ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ގުރައިދޫގައި ކޭމްޕް ކޮށްފި

27 Oct 2026 | 19:09
ފަލަސްތީނުގެ ގައުމީ ޓީމުގެ ކުޅުންތެރިން ގުރައިދޫގައި -- ފޮޓޯ: އެފްއޭއެމް

ފަލަސްތީނުގެ ގައުމީ ޓީމުގެ ކުޅުންތެރިން ގުރައިދޫގައި -- ފޮޓޯ: އެފްއޭއެމް

17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ ޒުވާން ޤައުމީ ފުޓްބޯޅަ ޓީމު ކ. ގުރައިދޫގައި ކޭމްޕް ކޮށްފި ޢެވެ.

އެ ޓީމު ރާއްޖެއައީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ޢެވެ. މިދިޔަ ޢަހަރުވެސް ފަލަސްތީނުގެ 17 އަހަރުންގެ ދަށުގެ ޓީމް ކޭމްޕް ކުރީ ރާއްޖޭގައި އެވެ.

މިމިފަހަރު ގާތްގަނޑަކަށް 10 ދުވަހު ޢެޓީމު އެރަށުގައި ތިބޭނެ އެވެ. މި ކޭމްޕްގެ ސެޝަންތައް ބާއްވާނީ ގުރައިދޫ ފުޓްބޯޅަ ދަނޑުގައެވެ.

ރަށަށް ދިއުމާ އެކު ގުރައިދޫ ކައުންސިލާއި ރައްޔިތުންވަނީ ބަނދަރު ސަރަހައްދުގައި ޓީމަށް މަރުޙަބާ ކިޔުމުގެ ހަރަކާތެއް ބާއްވައިފައެވެ. ޓީމުގެ ހުރުމާއި ކެއުމާއި ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ ޚަރަދުތައް ހަމަޖައްސާފައިވަނީ އެފްއޭއެމާއި ސަރުކާރު އަދި ގުރައިދޫ ކައުންސިލް ގުޅިގެންނެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރު ވެސް ރާއްޖޭގެ ޒުވާން ގައުމީ ޓީމާއި ފަލަސްތީނުގެ ޓީމު ޓްރޭނިން މެޗުތަކެއް ކުޅޭނެއެވެ. އެ މެޗުތައް ތާވަލުކޮށްފައި އޮތީ މާލޭ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕްގެ މެޗުތައް އަންނަ މަހު އަށަކުން 20 އަށް ކުރިއަށް ގެންދާނީ އިންޑިއާގައެވެ. ފަލަސްތީނާ އެކު އެ ގުރޫޕްގައި ވާދަކުރާނީ އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ގުއާމެވެ. ފަލަސްތީނުގެ ޓީމު ރާއްޖެއިން ފުރައިގެން އިންޑިއާއަށް ދާން ހަމަޖެހިފައިވަނީ އަންނަ މަހު ފަސްވަނަ ދުވަހުއެވެ.

ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމު ވެސް ހަމަ މި މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވަމުން އަންނައިރު، ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ތައިލެންޑުގައެވެ. ރާއްޖެ އާއި ތައިލެންޑުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ އިރާޤާއި ހޮންކޮންގ އަދި ޗައިނީޒް ޓައިޕޭއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް