ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރުންގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑެއް ދީފި

28 Oct 2026 | 04:25
ފޮޓޯ: ދިރާގު

ފޮޓޯ: ދިރާގު

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމުގައި ބައިވެރިވާ ވިޔަފާރި ޕާޓްނަރުންގެ އެއްބާރުލުމުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދީފި އެވެ.

މި އެވޯޑު ދިނުމުގެ ހަފްލާ ބޭއްވީ ފޭދޫ ފިނޮޅުގައި ހިންގާ ދުސިތް ޑީ2 ރިސޯޓުގައި އެވެ.

އެ ހަފްލާގައި ދިރާގުން ވަނީ އެލީޓް ކްލަބް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ޕާޓްނަރުންނަށް ޝުކުރުގެ އެވޯޑެއް ހަވާލުކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެ ކްލަބުން ރާވާފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ވެސް ޕާޓްނަރުންނާ ހިއްސާކޮށްފައިވެއެވެ.

މި ވަގުތު 100 އަށް ވުރެ ގިނަ ވިޔަފާރިން އެ ކްލަބް މެދުވެރިކޮށް ކަސްޓަމަރުންނަށް ތަފާތު ފުރުސަތުތައް ފޯރުކޮށްދެމުން ގެންދެއެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ ޢަލީ ރިޔާޒް ވިދާޅުވީ "2013 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް، އެލީޓް ކްލަބަކީ ކަސްޓަމަރުންގެ މެދުގައި މިހާ ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ޕްރޮގްރާމަކަށް ވެގެން ގޮސްފައިވަނީ، އެލީޓް ޕަރޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް ގިނަ އަގުހުރި ފުރުސަތުތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރެވިފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ އަމާޒަކީ، މި ހިދުމަތް ޑިޖިޓަލައިޒްކޮށް، އިތުރަށް ފުރިހަމަކޮށް، އަދި ދިރާގާއި ޕަރޓްނަރުންނާއި ގުޅިގެން އެލީޓް ކްލަބްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްފަހު، ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ތަޖުރިބާގެ ފުރުސަތު ހުޅުވައިލުން ކަމަށެވެ. އަދި، އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރަމުންދާ އެލީޓް ޕާޓްނަރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، އެންމެހާ ޕަރޓްނަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ކަމަށެވެ.

އެލީޓް ކްލަބަކީ ދިރާގުގެ ކަސްޓަމަރުންނަށް ޕާޓްނަރުން މެދުވެރިކޮށް ތަފާތު އޮފާތައް ހޯދައިދީ، ކުންފުންޏާއި ކަސްޓަމަރުންގެ ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް