ބްރިޖެންދުރަ ޕާލް ސިންގް --
އިންޑިއާގެ މަޝްހޫރު ކްރައިމް ޝޯ ސީއައިޑީ އުފެއްދި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބްރިޖެންދުރަ ޕާލް ސިންގް (ބީޕީ ސިންގް) މަރުވެއްޖެ އެވެ.
އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން އިއްޔެ ހެނދުނު އެވެ. މަރުވި އިރު އޭނާގެ އުމުރަކީ 77 އަހަރެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ ހެނދުނު ހޭނުލައިގެން އާއިލާއިން ބެލި އިރު އެއްވެސް ހަރަކާތެއް ނެތި އޮތުމުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ބީޕީ ސިންގް މަރުވީ ހާޓްއެކޭޖެއް ޖެހިގެން ކަމަށް ވިޔަސް އޭނާ ބަލިވެ އުޅޭތާ ދުވަސްތަކެއްވެފައިވާ ކަމަށް ސީއައިޑީގައި މުހިންމު ރޯލެއް އަދާ ކުރި ދަޔާނަންދު ޝެޓީ ސޯޝަލް މީޑީއާގައި ބުނެފައިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ކްރައިމް ޝޯ ސީއައިޑީ އޭނާ އުފައްދަން ފެށީ 1998 ވަނަ އަހަރު އެވެ. ސޮނީން އެންޓަޓެއިންމެންޓް ޓެލެވިޝަންއިން ދެއްކި އެ ޝޯގެ ބައެއް އެޕިސޯޑުތަކުގައި ޑީސީޕޫ ޝަމްޝޭރު ސިންގް ޗިޓްރޯލޭގެ ރޯލުން ކެމެރާ ކުރިމަތިންވެސް ބީޕީ ފެނިފައިވެ އެވެ.
ސީއައިޑީގެ ކުރިން ސޮނީން 1995 ވަނަ އަހަރު ދެއްކި މަޝްހޫރު ބިރުވެރި ސީރީޒް އާހަތުވެސް އުފެއްދީ އޭނާ އެވެ. 20 އަހަރު ވަންދެން އެޝޯ ގެނެސްދިން އިރު އެ ޝޯ ޢާންމުންގެ މެދުގައި ފޫހިވި ދުވަސްވަރެއް ނާންނަ ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް