރު

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ ފައިސާ ހޯދި ދެ މައްސަލައެއްގައި ނ. އަތޮޅުގެ ތިން މީހަކު މި އޮކްޓޫބަރު މަހު ހައްޔަރުކޮށްފިއެވެ.

އެ ތިން މީހުންނަކީ ނ. ހޮޅުދޫ، ހީނާގެ، އަލީ އައްފާން (32 އަހަރު) އާއި ނ. ހޮޅުދޫ، ޕްލާޒާ، މުހައްމަދު ހަމީދު (34 އަހަރު) އަދި ނ. ވެލިދޫ، ވީނަސް، ހައްސާނު އަލީ (34 އަހަރު) އެވެ. ފުރަތަމަ މައްސަލައިގައި އައްފާނާއި ހަމީދު ބައިވެރިވެފައިވާ އިރު، ދެވަނަ މައްސަލައިގައި ހިމެނެނީ ހައްސާނެވެ.

އައްފާނާއި ހަމީދު 2026 ވަނަ އަހަރުގެ އޮގަސްޓް ހަތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާ ކަމަށް އިޝްތިހާރުކޮށް، މަކަރާއި ހީލަތުން 30,000 ރުފިޔާ ހޯދި ކަމުގެ ތުހުމަތު ކުރެވެއެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ނ. ހޮޅުދޫއިން ހައްޔަރުކުރީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ހައްސާނުގެ މައްސަލައިގައި ސެޕްޓެމްބަރު ދެވަނަ ދުވަހު ފޭސްބުކް މާކެޓް ޕްލޭސް އިން ދިމާވި މީހެއް ގާތުގައި ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރުން 30,000 ރުފިޔާ އަތުލި ކަމަށް ތުހުމަތު ކުރެވެއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ނ. ވެލިދޫއިން ހައްޔަރުކުރީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ކޯޓުން ވަނީ އޭނާ ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި ދެ މައްސަލައިގައި ވެސް ޖުމްލަ 60,000 ރުފިޔާ މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް