ގަތުލުޢާންމާއި ދައުލަތަށް ޣައްދާރުވުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިޞްލާޙު ސަރުކާރުން އަނބުރާ ގެންގޮސްފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާގޮތަށް ހަމަޖެހިފައި އޮތީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު އެވެ. މިއަދު ބިލު އަނބުރާ ގެންގޮސްފައި މިވަނީ އިއްޔެ އާއި މިއަދުގެ ޖަލްސާއަށް އެ ބިލު އެޖެންޑާކޮށްފައި އެވެ.
މި ބިލު އަނބުރާ ގެންގޮސްފައި މިވަނީ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގާ ބޮޑު މަޝްރޫޢަށް މަގު ފަހިކުރުމުގެ ބޭނުމުގައި ގެންނަ ބަދަލެއް ކަމަށް ބުނެ މި ބިލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
އެ ފާޑުކިޔުންތަކާއި ގުޅިގެން ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވިދާޅުވީ މި އިޞްލާޙަކީ ރާއްޖެއިން 42 އަހަރު ކުރިން ބައިވެރިވެފައިވާ ޖެނޮސައިޑް ކޮންވެންޝަނުން ލާޒިމުކުރާ ކަމެއް ކަމަށެވެ. އެ ބަދަލުތައް މިހާތަނަށް ނުގެނެވި އޮތުމަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ރާއްޖެއިން ވަކާލާތުކުރާ މައްސަލަތަކުގައި ޤާނޫނީ ހުށަހެޅުންތައް ބަލިކަށިވާ ސަބަބެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ބިލުގައި ހިމެނޭ ކުށްތައް ދަރަޖަކޮށްފައިވަނީ ޖިނާޔަތުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. އެ ގޮތުން، އަސާސީ މިންގަނޑަކީ 10 އަހަރުގެ ޖަލު ޙުކުމެކެވެ. އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 25 އަހަރަށް ޖަލަށް ލެވިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ވެރިއެއްގެ އަމުރަށް ތަބާވުން ނުވަތަ ޤާނޫނީ ހުއްދައެއް އޮތް ކަމަށް ބުނުމަކީ ދިފާޢެއް ނޫން ކަމަށް ވެސް އެ ބިލުގައި ކަނޑައަޅާފައިވެއެވެ.
މުސްލިމުންނާ ދެކޮޅަށް ގަތުލުޢާންމު ހިންގާފައިވާ އަދި ހިންގަމުންދާ ޤައުމުތަކާ ދެކޮޅަށް އައިސީޖޭގައި ކުރިއަށްދާ "ދަ ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިސްތިޢުމާރީ އިޒްރޭލު" މައްސަލަތަކަށް ދިވެހި ސަރުކާރު ވަނީ ތަދައްޙުލުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް